މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް އެމްއޭސީއެލުން ޖެހިލި އިރު ކަސްޓަމްސް އިން މުހިންމު މޮޅެއް ހޯދައި އުންމީދު އާކޮށްފި އެވެ. އެވެ.
ރާއްޖޭގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލާ ގާތަށް އެމްއޭސީއެލް ޖެހިލީ ރޭ ގްރޫޕް ބީ ގައި ޔުނައިޓެޑް ބީއެމްއެލްއާ ވާދަކޮށް ކުޅުނު މެޗު 3-6 އިން ކާމިޔާބުކޮށްގެންނެވެ. މުބާރާތުގައި އެމްއޭސީއެލުން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އެމްއޭސީއެލް މިވަގުތު އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ.
އެމްއޭސީއެލްއާއި ބީއެމްއެލް ރޭ ވާދަކުރި މެޗުގައި ފުރަތަމަ ތިން ގޯލް ޖަހައި އެމްއޭސީއެލުން ބޮޑު ލީޑެއް ނަގައިފައި ވަނިކޮށް ފަހަތުން އަރައި ތިން ގޯލް ޖަހައި ބީއެމްއެލުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. އެމްއޭސީއެލުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ ފަހު ދެ މިނެޓް ތެރޭ އިތުރު ތިން ގޯލް ޖަހައިގެންނެވެ. ރޭގެ މެޗުގައި އެމްއޭސީއެލުން ޖެހި ހަ ގޯލްގެ ތެރެއިން ހަތަރު ގޯލް ޖަހައިފައިވަނީ މި މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައިވެސް ހެޓްރިކް ހެދި މުހައްމަދު ހުސާމެވެ. އެމްއޭސީއެލުން ޖެހި އަނެއް ދެ ގޯލް ކާމިޔާބުކުރީ މުހައްމަދު ޖިނާހާއި، ފަހްމާން އަބްދުލްހަމީދެވެ. ބީއެމްއެލުން ރޭ ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑު އެމްއޭސީއެލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް އިރު އަނެއް ދެ ގޯލް ކާމިޔާބުކުރީ އިބްރާގިމް ހަމްދާނާއި އުނައިސް ޒުބޭރެވެ.
ގްރޫޕް ބީގައި ރޭ ކުޅުނު އަނެއް މެޗުގައި ޓީމް ފެނަކައާއި، ކަސްޓަމްސް ވާދަކުރި މެޗު 3-4 އިން ކާމިޔާބުކުރީ ކަސްޓަމްސް އެވެ. ފުރަތަމަ މެޗުގައި ބީއެމްއެލްއާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވި ކަސްޓަމްސް އިން ރޭގެ މެޗުގައި ޖެހި ހަތަރު ގޯލްގެ ތެރެއިން އެއް ގޯލަކީ ފެނަކަ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ކަސްޓަމްސް އިން ރޭގެ މެޗުގައި ޖެހި އަނެއް ތިން ގޯލްތައް ކާމިޔާބުކޮށްދިނީ އަބްދުއްސަމީއު ހަސަން، ޔައިޝް ޖަމީލް އަދި ހުސައިން އައިހަމެވެ. ރޭގެ މެޗުގައި ފެނަކައަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު ވަހީދާއި، މުހައްމަދު އަރީޝްގެ އިތުރުން ހުސައިން ރިފާއު އެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު ގްރޫޕް އޭގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި އެސްޓީއޯ އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި އިރު މި މެޗު 0-3 އިން ކާމިޔާބުކުރީ އެސްޓީއޯ އެވެ. މި މެޗުގައި އެސްޓީ އޯ އިން ޖެހި ތިން ގޯލްގެ ތެރެއިން އެއް ގޯލް ސިފައިންގެ ކްލަބްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތްއިރު އަނެއް ދެ ގޯލް ކާމިޔާބުކުރީ އަހްމަދު ރާހިލް ރަޝީދާއި، އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ސޮރޫޝް އެވެ.
ރޭ އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނުނީ ގްރޫޕް ބީގައި އެމްޓީސީސީއާއި ޓީމް އެފްއެސްއެމް ވާދަކުރި މެޗުގަ އެވެ. މި މެޗު 1-7 އިން އެއމްޓީސީސީ ކާމިޔާބުކުރި އިރު އެމްޓީސީސީގެ މުހައްމަދު އިސާމް (ޝަންޓޭ) ވަނީ ހެޓްރިކް ހަދައިފަ އެވެ. އެމްއޓީސީއަށް ރޭ ދެން ގޯލްތައް ޖަހައިދިނީ އަޔާޒް އަހްމަދު (އަޔާ) އާއި އަލީ މާއިސް (މައްޓު)ގެ އިތުރުން ސާމިން މުހައްމަދު ނަސީރެވެ. އެފްއެސްއެމުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބުކުރީ ހުޒައިފަތު ބިން ހުސައިން އެވެ.