ޗެމްޕިއަނުންނަށް ހާއްސަކޮށްގެން ކްލަބް މޯލްޑިވްސް އިން ކުރިއަށްގެންދާ ކިންގްސް ކަޕްގެ މިއަހަރުގެ ޗެމްޕިއަންކަން ހޯދައި ސްޓެލްކޯ ރިކްރިއޭޝަން ކްލަބުން ފުޓްސަލްގެ އެންމެ އުހަށް އަރައިފި އެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފުޓްސަލް ފައިނަލުގެ ޗެމްޕިއަންކަން ސްޓެލްކޯއިން ހޯދީ ކްލަބް ހޯކްސް 7-4 އިން ބަލިކޮށްގެންނެވެ.
ހޯކްސްގެ ވަރުގަދަ ޓީމާ ދެކޮޅަށް ސްޓެލްކޯ އިން ވަނީ ފައިނަލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގައި ސްޓެލްކޯގެ ތިން ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެއީ މުހައްމަދު ނަޒާމް އާއި ޝުއައިދު ސައީދުގެ އިތުރުން އިބްރާހީމް ރިމާހު އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ސިރުޚާން އެވެ.
މެޗުގައި ހޯކްސްގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ) އާއި ދެ ގޯލު ޖެހި ސާދު މުހައްމަދު ނިޒާމުގެ އިތުރުން ހޫދު އަހުމަދު ފަތުހީ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި ހާފުގައި ހޯކްސް އަށް ފާއްޓެ ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ދުރު ޕެނަލްޓީއަކުންނެވެ.
ދެ ވަނަ ހާފު ފަށައިގެން ސްޓެލްކޯ އިން އަނެއްކާވެސް ލީޑު ނެގި އެވެ. މި ލީޑާ އެކު އެޓީމުން އިތުބާރު ހޯދައި އިތުރު ގޯލެއް ވެސް ޖެހި އެވެ.
މެޗުގެ ފަހުކޮށް ހޯކްސް އިން ޕަވަރ ޕްލޭގައި ކުޅެމުންދިޔައިރު ދިޔައިރު ސްޓެލްކޯ އޮތީ ދެ ގޯލުގެ ލީޑެއްގަ އެވެ. އެކަމަކު މެޗު ނިމެން ގާތްވެފައިވަނިކޮށް ސާދުގެ ގޯލަކުން ހޯކްސް އިން 4-3 އަށް ނަތީޖާ ބަދަލުކޮށްލި އެވެ.
އޭގެފަހުން ހޯކްސް އިން އުފެއްދި އިތުރު ހަމަލާއެއްގައި ސްޓެލްކޯ ކުޅުންތެރިއެއްގެ އަތުގައި އޭރިޔާ ތެރެއިން އަތުގަައި ޖެހުނު ކަމަށް ބުނެ އެޓީމުން އެޕީލްކުރި އެވެ. އެހެންނަމަވެސް ރެފްރީ ޕެނަލްޓީ ނުދިންއިރު، ހަމަ އެ ބޯޅައިގައި ސްޓެލްކޯ އިން އަނެއްކާވެސް ލީޑު ދެ ގޯލަށް ފުޅާކުރި އެވެ.
ޕެނަލްޓީ ނުދިނުމުން ހޯކްސް އިން ކުރި އެޕީލުގައި ހިތްހަމަނުޖެހުން ފާޅުކުރި ހޯކްސްގެ ދެ އޮފިޝަލަކަށް ރަތް ކާޑު ވެސް ދެއްކި އެވެ.

މެޗުގެ ފަހު މިނެޓުގައި ސްޓެލްކޯ އިން ވަނީ ކައުންޓަ އެޓޭކުގައި ދެ ގޯލު ޖަހައިފަ އެވެ. ޕަވަރ ޕްލޭގައި ހޯކްސް ކުޅެމުންދިޔައިރު ކޮންމެ ހަމަލާއެއްގައި ސްޓެލްކޯ އިން ދިޔައީ ހޯކްސްގެ ގޯލަށް ނުރައްކާކުރަމުންނެވެ.
މިއީ ސްޓެލްކޯ އިން ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ސްޓެލްކޯ އިން ވަނީ މިދިޔަ ދެ އަހަރުގެ އޮފީސް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ޗެމްޕިއަންކަން ހޯދި ދަތުރުގައި ސްޓެލްކޯ އިން ވަނީ ކުއާޓާ ފައިނަލުގައި ވަރުގަދަ އެމްޓީސީސީ ވެސް ބަލިކޮށްފަ އެވެ. ސެމީ ފައިނަލުގައި އެޓީމު މޮޅުވީ ޕެނަލްޓީ ޖަހައިގެން ކޯރާ ކޯރާ މޯލްޑިވްސް އަތުންނެވެ.
މިއަހަރުގެ ކިންގްސް ކަޕްގައި 12 ޓީމު ވާދަކުރި އެވެ. ކިންގްސް ކަޕްގައި މިއަހަރު ވާދަކުރީ ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.
https://fahuminet.com/tournaments/kings-cup-2026
ފައިނަލް މެޗުގެ ކުރިން ފުޓްސަލްގެ އެކި މުބާރާތްތަކުގައި ކިންގުކަން ހޯދާފައިވާ ކުޅުންތެރިންނަށް ވަނީ ކިންގުގެ ތާޖު ދީފަ އެވެ. ތާޖު ހަވާލުކުރި ކުޅުންތެރިންގެ ތެރޭގައި ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވެސް ހިމެނުނެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ހަތް މުބާރާތް މިއަހަރު ކުޅޭނެ އެވެ. ކިންގްސް ކަޕަކީ ނިމުނު ފުރަތަމަ މުބާރާތެވެ.