ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ބާއްވަން ފެށި ކިޑްސަލް މުބާރާތުގެ ފައިނަލުގެ ޖާގަތައް އެލީޓް އެކެޑަމީ އާއި އެސްޕަޔާ އެކެޑަމީން ހޯދައިފި އެވެ.
މި ދެޓީމު ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ. ގަޑި ހުއްޓައިގެން ކުޅުނު ސެމީ ފައިނަލުގެ ދެ މެޗުގައި ވެސް ގިނަ ގޯލުތަކަކާއެކު ބޮޑު ވާދަވެރިކަމެއް ފެނުނެވެ.
ފުރަތަމަ ސެމީގައި އެލީޓް އެކެޑަމީ މޮޅުވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 4-6 އިންނެވެ.
މެޗުގައި އެލީޓުގެ ހަ ގޯލުގެ ތެރެއިން މުހައްމަދު ރައުޝަމް ރަމީޒާއި އާދު ބިން މުހައްމަދު ނިޔާޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ދެ ގޯލު ޖެހީ ކިޔާން ބިން އަލީ ރަޒީ އާއި ޔޫސުފް ލުގުމާން ނަސީމް އެވެ.
ނިއު ރޭޑިއަންޓުގެ ރާއިޝް ރަމީޒް މެޗުގައި ހެޓްރިކް ހެދިއިރު އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޔޫސުފް ލާއިގް އިބްރާހީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެލީޓްގެ އާދު އެވެ.

ދަނޑު ބޭރުންވެސް ވާދަވެރިކަން ފެނިގެން ދިޔަ ދެ ވަނަ ސެމީގައި އެސްޕަޔާ މޮޅުވީ ކްލަބް ވެލެންސިއާއާ ވާދަކޮށް 10-5 އިންނެވެ.
އެސްޕަޔާއިން ޖެހި 10 ގޯލުގެ ތެރެއިން އަހުމަދު އާހިލް ހުސައިން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އަދި ޔަލްސަން ބިން ހިސާން ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ މައިކް މުހައްމަދު ކަލީމް އާއި އަހުމަދު ޔާލް ޝުޖާއު ވެސް ގޯލު ޖެހި އެވެ. އަނެއް ގޯލަކީ ވެލެންސިއާގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ޔަލްސަން އެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ.
ކިޑްސަލްގެ ފުރަތަމަ މުބާރާތުގައި 10 ޓީމަކުން ވާދަކުރި އެވެ. ކުއާޓާ ފައިނަލަށް ހޮވުނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދި ހަތަރު ޓީމެވެ.
https://www.fahuminet.com/tournaments/kidsal-2026
ކިޑްސަލް އަކީ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ ހަތް މުބާރާތުގެ ތެރެއިން އެއް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި މިހާތަނަށް އައިއިރުވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ވަނީ ފެނިގެންގޮސްފަ އެވެ.