މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި އެމްޕީއެލް އާއި ސްޓެލްކޯ އިން ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރުމާއެކު އެ ދެ ޓީމު ހިމެނޭ ގްރޫޕް އޭގެ ފޯރި ގަދަ ވެއްޖެ އެވެ.
ގްރޫޕް އޭގައި ރޭ އެމްޕީއެލް އިން ކްލަބް ޓީޓީއެސްގެ މައްޗަށް ކުރި ހޯދީ 2-7 އިންނެވެ. މި މެޗުގައި އެމްޕީއެލްގެ އަހްމަދު ނިޒާމް ދެ ގޯލް ޖެހި އިރު އެ ޓީމަށް ރޭގެ މެޗުގައި ޖެހި އިތުރު ގޯލްތައް ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން ޓީޓީއެސް ކޮޅަށް ގޯލެއް ވައްދާލި އިބްރާހިމް އަތީގާއި، އިބްރާހިމް ވަހީދު ހަސަން އަދި މުހައްމަދު ސަހާއުގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ޔޫން އެވެ. ރޭގެ މެޗުގައި ޓީޓީއެސް އިން ޖެހި ދެ ގޯލް ވެސް ކާމިޔާބުކުރީ ހަސްން ނަޒީމް (ޗޯޓު) އެވެ.
ރޭ ގްރޫޕް އޭގައި ކުޅުނު އަނެއް މެޗުގައި ސްޓެލްކޯ ރިކްރިއޭޝަން ކްލަބުން ވަނީ 2-6 އިން ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. މިއަހަރު ބޭއްވި އޮފީސް ލީގާއި އަދި ކިންގްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ރިމާހް ރޭގެ މެޗުގައި ސްޓެލްކޯ އަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު މުހައްމަދު ސުހާންވެސް ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ސްޓެލްކޯއަށް ރޭގެ މެޗުގައި އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނަޒީމާއި، ޝުވައިދު ސައީދެވެ. ޕޮލިސް ކްލަބަށް ރޭގެ މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައިހަމާއި، މުހައްމަދު ނަޖާހެވެ.
ގްރޫޕް އޭގައި ރޭ ކުޅުނު ދެ މެޗާއެކު އެމްޕީއެލް އާއި ސްޓެލްކޯ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން އެއްވަނައިގައި އޮތީ އެމްޕީއެލް އެވެ. ތިން ޕޮއިންޓާއެކު ތިންވަނައިގައި ޓީޓީއެސް އޮތް އިރު ފުލުގައި އޮތް ޕޮލިސް ކްލަބަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ރޭ އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނުނީ ގްރޫޕް ޑީ ގައި ރޯޑް ރިކްރިއޭޝަން ކްލަބާއި، ކްލަބް ފެން ވާދަކުރި މެޗުގަ އެވެ. މި މެޗު 1-11 އިން އާރްއާރްސީ ކާމިޔާބުކުރިއިރު އެޓީމުގެ އަލީ ހާފިޒް (ހާއްޕެ) ވަނީ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން އާރްއާރްސީގެ ހުސައިން ގައްސާން ލަބީބާއި، އަހްމަދު އަފްލާޒާއި އަދި އިސްމާއިލް މުނީޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކުރި އިރު އަހްމަދު ރިޒްވާން (ރިޒޭ) އާއި ޒައިން ޒަފަރު ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ފެން ކްލަބަށް ސުން ކަނޑުވައިދިނީ ސައިފާން އަހްމަދު މަނިކެވެ. ރޭގެ މޮޅާއެކު މުބާރާތުގައި އާރްއާރްސީއިން މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު ފެން ކްލަބް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
https://fahuminet.com/tournaments/club-maldives-cup-2026
ގްރޫޕް ޑީ ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ކްލަބް އެޗްޑީސީއިން ވަނީ ކްލަބް އިމިގްރޭޝަންގެ މައްޗަށް 3-6 އިން ކުރި ހޯދައިފަ އެވެ. މި މެޗުގައި އެޗްޑީސީގެ މުހައްމަދު ސާދު ނިޒާރު ހެޓްރިކް ހަދާފައިވާއިރު އެޗްޑީސީއިން ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާ ވަނީ ހަތަރު ގޯލް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގައި އެޗްޑީސީއިން އިމިގްރޭޝަން ކޮޅަށް ވައްދާލި އަނެއް ތިން ގޯލް ކާމިޔާބުކޮށްދީފައިވަނީ ނާއިޒް ހަސަން (ދާދު) އާއި ޔާމިން މުހައްމަދު (ޔާންޓެ) ގެ އިތުރުން ހުސައިން ސުހޭލެވެ. ރޭގެ މެޗުގައި އިމިގްރޭޝަނުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް އަހްމަދު އައިހަމް ކާމިޔާބުކުރި އިރު އަނެއް ގޯލް ޖަހައިފައިވަނީ ހައިސަމް ރަޝީދެވެ.
ގްރޫޕް ޑީގައި ރޭ ކުޅުނު ދެ މެޗާއެކު އާރްއާރްސީ އާއި އެޗްޑީސީ އަށް ހަ ޕޮއިންޓްލިބިފައިވާއިރު ގޯލްގެ ތަފާތުން ކުރީގައި އޮތީ އެޗްޑީސީ އެވެ.