ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ކިޑްސަލްގެ ސެމީ ފައިނަލުގެ ޖާގަތައް އެލީޓް އެކެޑަމީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބް ވެލެންސިއާ އަދި އެސްޕަޔާ އެކެޑަމީން ހޯދައިފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުނީ އިއްޔެ ހަވީރު އެވެ.
ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި އެލީޓް ވަނީ ހުޅުމާލެ ޔޫތު ސްޕޯޓްސް ކްލަބާ ވާދަކޮށް 2-4 އިން މޮޅުވެފަ އެވެ. އެގަޑީގައި ކުޅުނު އަނެއް މެޗުގައި ކްލަބް ވެލެންސިއާ އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރީ 3-6 އިންނެވެ.
ނިއު ރޭޑިއަންޓް ސެމީގެ ޖާގަ ކަށަވަރުކުރީ 2-7 އިން ބީޖީ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކުއާޓާގެ ފަހު މެޗުގައި އެސްޕަޔާ އެކެޑަމީން ވިލިމާލެ ޔުނައިޓެޑް ބަލިކުރީ 0-5 އިންނެވެ.
މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެލީޓް އެކެޑަމީ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ޝައިމަން އަހުމަދު ރިޒާ އާއި އާދު ބިން މުހައްމަދު ނިޔާޒުގެ އިތުރުން ހުމާމް މުއާވިޔަތު ޝަކީބް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދު ދެ ގޯލު ޖެހި އެވެ. މިހާތަނަށް އާދު ވަނީ ފަސް މެޗުގައި 13 ގޯލު ޖަހައިފަ އެވެ. މޮޅު ކުޅުމެއް ދައްކަމުން އަންނަ އާދު އޮތީ ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ.
އެލީޓް ކޮޅަށް ހުޅުމާލެ ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހަމީސް ބިން އަބްދުލް ހަމީދު އާއި އިބްރާހީމް އަބާން އަޒްލިފެވެ.
ވެލެންސިއާ އިން ބިސް ބުރު ބަލިކުރި މެޗުގައި އަލީ އަޒީން އާއި އިބްރާހީމް އިޔާސް ބިން ހަސަން އަދި އަލީ އަޒީން އާދިލް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ބިސް ބުރުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އިބްރާހީމް މިރުޝާން އާއި މުހައްމަދު ޝާއިލް ސޮލާހު އެވެ. އަނެއް ގޯލަކީ ވެލެންސިއާގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކުއާޓާ ފައިނަލުގެ އެންމެ ބޮޑު މޮޅު ހޯދި ނިއު ރޭޑިއަންޓުގެ ހަތް ގޯލު ޖެހިއިރު ތިން ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެއީ ރާއިޝް ރަމީޒާއި މުހައްމަދު ޔަމަކް ނަޝީދުގެ އިތުރުން މުހައްމަދު އަޒުހާން އެވެ. ނިއުގެ އެއް ގޯލަކީ ބީޖީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބީޖީ ސްޕޯޓްސްގެ ދެ ގޯލު ނިއު ކޮޅަށް ޖެހީ ނީހު އިޚްލާސް ސަލްމާނުގެ އިތުރުން މިކްޔާލް އަބްދުލްމަޖީދެވެ.
އެސްޕަޔާ މޮޅުވި މެޗުގައި އެޓީމުގެ އައްމާރު ބިން ނަވާޒް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު އާހިލް ހުސައިން އާއި ޔަލްސަން ބިން ހިސާނެވެ.
https://www.fahuminet.com/tournaments/kidsal-2026
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޖޫން 27 ވަނަ ދުވަހުގެ ރެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި އެލީޓް ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. އަނެއް ސެމީގައި ވެލެންސިއާ ވާދަކުރާނީ އެސްޕަޔާއާ އެވެ.