ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކިޑްސަލް މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު އެލީޓް އެކަޑަމީ އާއި އެސްޕަޔާ އެކަޑަމީ ވާދަކުރާނެ އެވެ.
އެކަޑަމީތަކަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް މިއަހަރު ފެށި މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވާދަކޮށްފައިވާއިރު މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިއަދު ހަވީރު 4:15 ގައި ފަށާ ފައިނަލްގައި ވާދަކުރާ އެލީޓާއި، އެސްޕަޔާ ހިމެނުނީ ތަފާތު ދެ ގްރޫޕެއްގައި ކަމަށްވުމާއެކު މިއީ މިދެ ޓީމު މި މުބާރާތުގައި ބައްދަލުވާ ފުރަތަމަ ފަހަރެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ ކިޑްސަލް މުބާރާތުގެ ފައިނަލަށް އެލީޓް އެކަޑަމީ އައިސްފައިވަނީ މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު އެވެ. އެލީޓުން ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގައި ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދުމަށްފަހު ސެމީ ފައިނަލްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
މި މުބާރާތުގައި އެލީޓުން ކުޅުނު ހަ މެޗުގައި 34 ގޯލް ކާމިޔާބުކޮށްފައިވާއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ އަށް ގޯލެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން އެޓޭކާއި، ޑިފެންސް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެލީޓެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައި އޮތީވެސް އެލީޓްގެ ކުޅުންތެރިއެކެވެ. ޖުމްލަ 15 ގޯލާއެކު ލަނޑު ލިސްޓްގެ އެއްވަނައިގައި އޮތް އެ ޓީމުގެ އާދު ބިން މުހައްމަދު ވަނީ ކުޅުނު ހަ މެޗުގެ ތެރެއިބން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.
https://fahuminet.com/tournaments/kidsal-2026
އެލީޓާއި ވާދަކުރާ އެސްޕަޔާއިން މި މުބާރާތުގައި ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ނުވެވުނީ އެލީޓް އަތުން ސެމީގައި ބަލިވި ނިއުރޭޑިއަންޓާ ވާދަކޮށް ކުޅުނު މެޗުން އެކަންޏެވެ. މުބާރާތުގެ ފައިނަލުން އެސްޕަޔާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ވިލިމާލެ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދުމަށްފަހު ސެމީ ފައިނަލްގައި މި މުބާރާތުގައި އެންމެ ރަގަޅު ކުޅުމެއް ދެއްކި އެއް ޓީމު ކަމަށްވާ ކްލަބް ވެލެންސިޔާ ބަލިކުރުމަށްފަހު އެވެ.
މުބާރާތުގައި އެސްޕަޔާއިން ކުޅުނު ހަ މެޗުގައި 26 ގޯލް ކާމިޔާބުކޮށް ފައިވާއިރު އޭގެ ތެރެއިން 15 ގޯލަކީ ނޮކައުޓް ސްޓޭޖުގައި އެ ޓީމުން ކާމިޔާބުކުރި ގޯލްތަކެވެ. މި މުބާރާތުގައި އެސްޕަޔާ ކޮޅަށް ވަދެފައިވަނީ ޖުމްލަ 12 ގޯލެވެ.