ފުރަތަމަ ސަފްޙާ / ޚަބަރު / އިންގްލެންޑާއި، މެކްސިކޯގެ ބޮޑު މެޗަށް ފުރިހަމަކަން ގެނެސްދެނީ ތާރީހީ ސްޓޭޑިއަމް
އިންގްލެންޑާއި، މެކްސިކޯގެ ބޮޑު މެޗަށް ފުރިހަމަކަން ގެނެސްދެނީ ތާރީހީ ސްޓޭޑިއަމް
މަރަޑޯނާ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އަޒްޓެކާ ސްޓޭޑިއަމްގައި އުފުލާލަނީ. މެކްސިކޯ އާއި އިންގްލެންޑްގެ ވާދަވެރި މެޗު ކުޅޭނީ މި ސްޓޭޑިއަމްގައި.

އިންގްލެންޑާއި، މެކްސިކޯގެ ބޮޑު މެޗަށް ފުރިހަމަކަން ގެނެސްދެނީ ތާރީހީ ސްޓޭޑިއަމް

ފަހުމިނެޓް
ފަހުމިނެޓް
6 ގަޑިއިރު ކުރިން 5 ޖުލައި 2026

ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ މެކްސިކޯ އާއި އިންގްލެންޑް ވާދަކުރާއިރު މި މެޗު ކުޅޭ ސްޓޭޑިއަމް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެހެން އެއްވެސް ސްޓޭޑިއަމަކަށް ލިބިފައި ނެތް ވަރުގެ ހާއްސަ މަގާމެއް  ލިބިފައިވާ ސްޓޭޑިއަމެކެވެ.

ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ޕެލޭ ތިން ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ބްރެޒިލަށް ހޯދައިދިނީ މި ސްޓޭޑިއަމްގަ އެވެ. ޕެލޭ އަށް ފަހު މުޅި ދުނިޔެ ހައިރާން ކޮށްލި ފުޓްބޯޅަ ލެޖެންޑް، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އާޖެންޓީނާއަށް ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ހޯދައިދިނީ ވެސް  87,000 އަށްވުރެ ގިނަ މީހުންނަށް ކުޅިބަލަން ވަދެވޭ މި ސްޓޭޑިއަމްގަ އެވެ.

"އަޒްޓެކާ އަކީ ވަރަށް ހާއްސަ ކަންތައްތަކެއް އެކުލެވޭ ތަނެއް. އެކަން އިހުސާސް ކޮށްލެވޭނީ ނުވަތަ އެކަން ދެނެގަނެވޭނީ އެތަނަށް ވަދެގެން އެކަނި." ޕެލޭ ބުނެފައިވެ އެވެ.

އަޒްޓެކާ ސްޓޭޑިއަމްގައި މިހާތަނަށް ތަފާތު ތިން ވޯލްޑް ކަޕެއްގެ މެޗުތައް ކުޅެފައިވާއިރު މިއީ ދުނިޔޭގެ އެހެން އެއްވެސް ސްޓޭޑިއަމަކަށް ލިބިފައި އޮތް ޝަރަފެއް ނޫނެވެ. އަޒްޓެކާ ސްޓޭޑިއަމްގައި 1970 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް މެޗުތަކާއި، 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕް މެޗުތަކުގެ ތެރެއިން ބައެއް މެޗުތަކަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ މެޗުތަކެވެ.

މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިޓަލީ އާއި ވެސްޓް ޖާމަނީ ބައްދަލުކުރި މެޗަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ކުޅުނު އެންމެ ފާހަގަކޮށްލެވޭ މެޗު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 90 މިނެޓް ހަމަވިއިރު 1-1 އިން އެއްވަރުވި އިރު އެ މެޗުގެ އިތުރު ވަގުތުގައި ފަސް ގޯލް ވަނީ ޖަހައިފަ އެވެ. މި މެޗު 3-4 އިން ކާމިޔާބުކުރީ އިޓަލީ އެވެ.

މެކްސިކޯ އާއި އިންގްލެންޑް ވާދަކުރާ މެޗު ކުޅޭ އަޒްޓެކާ ސްޓޭޑިއަމް. މެޗުގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ.
މެކްސިކޯ އާއި އިންގްލެންޑް ވާދަކުރާ މެޗު ކުޅޭ އަޒްޓެކާ ސްޓޭޑިއަމް. މެޗުގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ.

އެ ތާރީހީ މެޗުން އިޓަލީ މޮޅުވި ނަމަވެސް ފައިނަލްގައި އެ ޓީމުގެ މައްޗަށް 1-4 އިން ކުރި ހޯދީ ޕެލޭގެ ބްރެޒިލް އެވެ. އަޒްކެޓާ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ވޯލްޑް ކަޕް ފައިނަލްގައި ބްރެޒިލުން އިޓަލީ ކޮޅަށް އެޓީމުން ވައްދާލި ފަހު ލަނޑަކީ މިހާތަނަށް ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ރީތި ޓީމުވަންތަ ގޯލެވެ. އެ ގޯލް ބްރެޒިލްގެ ޑިފެންޑަރު ކާލޯސް އަލްބާޓޯ އިޓަލީގެ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލުމުގެ ކުރިން އެ ހަމަލާ އުފެއްދުމުގައި ބްރެޒިލް ޓީމުގެ ތިން ކުޅުންތެރިއަކު ފިޔަވައި  އެހެން ހުރިހާ ކުޅުންތެރިން ބައިވެރިވި އެވެ.

އެތަނުގެ ތެރޭގައި އެ އޮތް މާހައުލާއި، އެ ފައިނަލް މެޗުގައި އެ ހުރި އަޑާއި، އެއީ ވަރަށް އާދަޔާ ހިލާފު ކަންތައްތަކެއް. އެއީއަކީ ދުލުން ބަޔާންކޮށްދޭން އެހާ ފަސޭހަ ކަންތައްތަކެއް ނޫން. 

ފައިނަލް މެޗަށްފަހު ކާލޯސް އަލްބާޓޯ ބުނެފައިވެ އެވެ.

އޭގެ 16 އަހަރު ފަހުން ހަމަ އެ ސްޓޭޑިއަމްގައި ވިދާލީ ޕެލޭއަށް ފަހު ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް އެންމެން ވެސް އެއްބަސްވާ ޑިއެގޯ މަރަޑޯނާ އެވެ. 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕަކީ އެއް ކުޅުންތެރިއަކު އެންމެ ބޮޑަށް މުބާރާތް ޑޮމިނޭޓް ކުރި ފަހަރެވެ. އޭރު އުމުރުން 25 އަހަރުގެ ަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ފަސް ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން މަރަޑޯނާ ވަނީ އިތުރު ފަސް ގޯލް ޖަހަން އެހީތެރިވެދީފަ އެވެ.

އެފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މެޗުގައި މަރަޑޯނާ ޖެހި ދެ ގޯލަކީ މިއަދުވެސް އޭގެ ވާހަކަ ދެކެވޭ ދެ ގޯލެވެ. ފުރަތަމަ ގޯލަކީ މަރަޑޯނާ އަތުން ޖަހާ ވައްދާލި ގޯލެއް ކަމަށް އިނގިރޭސި ސަޕޯޓަރުން ބުނާއިރު ދެވަނަ ގޯލް މަޝްހޫރުވެފައިވަނީ މިހާތަނަށް ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އިންޑިވިޖުއަލް ހުނަރު ދައްކަވައިދޭ އެންމެ މޮޅު ގޯލްގެ ގޮތުގަ އެވެ. އާޖެންޓީނާގެ ހާފުގެ ތެރެއިން  މަރަޑޯނާ އަށް ލިބުނު ބޯޅަ އިންގްލެންޑްގެ ފަސް ކުޅުންތެރިންނާއި، ގޯލްކީޕަރު ކަޓުވާލުމަށްފަހު ގޯލަށް ވައްދާލަން ނެގީ އެންމެ 11 ސިކުންތެވެ.

ޑިއެގޯ މަރަޑޯނާ މަރުވުމުގެ ހަތަރު އަހަރުކުރިން ދިން އިންޓަވިއުއެއް ގައި އޭނާ ބުނެފައިވަނީ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ މުހިންމު މެޗު ކަމަށެވެ.

މިރޭގެ މެޗަށް މެކްސިކޯއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު އެޓީމަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކަށް ވާނީ އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯ ޓީމު ދަމަހައްޓަމުން އަންނަ ރެކޯޑެވެ. މި ސްޓޭޑިއަމްގައި މެކްސިކޯ އިން މިހާތަނަށް ކުޅެފައިވާ ބައިނަލްއަގްވާމީ 89  މެޗުގެ ތެރެރއިން 70 މެޗުން އެ ޓީމު މޮޅުވެފައިވާއިރު މެކްސިކޯ ބަލިވެފައިވަނީ އެންމެ ދެ ފަހަރު އެވެ.

މީގެ އިތުރުން މި ސްޓޭޑިއަމަކީ ކަނޑުގެ ސަތަހައަށްވުރެ 2,200 މީޓަރު އުހުގައި ބިނާކޮށްފައިވާ ސްޓޭޑިއަމަކަށްވުމާއެކު ހަށިގަނޑުގެ ތެރެއަށް އޮކްސިޖަން އެތެރެކުރެވޭ މިންވަރު މަދުވެ އަވަހަށް ވަރުބަލިކަން އިހްސާސްވުމަކީ މެކްސިކޯ ކުޅުންތެރިންނަށްވުރެ ބޮޑަށް އިންގްލެންޑް ކުޅުންތެރިންނަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ. މެކްސިކޯ އާއި އިންގްލެންޑް ވާދަކުރާ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މިރޭ ފަތިހު 5 ޖަހާއިރު އެވެ.   

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings