ކްލަބް މޯލްޑިވްސް ކިޑްސަލްގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމުތައް އިއްޔެ ކަށަވަރުވެއްޖެ އެވެ.
ފުރަތަމަ ފަަހަރަށް ރާއްޖޭގައި ބާއްވާ ކިޑްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 10 ޓީމަކުން ވާދަކުރި އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުނީ އިއްޔެ އެވެ. އިއްޔެ ހަވީރު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ސްޓާސް އެކެޑަމީއާ ވާދަކޮށް ބީޖީ ސްޕޯޓްސް ވަނީ 5-2 އިން ކުރި ހޯދައިފަ އެވެ. އެގަޑީގައި ކުޅުނު އަނެއް މެޗުގައި ހުޅުމާލެ ޔޫތު އެކެޑަމީއާއި ބިސް ބުރު ވާދަކުރި މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.
ރޭ ވިލިމާލެ ޔުނައިޓެޑާ ވާދަކޮށް އެލީޓް އެކެޑަމީ ވަނީ 5-1 އިން މޮޅުވެފަ އެވެ. އަދި ނިއު ރޭޑިއަންޓާއި އެސްޕަޔާ އެކެޑަމީ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ގްރޫޕް އޭގެ އެއް ވަނަ ލިބުނީ ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓް ހޯދި އެލީޓަށެވެ. މި ގްރޫޕުން ކުއާޓާ ފައިނަލް ޔަގީންކުރި އަނެއް ތިން ޓީމަކީ ވެލެންސިއާ އާއި ވިލިމާލެ ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސް އެވެ. ގްރޫޕުން ކެޓީ ފުލަށް ދިޔަ ސްޓާސް އެކެޑަމީ އެވެ.
އެލީޓްގެ އިތުރުން ވެލެންސިއާ ދެ ވަނަ ހޯދިއިރު ވިލިމާލެ ޔުނައިޓެޑަށް ލިބުނީ ތިން ވަނަ އެވެ. ހަތަރު ވަނަ ލިބުނީ ބީޖީ އަށެވެ.

ގްރޫޕް ބީ އިން ކުއާޓާ ފައިނަލުގެ ފުރުސަތު ގެއްލުނީ ފުލަށް ދިޔަ އެޑްވެންޗާ އެކެޑަމީއަށެވެ. މި ގްރޫޕުގެ އެއް ވަނަ ހޯދި ނިއު ރޭޑިއަންޓާއި ދެ ވަނަ ލިބުނު އެސްޕަޔާ އަށް 10 ޕޮއިންޓް ލިބުނެވެ. ތިން ވަނަ ލިބުނީ ހަތަރު ޕޮއިންޓާ އެކު ބިސް ބުރަށެވެ. ހަތަރު ވަނަ ލިބުނު ހުޅުމާލެ ޔޫތު އެކެޑަމީ ނިންމާލީ ދެ ޕޮއިންޓުގަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. ކުއާޓާގެ ހަތަރު މެޗު ވެސް ކުޅޭނީ އެދުވަހު ހަވީރު އެވެ.
ހަވީރު ފުރަތަމަ ކުޅޭ ދެ މެޗުގައި ބައްދަލުކުރާނީ އެލީޓް އެކެޑަމީ އާއި ހުޅުމާލެ ޔޫތު އެކެޑަމީގެ އިތުރުން ވެލެންސިއާ އަދި ބިސް ބުރެވެ. ފަހު ދެ މެޗުގައި ނިއު ރޭޑިއަންޓުން ބީޖީއާ ދެކޮޅަށް ނުކުންނައިރު އެސްޕަޔާ ކުޅޭނީ ވިލިމާލެ ޔުނައިޓެޑާ އެވެ.
https://www.fahuminet.com/tournaments/kidsal-2026
ކިޑްސަލްގެ ސެމީ ފައިނަލް މެޗުތައް ޖޫން 27 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި ހަތަރު ވަނަ ދުވަހު އެވެ.