ބޮމާއި މިސައިލު މެދުވެރިކޮށް އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ސަބަބުން އުނދަގޫ ހާލަތެއްގައި އޮތަސް، އީރާނުން ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި މިއަދު ނިއު ޒީލެންޑާ ވާދަކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
ހަނގުރާމައިގެ ވާދަވެރި އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އެމެރިކާގައި ގިނަ މެޗުތައް ކުޅޭ މިފަހަރުގެ ވޯލްޑް ކަޕްގައި އީރާން ކުޅޭނެތޯ އެންމެ ފަހު ވަގުތު ވެސް ސުވާލު އުފެދުނެވެ. ހަނގުރާމައިގައި ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވީއިރުވެސް އީރާނުގެ ޓީމަށް އެމެރިކާގެ ޖެއްސުންތައް ކުރިމަތިވިއެވެ.
އުނދަގޫ ހާލަތެއްގައި އޮވެމެ، މިއަދު ނިއު ޒީލެންޑާ އީރާނުން އެއްވަރުކުރީ ފަހަތުން އަރަ އެވެ. އީރާނާ ދެކޮޅަށް ނުކުތް ނިއު ޒީލެންޑަކީ ދުނިޔޭގެ އެންމެ އަމާން އެއް ގައުމެވެ.
މެޗުގައި ދެ ފަހަރު ވެސް ލީޑު ނެގީ ނިއު ޒީލެންޑުންނެވެ. އެޓީމަށް މި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެލިޖާ ޖަސްޓެވެ. އީރާނުގެ ފުރަތަމަ ގޯލު ރާމިން ރެޒައިން ކާމިޔާބުކޮށްދިންއިރު އެއްވަރުކުރި ގޯލު ޖެހީ މުހައްމަދު މޮހެބީ އެވެ.
އީރާން ހިމެނޭ ގްރޫޕުގައި ބެލްޖިއަމާއި މިސްރު ވާދަކުރި މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތައް ކުރިއަށްދާއިރު މިހާތަނަށް އައިއިރު ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެ ހައިރާންކުރަނިވި ނަތީޖާތަކެއް ނުކުމެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ މުބާރާތުގައި މާދަމާ ވެސް ފަސް މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ފްރާންސާއި، އާޖެންޓީނާގެ އިތުރުން ޕޯޗުގަލްގެ ފުރަތަމަ މެޗު ފާހަގަކޮށްލެވެއެވެ.