ފުޓްބޯޅަ މެޗެއްގައި ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފި ނަމަ ޖެހިގެން އޮންނަ މެޗުގައި އެ ކުޅުންތެރިޔަކަށް ނުކުޅެވޭނެ ކަން އެއީ އެއްވެސް އޮޅުމެއް ނެތި އެންމެނަށް ސާފުވެފައި އޮންނަ ކަމެކެވެ. އެއަކަށް އިތުރު ޝަރުތެއް ނޯވެ އެވެ. އެއީ އެޕީލް ކުރެވޭ ގޮތަށް އޮންނަ ކަމެއްވެސް ނޫނެވެ.
އެކަމަކު މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގައި އެމެރިކާ އިން ބޮސްނިއާއާ ދެކޮޅަށް ކުޚުނު މެޗުގައި އެ ޓީމުގެ ތަރި ފޮލަރިން ބަލޮގަން އަށް ދެއްކި ރަތް ކާޑާ ގު:ިގެން އޭނާ ދެ މެޗަށް ސަސްޕެންޑް ކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ފީފާ އިން ވަނީ ނިންމައިފަ އެވެ. އަދި، އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ނިންމުމާ މެދު ސުވާލު އުފައްދަމުންނެވެ.
ފީފާގެ އެ ނިންމުމާއެކު ވޯލްޑް ކަޕްގެ ގަދަ 16 ގައި އެމެރިކާ އިން މިރޭ ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ބަލޮގަންއަށް ކުޅެވޭނެ އެވެ. ބަލޮގަން އަކީ މި ވޯލްޑް ކަޕްގައި އެމެރިކާއަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ތިން ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް 189 ރަތް ކާޑު ދައްކާފައިވާއިރު ބަލޮގަންއަށް ދެއްކި ރަތް ކާޑާއެކު މިހާތަނަށް އަނބުރާ ގެންގޮސްފައިވަނީ އެންމެ ދެ ރަތް ކާޑެވެ.
ވޯލްޑް ކަޕްގައި ދެއްކި ރަތް ކާޑުތަކުގެ ތެރެއިން މީގެ ކުރިން އަނބުރާ ގެންދިޔަ ހަމައެކަނީ ރަތް ކާޑަކީ 1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ބްރެޒިލްގެ ގަރިންހާ އަށް ދެއްކި ރަތް ކާޑެވެ. އެ ކާޑު ފީފާއިން އަނބުރާ ގެންދިއުމާއެކު އޭނާ ވަނީ ޗެކަސްލެވަކިޔާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު ފައިނަލް މެޗުގައި ކުޅެފަ އެވެ. އެ މެޗު ކާމިޔާބުކޮށްފައިވަނީ ބްރެޒިލުންނެވެ.
އެކަމަކު އޭރު ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކިޔަސް އޮޓަމެޓިކް ސަސްޕެންޝަނެއް ނާދެއެވެ. ރަތް ކާޑު ދައްކާ ކުޅުންތެރިޔާ ސަސްޕެންޑް ކުރާނެތޯ ނުވަތަ ނޫންތޯ އޭރު ކަނޑައަޅަމުން އައީ މެޗުގެ އޮފިޝަލުން ދޭ ހެކިތަލަށް ބަލައި އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީ އަކުންނެވެ.
ކަން އެހެން އޮތަސް 1962 ވަނަ އަހަރު ފީފާއިން ބްރެޒިލް ކުޅުންތެރިޔާއަށް ދެއްކި ރަތް ކާޑާ ގުޅިގެން އަންނަން ޖެހޭ ސަސްޕެންޝަން ބާތިލުކުރުމާ ގުޅިގެން އޭރުވެސް ބޮޑެތި ސުވާލުތަކެއް ކުރިމަތި ކުރި އެވެ. އަދި އެކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަތް ކަމުގެ ތުހުމަތު އޮތީ ކޮށްފަ އެވެ.
މިއަދު މިއޮތީ އަނެއްކާވެސް އެ ތުހުމަތު ފީފާއަށް މާ ބޮޑަށްވެސް އަމާޒުވާނެ ހާލަތެއް ކުރިމަތިވެފަ އެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާ ދެމެދު އޮތް ގާތް ގުޅުމަކީ އެންމެނަށްވެސް އެނގޭ ބޮޑު ހަގީގަތެކެވެ.
ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލޮގަންގެ ސަސްޕެންޝަން ފީފާއިން އުވާލައިފައި މިވަނީ އެމެރކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގެ ރައީސް އިންފަންޓީނޯއަށް ގުޅައި ބަލޮގަންގެ ސަސްޕެންޝަންއާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދެއްކި ފަހުންނެވެ. ބަލޮގަންގެ ސަސްޕެންޝަން ފީފާއިން އުވާލުމާއި އެކު ޓްރަމްޕް ވަނީ އިންފަންޓީނޯއަށް ޝުކުރުވެސް އަދާކޮށްފަ އެވެ.
އެއާއެކު އެމެރިކާއަށް ފައިދާވާ ގޮތަށް ފީފާއިން މި ނިންމި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒުން ހިނގި ކަމެއް ކަމަށް ބަލައި ފީފާއަށް އިނގިލި ދިއްކުރުމުގެ ފުރުސަތު މާބޮޑަށްވެސް ވަނީ ހުޅުވިފަ އެވެ.