ފުރަތަމަ ސަފްޙާ / ޚަބަރު / ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ނިއު އާއި އެސްޕަޔާ އަދި އެލީޓް ކުއާޓާ ފައިނަލަށް
ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ނިއު އާއި އެސްޕަޔާ އަދި އެލީޓް ކުއާޓާ ފައިނަލަށް
ކިޑްސަލްގައި ނިއު ރޭޑިއަންޓުން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. އެޓީމު ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް

ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ނިއު އާއި އެސްޕަޔާ އަދި އެލީޓް ކުއާޓާ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 18 ޖޫން 2026

ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކިޑްސަލް މުބާރާތުގައި ނިއުރޭޑިއަންޓާއި، އެސްޕަޔާ އަދި އެލީޓް އެކަޑަމީގެ އިތުރުން އެލީޓް އެކަޑަމީއިން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި އެވެ.

އެކަޑަމީތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް މިއަހަރު ފެށި ކިޑްސަލް މުބާރާތުގައި ބައިވެރިވި 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު މުބާރާތް ރާވާފައިވާ ގޮތުން ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވާ ތިން ޓީމުގެ ތެރޭގައި ހިމެނޭ އެލީޓް އެކަޑަމީގެ އިތުރުން ގްރޫޕް އޭއިން ކްލަބް ވެލެންސިއާ އާއި ވިލިމާލެ ޔުނައިޓެޑް ވެސް ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މި ގްރޫޕުން ކުއާޓާގެ ފަހު ޖާގަ ކަށަވަރު ކުރާ ޓީމެއް އެނގޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ސްޓާސް އެކަޑަމީ އާޢި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެ ނިމުމުންނެވެ.

ގްރޫޕް ބީ އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އެސްޕަޔާ އެކަޑަމީގެ އިތުރުން ކުއާޓާ ފައިނަލްގެ ޖާގަ ލިބޭ އަނެއް ދެ ޓީމު ވެސް ޔަގީންވާނީ ހޮނިހިރު ދުވަހު އެވެ.

ކިޑްސަލްގައި އިއްޔެ ހަވީރު ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ކިޑްސަލްގައި އިއްޔެ ހަވީރު ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

އިއްޔެއާއި ރޭ މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅެފައިވާއިރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގެ ތިންވަނަ މޮޅު ހޯދީ އިއްޔެ ހަވީރު ބިސްބުރު ސްޕޯޓްސްއާ ވާދަކޮށެވެ.

މި މެޗުގައި ބިސްބުރުގެ މައްޗަށް 2-7 އިން ނިއު ކުރި ހޯދިއިރު އެޓީމުގެ ރާއިޝް ރަމީޒް ވަނީ ހެޓްރިކް ހަދައިފަ އެވެ. ނިއުއިން މި މެޗުގައި ޖެހި އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު އަޒްހާން ކާމިޔާބުކުރި އިރު ޔޫސުފް ލާއިގް އިބްރާހިމާއި، މާން އިބްރާހިމް ޝަހީލް ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.

ބިސްބުރުން މި މެޗުގައި ޖެހި ދެ ގޯލްގެ ތެރެއިން އެއް ގޯލް މުހައްމަދު ޝައިލް ސޮލާހް ކާމިޔާބުކުރި އިރު އަނެއް ގޯލް ކާމިޔާބުކޮށްފައިވަނީ އިބްރާހީމް މިރުޝާން އެވެ.

އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާއި، ވާދަކޮށް 2-3 އިން ވިލިމާލެ ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ވިލިމާލެ ޔުނައިޓެޑަށް ގޯލްތައް ކާމިޔާބުކޮށްދިނީ އިލާން ހަސަން އާއި ޔޫސުފް ޒުހާލްގެ އިތުރުން ހަސަން ޔާމީނެވެ.

މި މެޗުގައި ބީޖީއިން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު މިސްކް ބިން އިބްރާހިމް ސުހައިލް ކާމިޔާބުކުރި އިރު އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ  ނޫހް އިހްލާސް އެވެ.

ކިޑްސަލްގައި ރޭ އެލީޓް އެކެޑަމީން ކްލަބް ވެލެންސިއާ ބަލިކުރުން. ބައެއް ޓީމުތައް ވަނީ ކުއާޓާ ފައިނަލަށް ހޮވިފަ. ފޮޓޯ: ކްލަބް މޯލްޑިވްސް
ކިޑްސަލްގައި ރޭ އެލީޓް އެކެޑަމީން ކްލަބް ވެލެންސިއާ ބަލިކުރުން. ބައެއް ޓީމުތައް ވަނީ ކުއާޓާ ފައިނަލަށް ހޮވިފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިޑްސަލް މުބާރާތުގައި ރޭ ކުޅުނު ދެ މެޗުވެސް ވީ ވަރަށް ވާދަވެރި ދެ މެޗަށެވެ. މުބާރާތުގައި މިހާތަނަށް ބަލިނުވެ އޮތް ކްލަބް ވެލެންސިއާ އާއި ބޮޑު ތަފާތަކުން ކުރިން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައި އޮތް އެލީޓް އެލަޑަމީ ވާދަކުރި މެޗު ނިމުނީ 0-1 އިން އެލީޓް ކޮޅަށް ނަތީޖާ ބުރަވެގެންނެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެލީޓަށް ކާމިޔާބުކޮށްދިނީ މި މުބާރާތުގައި ގިނަ ގޯލްތަކެއް ކާމިޔާބުކުރަމުން އަންނަ އާދު ބިން މުހައްމަދު ނިޔާޒް އެވެ. ރޭ އާދު ވެލެންސިއާ ކޮޅަށް ވައްދާލި ގޯލާއެކު އޭނާ މި މުބާރާތުގައި ޖެހި ގޯލްގެ އަދަދު ނުވައަކަށް ވަނީ އަރައިފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި މުބާރާތުގައި ރަގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އެސްޕަޔާ އެކަޑަމީ އިން ވަނީ އެޑްވެންޗާ އެކަޑަމީއާ ވާދަކޮށް 1-2 އިން މޮޅުވެފަ އެވެ. މި މެޗުގައި އެސްޕަޔާއިން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު އަންމާރު ބިން ނަވާޒް ކާމިޔާބުކުރި އިރު އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޔަލްސަން ބިން ހިސާނެވެ. މި މެޗުގައި އެޑްވެންޗާއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީ ފައިވަނީ މުހައްމަދު މިއުވާން މާހިރެވެ.  

ކުއާޓާ ފައިނަލަށް ހޮވެނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ހަތަރު ޓީމެވެ. ކިޑްސަލް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. 

 

 

 

 

 

 

 

 

 

 

 

 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings