ކޮޕާ އެމެރިކާ ފައިނަލްގައި 2016 ވަނަ އަހަރު ޗިލީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވުމުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މެސީ ފޮނުވާލި ޕެނަލްޓީ ވީ ނާކާމިޔާބެވެ. އަނެއްކޮޅުން އެއީ ނުވަ އަހަރު ތެރޭ އާޖެންޓީނާއަށް ނާކާމިޔާބުވި ހަތަރު ވަނަ ފައިނަލެވެ.
"އަހަރެން ގައުމީ ޓީމަށް ކުޅުން މިހާ ހިސާބުން ނިމުނީ. (ތަށި ހޯދަން) އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފިން. ޗެމްޕިއަންކަން ނުލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް." ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރި ދުވަހު މެސީ ބުނެފައިވެ އެވެ.
އޭގެ 10 އަހަރު ފަހުން ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑް ކަޕުން ފެނިދާނެކަމަށް އޭރު ހިޔާލަށް ގެންނަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު މެސީ ހަމައެކަނި ހަ ވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނީ އެއް ނޫނެވެ. ރޭ އާޖެންޓީނާއިން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވައްދާލި ފުރަތަމަ ގޯލާއެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ވެސް މެސީ ހޯދީ އެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލަން މެސީ ނިންމި ނިންމުން ބަދަލުކުރުންވީ މެސީ އަށާއި އާޖެންޓީނާއަށް ކާމިޔާބީގެ އުފާވެރި އާ ޒަމާނެއް ގެނެސްދިން ނިންމުމަކަށެވެ. އޭގެ ފަހުން އާޖެންޓީނާއިން ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން ކޮޕާ އެމެރިކާ މުބާރާތުގެ ތަށި ދެ ފަހަރު އުފުލާލައިފަ އެވެ. މީގެ ހަތަރު އަހަރު ކުރިން ތިންވަނަ ފަހަރަށް އާޖެންޓީނާ ދުނިޔޭގެ ތަށި އުފުލުމުގެ ޝަރަފް ހޯދީ މެސީގެ ވަރަށް ފުރިހަމަ ހިއްސާ އެކު އެވެ. އެ މުބާރާތުގައި މެސީ ޖުމްލަ ހަތް ގޯލް ޖެހި އިރު އާޖެންޓީނާއިން ފައިނަލް މެޗުގައި ފްރާންސް ކޮޅަށް ވައްދާލި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މެސީ އެވެ.

މެސީ ވޯލްޑް ކަޕްގެ ރެކޯޑް މުގުރާލައިފައި މިވަނީ ވެސް ތާރީހީ ރެ އެއްގަ އެވެ. މީގެ 40 އަހަރު ކުރިން ހަމަ މިދުވަހު އާޖެންޓީނާއިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކުޅެ 1-2 އިން މޮޅުވި މެޗުގައި ޑިއޭގޯ މަރަޑޯނާ ވަނީ ދެ ގޯލް ޖަހައިފަ އެވެ. އެންމެ ވަރުގަދަ އިއްތިފާގަކަށްވީ ރޭ އާޖެންޓީނާއިން އޮސްޓްރިއާ ކޮޅަށް ވައްދާލި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެސީ ކަމަށް ވުމެވެ.
އަހަރެން ކޮންމެ މެޗެއް ކުޅެނީ ވަރަށް ގަޔާވެގެން. ދަނޑަށް ވަންނަ ސަޕޯޓަރުން ފެނުނީމަވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. އަދި އެމީހުންނަށް މިކަހަލަ ނަތީޖާތަކެއް ހޯދައިދެވުމަކީވެސް ލިބޭ ވަރަށް ބޮޑު އުފަލެއް.
މެސީ ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ބުނެފައިވެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއިން ކުޅުނު ދެވަނަ މެޗުގެ ފެށުން އައީ މެސީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މެޗުގެ އަށްވަނަ މިނެޓްގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން ވީ ނާކާމިޔާބެވެ. އެކަމަކު އޭގެ 30 މިނެޓް ފަހުން އޮސްޓްރިއާގެ ގޯލަށް ތިރިތިރިން ބޯޅައެއް ފޮނުވާލައިގެން ގޯލް ޖަހައި އެކަން ހަނދާން ނައްތާލި އެވެ. އެ ގޯލާއަކު ވޯލްޑް ކަޕްގައި މެސީ ޖެހި ގޯލްގެ އަދަދު 17 އެރިއިރު ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް ކުރިން އޮތް ޖަރުމަންގެ މިރޮސްލާވް ކޮލޭސޭއަށް ވުރެ ކުރިއަށްވެސް ޖެހިލި އެވެ.
ވޯލްޑް ކަޕްގައި މެސީ ކާމިޔާބުކުރި 18 ވަނަ ލަނޑު ޖެހީ ރޭގެ މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރިއާގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަނެ ވަރަށް ހަނި އޭންގަލަކުން ބޯޅަ ގޯލަށް އަމާޒުކޮށްލައިގެންނެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް މެސީ ކުޅުނު 28 މެޗުގައި ޖެހި 18 ގޯލާއެކު މެސީއަށް އެ އަދަދު އިތުރު ކުރުމުގެ ފުރުސަތު މާބޮޑަށްވެސް މި ވޯލްޑް ކަޕްގައި އެބަ އޮތެވެ. ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު އާޖެންޓީނާއިން ގަދަ 32 ގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާއިން ވާދަކުރަން އޮތީ މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ޖޯޑަންއާ އެވެ.
މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ޝައުގުވެރި އެއް ކަމަކީ މެސީ ވޯލްޑް ކަޕްގައި ކާމިޔާބުކުރި 18 ގޯލްގެ ތެރެއިން 13 ގޯލް ޖަހައިފައިވަނީ ގައުމީ ޓީމުން ރިޓާޔާކުރަން ނިންމި ނިންމުން ބަދަލުކުރި ފަހުންނެވެ. އޭގެ ތެރެއިން 12 ގޯލަކީ އޭނާގެ އުމުރުން 35 އަހަރު ފުރުނު ފަހުން ކާމިޔާބުކުރި ގޯލްތަކެވެ. 18 ގޯލްގެ ތެރެއިން 14 ގޯލަކީ އޭނާގެ ވާތު ފައިން ވައްދާލި ގޯލްތަކެވެ. އަދި އޭގެ ތެރެއިން ހަތަރު ގޯލަކީ ޕެނަލްޓީ އޭރިޔާގެ ބޭރުން ޖަހައި ވައްދާލި ގޯލްތަކެވެ.