ކްލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކިންގްސް ކަޕްގެ ފައިނަލްގައި ހޯކްސްއާ ދެކޮޅަށް މިރޭ ނުކުންނައިރު އެ ޓީމުގެ ހުރި ނުރައްކާ އެނގޭ ކަމަށާއި، ސްޓެލްކޯގައި ތިބި ކުޅުންތެރިންނާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ސްޓެލްކޯ ރިކްރިއޭޝަން ކްލަބުން ބުނެފި އެވެ.
މިއަހަރުގެ އޭޕްރީލް މަހު ބޭއްވި އޮފީސް ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ކިންގްސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ސްޓެލްކޯއިން މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ މުބާރާތުގައި ވާދަކުރި އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ކޯރާކޯރާ މޯލްޑިވްސް އާ ސެމީ ފައިނަލްގައި ވާދަކޮށް އެޓީމުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި އެއްވަރުކޮށް ޕެމަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެންނެވެ.
ހޯކްސް އާ އަޅާ ބަލާއިރު ކިންގްސް ކަޕްގެ ފައިނަލަށް ސްޓެލްކޯއިން ކޮށްފައިވަނީ އުނދަގޫ ދަތުރެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކްލަބް ބިނާރާއާ ވާދަކޮށް ބޮޑު ތަފާތަކުން ސްޓެލްކޯ މޮޅުވި ނަމަވެސް ޖެހިގެން އައި މެޗުގައި ކޮންރެޑް މޯލްޑިވްސް އަތުން ބަލިވެ ގްރޫޕްގެ ފަހު މެޗުގައި ކޯރާކޯރާއާ ވީ އެއްވަރެވެ. އެއާއެކު ކްއާޓާ ފައިނަލުން ސްޓެލްކޯއަށް ޖާގަ ލިބުނީ ގްރޫޕްތަކުން ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިުން އެންމެ ރަގަޅު ނަތީޖާ ހޯދި ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
"މި މުބާރާތުގެ ކުރީ ކޮޅު ޓީމަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ މުބާރާތަށް ތައްޔާރުވާން ލިބުނު ދުވަސްކޮޅު މަދުވުމުން. އޮފީސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ޓީމަށް ފުރުސަތު ލިބުނު އިރު މުބާރާތް ފެށެން އޮތީ ވަރަށް މަދު ދުވަސްކޮޅެއް. އެކަމަކު އަހަރެމެން މިއައީ މެޗަކަށް ފަހު މެޗެއް ރަގަޅު ކުރަމުން. އެހެންވީމަ. މިހާރު މިއޮތީ ޓީމު ވަރަށް ރަގަޅަށް މިރޭގެ ފައިނަލަށް ތައްޔާރުވެފަ." މިރޭގެ ފައިނަލް މެޗުގެ ކުރިން "ފަހުމިނެޓް: އަށް ދިން އިންޓަވިއުއެއްގައި ސްޓެލްކޯ ޓީމުގެ މެނޭޖަރު ނާއިފް ބުނެފައިވެ އެވެ.
https://fahuminet.com/tournaments/kings-cup-2026
ނާއިފް މި ނޫހާ ވާހަކަ ދައްކަމުން ބުނެފައިވަނީ ހޯކްސް އަކީ މި މުބާރާތުގައި ބައިވެރިވި އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެކަމަކު ސްޓެލްކޯގެ ޓީމުގައި ހިމެނޭ ކުޅުންތެރިން އެ ޓީމުން ބޭނުންވާ ނަތީޖާ މިރޭ ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަެވެ.
"ހޯކްސް އަކީ މޮޅު ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއް. އަހަރެމެން މިއަންނަނީ އެ ޓީމުގެ ކުޅުމަށް ބަލައިގެން މެޗަށް ތައްޔާރުވަމުން. އަހަރެމެންނަށް އޮތް އެންމެ ބޮޑު ހިތރްހަމަޖެހުމަކީ އަހަރެމެންގެ ޓީމުގެ ކުޅުންތެރިން މުބާރާތުގައި މެޗަކަކަށް ފަހު މެޗެއް ރަގަޅު ކުރަމުން އައިސް ބޭނުންވާ ނަތީޖާ ނެރެމުން އަންނަ ކަން. މިރޭވެސް އެ ކުޅުންތެރިން ނަތީޖާ ނެރޭނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް." ނާއިފް ބުންޏެވެ.
ނާއިފް އިތުރަށް ބުނެފައިވަނީ މުބާރާތުގެ މިހާ ހިސާބަށް އައުމުގައި ސްޓެލްކޯގެ އިސްވެރިންނާއި މުވައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި، ސަޕޯޓަރުންގެ ފަރާތުން ފުރިހަމަ ތަރުހީބެއް މިރޭ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މިރޭ ހޯކްސް އާއި ސްޓެލްކޯ ވާދަކުރާ ފައިނަލް މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ.