މިފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ދިވެހިންގެ ސަމާލުކަން ހުއްޓޭނެ އެއް މެޗަކީ މިރޭ ބްރެޒިލްއާއި ނޯވޭ ވާދަކުރާ މެޗެވެ. ރާއްޖޭގެ ގަޑިން މިރޭ މެންދަމުން އަލިވެ 1 ޖަހާއިރު ފަށާ ގޮތަށް ހަމަޖެހިފައިވާ މި މެޗުގައި އެއްކޮޅުން ވާދަކުރާ ބްރެޒިލްއަލީ އެންމެ ގިނަ ދިވެހިންގެ އެއް ފޭވަރިޓަށް ވާއިރު އަނެއް ކޮޅުން ވާދަކުރާ ނޯވޭ ޓީމުގެ ފޯވާޑް ލައިންގައި އެންމެ އިސްކޮށް ހުރީ ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ ދިވެއްސަކު ހެން ދަންނާނެ އާލިން ހާލަންޑެވެ.
މިހާތަނަށް ފަސް ފަހަރު ޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްއާ އަޅާ ބަލާއިރު ނޯވޭގެ ވޯލްޑް ކަޕް ތަޖުރިބާ މާ ބޮޑަށްވެސް މަދެވެ. މިއީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގައި ނޯވޭ ވާދަކުރި ފަހުން މި މުބާރާތުގައި އެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ.
އިޓަލީގެ ރައްޔިތެއް ކަމަށްވާ ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަ ބްރެޒިލް ގަދަ 16 އިން ޖާގަ ހޯދާފައިވަނީ ގަދަ 32 ގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލާއެކު 1-2 އިން ޖާޕާނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކޮށް އެއްވަރުވި ނަމަވެސް ފަހުން ހެއިޓީ އަދި ސްކޮޓްލެންޑާ ވާދަކޮށް ކުޅުނު މެޗު 0-3 އިން ބްރެޒިލުން ވަނީ ކާމިޔާބުކޮށްފަ އެވެ.
ނޯވޭ މި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައި ވަނީ ގަދަ 32 ގައި އައިވަރީ ކޯސްޓާއި ވާދަކޮށް 1-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގައި ނޯވޭއިން ފުރަތަމަ ކުޅުނު މެޗު އިރާގާ ވާދަކޮށް ފަސޭހަ ކަމާއެކު 1-4 އިން ކާމިޔާބުކުރި އިރު ދެވަނަ މެޗުގައި އެ ޓީމުން ވަނީ އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ސެނެގާލްގެ މައްޗަށް 2-3 އިން ކުރި ހޯދައިފަ އެވެ. ގްރޫޕްގެ ފަހު މެޗާ ހަމައަށް އައިއިރު ގަދަ 32 ގެ ޖާގަ ކަށަވަރުވެފައި އޮތުމާއެކު ނޯވޭއިން ފަހު މެޗުގައި ފްރާންސްއާ ދެކޮޅަށް ނެރުނީ ބެންޗު ޓީމެވެ. ސެނެގާލާ ދެކޮޅަށް ނޯވޭ އިން ނެރުނު ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ދިހަ ކުޅުންތެރިއަކު ފްރާންސް މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެއް ނުވެ އެވެ. ހާލަންޑް ނުލައި ފެށި އެ މެޗުން ނޯވޭ ބަލިވީ 1-4 އިންނެވެ.
މިރޭގެ މެޗު ބައެއް ފަރާތްތަކުން ސިފަކުރަނީ ބްރެޒިލްގެ ފޯވާޑް ވިނިކިއަސް ޖޫނިއާ އާއި ނޯވޭގެ ފޯވާޑް އާލިން ހާލަންޑްގެ ހަނގުރާމައެއްގެ ގޮތުގަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މި ދެ ކުޅުންތެރިންގެ ތެރެއިން ވިނީ މި މުބާރާތުގައި މިހާތަނަށް ހަތަރު ގޯލް ކާމިޔާބުކޮށްފައިވާއިރު ހާލަންޑް ވަނީ މިހާތަނަށް ފަސް ގޯލް ކާމިޔާބުކޮށްފަ އެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ނޯވޭ އާއި ބްރެޒިލް ވާދަކޮށްފައިވަނީ އެންމެ ހަތަރު ފަހަރު އެވެ. މިއިން އެއްވެސް ފަހަރަކު ބްރެޒިލަށް ނޯވޭގެ މައްޗަށް ކުރި ހޯދިފައި ނުވާއިރު ނޯވޭއިން ވަނީ ދެ ފަހަރު ބްރެޒިލް ބަލިކޮށްފަ އެވެ. އޭގެ ތެރެއިން އެއް މެޗަކީ އެންމެ ފަހުން ނޯވޭ ކުޅުނު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ބްރެޒިލާ ވާދަކުރި މެޗެވެ. އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން އެ މުބާރާތުގައި ވާދަކުރި ބްރެޒިލާއި، ނޯވޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރި އިރު ބްރެޒިލްގެ މައްޗަށް 1-2 އިން ނޯވޭ އިން ކުރި ހޯދީ ބްރެޒިލުން ލީޑް ނަގައިފައިވަނިކޮށް ފަހަތުން އަރަ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކި 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ކޮރެޔާގައި ބޭއްވި ވޯލްޑް ކަޕްގެ ތަށި ބްރެޒިލުން އުފުލާލި ފަހުން ޔޫރަޕްގެ ޓީމެއްގެ މައްޗަށް ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި އެޓީމަށް ކުރި ހޯދިފައި ނެތް ކަމެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ކުއާޓާ ފައިނަލްގައި ފްރާންސް އަތުން ބަލިވިއިރު އޭގެ ހަތަރު އަހަރު ފަހުން ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވީ ނެދަލޭންޑްސް އަތުންނެވެ. ޖެހިގެން އައި ވޯލްޑް ކަޕް އަމިއްލަ ގައުމުގައި އޮތް ނަމަވެސް ބްރެޒިލަށް ދެވޭ ވަރުވީ ސެމީ ފައިނަލާ ހަމައަށެވެ. އެފަހަރު ސެމީ ފައިނަލްގައި ޖަރުމަނާ ވާދަކޮށް ބަލިވީ 1-7 އިންނެވެ. ދެން އައީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕެވެ. އެފަހަރު ކުއާޓާ ފައިނަލްގައި ބެލްޖިއަމް އަތުން ބަލިވި އިރު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ހަމައިން ކަޓައިގެން ދިޔައީ ކްރޮއޭޝިއާ އަތުން ބަލިވެގެންނެވެ. މި ހިތްދަތި ސިލްސިލާ ބްރެޒިލަށް މިރޭ ނިމުމަކަށް ގެނެވިދާދާނެތޯ ބަލަން ތިބެމާ ހިނގާށެވެ.