އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން ކަޓުވާލުމަށްފަހު ކްލަބް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކް) ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ގަދަ އަށަކުން އެވްސެކް ޖާގަ ހޯދީ ރޭ ކުޅުނު ގްރޫޕް އޭގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި އެޗްޕީއެސްއެންއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ހަތަރު ގޯލް ޖަހައިގެންނެވެ. ރޭގެ މެޗުގައި އެވްސެކުން ޖެހި ހަތަރު ގޯލްގެ ތެރެއިން އެއް ގޯލް އެޗްޕީއެސްއެންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް އިރު އެވްސެކްގެ އިބްރާހިމް ޒިޔާން ވަނީ މެޗު ނިމެން ދަނިކޮށް ކައިރިކައިރީގައި ދެ ގޯލް ޖަހައިފަ އެވެ. މި މެޗު ފަށައިގެން މާ ގިނައިރު ތަކެއް ނުވަނީސް އެޗްޕީއެސްއެންގެ އަހްމަދު ރިލްވާން ގޯލެއް ޖަހައި އެ ޓީމަށް ލީޑް ނަގައިދީފައިވަނިކޮށް އެވްސެކަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އީމާން އިލްޔާސް އެވެ.
ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަ އެވްސެކުން ކަށަވަރުކުރިއިރު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލެވެ. ފަސް ޓީމު ހިމެނޭ މި ގްރޫޕްގެ އެއްވަނަ ހުޅުމާލެ ހޮސްޕިޓަލުން ހޯދީ އެޓީމު ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.
ގްރޫޕް އޭގައި ރޭ ކުޅުނު އަނެއް މެޗުގައި ޕެމާއިން ވަނީ ބަންޑާރަ ކްލަބް 4-10 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ޕެމާއަށް ކުޅެމުން އަންނަ ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހެޓްރިކް ހެދިއިރު އެޓީމުގެ އަހްމަދުﷲ މުހައްމަދު ވަނީ ހަތަރު ގޯލް ޖަހައިފަ އެވެ. ޕެމާއަށް ރޭގެ މެޗުގައި އިތުރު ގޯލްތައް ޖަހައިދީފައިވަނީ އަހްމަދު ފިޔާޒާއި، ފަރުހަތު މުހައްމަދުގެ އިތުރުން މުހައްމަދު އަޒްމީލެވެ. ރޭގެ މެޗުގައި ބަންޑާރަ ކްލަބުން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް އެ ޓީމުގެ އަލީ ޖަލީލް އަހްމަދު ކާމިޔާބުކުރި އިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމް ޒާހިދާއި، އަހްމަދު އައުސަމް އެވެ.
https://fahuminet.com/tournaments/cmc-classic-2026
ރޭ ގްރޫޕް ބީގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރީ މެޗަށް ނުކުތްއިރުވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައި އޮތް ކްރިމިނަލް ކޯޓާއި، މި މުބާރާތުގައި ކުޅުނު އެއްވެސް މެޗެއް ކާމިޔާބުކުރެވިފައި ނެތް އެސްއެމްއީ ޑިޖިޓަލް އެވެ. މި މެޗު 0-7 އިން ކްރިމިނަލް ކޯޓް ކާމިޔާބުކުރި އިރު މި މެޗުގައި އެޓީމުގެ ތަރި ޔައިޝް މުސްތަފާ ވަނީ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން މި މެވުގައި ކްރިމިނަލް ކޯޓްގެ މުހައްމަދު ޝަފްރާޒް ދެ ގޯލް ކާމިޔާބުކުރި އިރު އެ ޓީމުގެ މުސްލިމް މުހައްމަދާއި، އަލީ ނަދީމް ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ.
ގްރޫޕް ބީ ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ހެލްތު ރިކްރިއޭޝަން ކްލަބްގެ މައްޗަށް ކުރި ހޯދައިގެން އިކޮނޮމިކް މިނިސްޓްރީގެ މެޑްޓީޓީ ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި މެޗު 1-5 އިން މެޑްޓީޓީ ކާމިޔާބުކުރިއިރު އެޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ އިރުފާން އާދަމާއި، މުހައްމަދު ނަވީންގެ އިތުރުން އަލީ އިބްރާހިމާއި، އަހްމަދު އާލިމެވެ. މި މެޗުގައި ހެލްތުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް އަޒުހާނެވެ.