މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ތިން ވަނަ މެޗު ވެސް ކާމިޔާބުކޮށް ހުޅުމާލެ ހޮސްޕިޓަލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ހުޅުމާލެ ހޮސްޕިޓަލް ވަނީ ބަންޑާރަ ކްލަބާ ވާދަކޮށް 0-7 އިން މޮޅުވެފަ އެވެ. މެޗުގައި ހުޅުމާލެ ހޮސްޕިޓަލްގެ އިބްރާހީމް ސޯލިހާއި، ހަސަން ނާއިފް އަދި އާދިލް އަބްދުއްރަހްމާން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ އަހުމަދު ފަތީން އެވެ.
ފަސް ޓީމު ހިމެނޭ ގްރޫޕުގެ އެއް ވަނައިގައި ހުޅުމާލެ ހޮސްޕިޓަލް އޮތީ 9 ޕޮއިންޓާ އެކު އެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން އެޗްޕީއެސްއެން އިން ވަނީ ޕެމާއާ ވާދަކޮށް 0-1 އިން މޮޅުވެފަ އެވެ. މެޗުގައި އެޗްޕީއެސްއެންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަހީމް އެވެ.
ރޭ އެންމެ ބޮޑު މޮޅު ހޯދީ ކްރިމިނަލް ކޯޓުންނެވެ. ހެލްތު ރެކްރިއޭޝަން ކްލަބާ ވާދަކޮށް އެޓީމު ރޭ މެޗު ކާމިޔާބުކުރީ 0-8 އިންނެވެ. މެޗުގައި ކްރިމިނަލް ކޯޓުގެ ޔައިޝް މުސްތަފާ ވަނީ ހެޓްރިކް ހަދައިފަ އެވެ. ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި އަލީ ޝާޒީ ހިލްމީ އާއި މުހައްމަދު ހައްސާން އަހުމަދާއި މުހައްމަދު ޝަފްރާޒްގެ އިތުރުން މުހައްމަދު ޝާއިފް ސާމިރު އެވެ.
ކްލަބް ބިނާރާ ރޭ ކުޅުނު މެޗުގައި ވަނީ ތައުލީމީ ގުޅުން 1-5 އިން ބަލިކޮށްފަ އެވެ. މެޗުގައި ބިނާރާގެ އަހުމަދު ރުވާއު ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި އެޓީމުގެ އިބްރާހީމް ނާމީ ދެ ގޯލު ޖެހި އެވެ. ތައުލީމީ ގުޅުމުގެ ހަމައެކަނި ގޯލު ޖެހީ އުމަރު ފާރޫގެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި ހުޅުމާލެ ހޮސްޕިޓަލް އޮތްއިރު މިވަގުތު ދެ ވަނައިގައި އޮތީ 6 ޕޮއިންޓާ އެކު އެޗްޕީއެސްއެން އެވެ.
https://www.fahuminet.com/tournaments/cmc-classic-2026
ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ 7 ޕޮއިންޓް ހޯދާފައިވާ ކްރިމިނަލް ކޯޓެވެ. ދެ ވަނައިގައި އޮތް ކްލަބް ޑީޖޭއޭ އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.
ގްރޫޕް ސީގެ އެއް ވަަނައިގައި އޮތް ކްލަބް ބިނާރާ އަށް 7 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެމްއެމްއޭ ސޯޝަލް ކްލަބަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީގެ ޓީމު ތިން ވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ބީސީސީ އެވެ. އެކަމަކު މި ގްރޫޕުގައި އަދި ކުޅުނީ އެއް މެޗެވެ.