ރާއްޖޭގެ ފުޓްސަލްގައި އެންމެ ފަހުރުވެރި ތާރީހެއް އޮތް، ކްލަބް މޯލްޑިވްސް ކަޕް 2026 މިރޭ ފަށާނެ އެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްސަލްގެ ކުރިއެރުމުގައި ކްލަބް މޯލްޑިވްސްގެ ހިއްސާ ބޮޑެވެ.
ކްލަބް މޯލްޑިވްސް އިން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެންނެވެ. އެކަމަކު މިދިޔަ 20 އަހަރުތެރޭ މުބާރާތް އިތުރަށް ތަރައްގީކޮށް މިއަހަރު ކްލަބް މޯލްޑިވްސް ކަޕްގައި ހަތް މުބާރާތް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެންމެ ގިނަ ފުޓްސަލް މުބާރާތް ހިމެނޭ ސީޒަނަށް ވެސް ވަނީ ވެފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ހަތް މުބާރާތުގެ ތެރެއިން ކިންގްސް ކަޕްގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ.
ހަތް މުބާރާތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކްލަބް މޯލްޑިވްސް ކަޕް ކްލަސިކާއި މިއަހަރު މުޅިން އަލަށް ތައާރަފްކުރި ކްލަބް މޯލްޑިވްސް ކިޑްސަލް އެވެ. ކިޑްސަލް އަކީ 15 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
https://www.fahuminet.com/predict
މި ތިން މުބާރާތާއި މިރޭ ފަށާ ކްލަބް މޯލްޑިވްސްގެ އިތުރުން، ކްލަބް މޯލްޑިވްސް ސީޒަނުގައި ތިން މުބާރާތެއް އަދި ކުޅޭނެ އެވެ. އެއީ ސެކްޓާ ލީގާއި، އެއިޓީން ތާޓީ ކްލަބް މޯލްޑިވްސްގެ އިތުރުން އެއިޓީން ތާޓީ ކްލަސިކެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 17 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން އެންމެ ކުރި ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމެނީ ޖުލައި 8 ވަނަ ދުވަހު އެވެ. ކުއާޓާ ފައިނަލް މެޗުތައް ޖުލައި 13 އަދި 14 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި 18 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 25 ވަނަ ދުވަހު އެވެ.
https://www.fahuminet.com/tournaments/club-maldives-cup-2026
ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން މިދިޔަ އަހަރުގެ ފައިނަލުގައި އެސްޓީއޯ ބަލިކޮށް ހޯދީ ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ.
ކްލަބް މޯލްޑިވްސް ކަޕާ ދިމާކޮށް ފަހުމިނެޓުން ވަނީ ޕްރިޑިކްޝަން ޗެލެންޖެއް ހުޅުވާލާފަ އެވެ. މި ޗެލެންޖުގައި ބައިވެރިވެގެން އެއް ވަނަ ހޯދާ މީހަކަށް ކ. ގުރައިދޫ ރޯޒީ ވިލާ މޯލްޑިވްސް ގެސްޓްހައުސްގެ ހާއްސަ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.