ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބުން އުފުލާލައިފި އެވެ.
ނައިފަރު ޗެލްސީއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި ޅ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބާ ވާދަކޮށް 3-8 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ގްރޫޕް ބީގައި ހިމެނުނު ނައިފަރު ޗެލްސީ އާއި ޕޮލިސް ކްލަބް މިރޭގެ މެޗަށް ނުކުތްއިރުވެސް މެޗުގައި ގިނަ ގޯލްތަކެއް ފެނުމުގެ ފުރުސަތު އޮތްކަމަށް ކުރިންވެސް އޮތީ ގަބޫލުކުރެވިފައެވެ. ފައިނަލް މެޗާ ހަމައަށް އައިއިރު މިމުބާރާތުގައި ނައިފަރު ޗެލްސީއިން 16 ގޯކް ޖަހާފައި އޮތްއިރު ޕޮލިސް ކްލަބުން އޮތީ 21 ގޯލް ކާމިޔާބުކޮށްފަ އެވެ.
މިރޭގެ މެޗަށް ނުކުތްއިރު ޕޮލިސްއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އެ ޓީމު ކޮޅަށް މި މުބާރާތުގައި ގިނަ ގޯލްތަކެއް ވަދެފައިވުމެވެ. ގްރޫޕް ސްޓޭޖުގައި ޕޮލިސް ކްލަބުން ނައިފަރު ޗެލްސީއާ ވާދަކުރި މެޗުގައިވެސް ޗެލްސީއިން ވަނީ ޕޮލިސް ކޮޅަށް ފަސް ގޯލް ޖަހައިފަ އެވެ. މިރޭގެ ފައިނަލަށް ތައްޔާރުވުމުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށް އެ ޓީމުން ފާހަގަކުރި ނަމަވެސް ޕޮލިސް ކްލަބަށް މިރޭ ވެސް އެކަން ކުރުން ވީ އުނދަގޫ ކަމަކަށެވެ.

މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ނައިފަރު ޗެލްސީއަށް ކުޅެމުން އައި ކިރްގިސްތާނުގެ ދެ ކުޅުންތެރިން ކަމަށްވާ ރާމިސް އާއި ސިމިކް ހެޓްރިކް ހެދި އިރު އެ ޓީމުގެ އަބްދުﷲ ރަމީޒް ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މި މެޗުގައި ޕޮލިސް ކްލަބަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުސްތަފާ މުހައްމަދާއި، އަބްދުﷲ މުހައްމަދުގެ އިތުރުން ހަސަން ހޫދެވެ. މިރޭގެ މެޗުގައި ހޫދު ޖެހި ލަނޑާއެކު އޭނާ ވަނީ ލަނޑު ލިސްޓްގެ އެއްވަނައިގައި 10 ގޯލާއެކު އޮތް މުހައްމަދު އިޒާންއާ އެއްވަރުކޮށްފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޕޮލިސް ކްލަބުގެ ތިން ކުޅުންތެރިން ހިމެނުނެވެ. އެއީ ހުސައިން ހާފިޒް އާއި ހަސަން ހޫދު އިބްރާހީމްގެ އިތުރުން އަލީ ނަޒްމީ އެވެ. ގަދަ ފަހެއްގައި ދެން ހިމެނުނީ ބިދޭސީ ދެކުޅުންތެރިންނެވެ. އެއީ ނައިފަރު ޗެލްސީގެ ރާމިސް މުކުޝްބެކޯވް އާއި އެޕެކްސް އަށް ކުޅުނު ސާސާ އެވެ.

މުބާރާތުގެ ކިންގުގެ މަގާމް ހޯދީ ނައިފަރު ޗެލްސީގެ ރާމިސް އެވެ.
އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ނައިފަރު ޗެލްސީގެ އަހުމަދު އިޖުލާލް އެވެ. މުބާރާތުގެ ގޯލްޑެން ބޯއީގެ މަގާމް ހޯދީ ހުދުހާ ޓީމުގެ މުހައްމަދު އަބްޝަމް އެވެ.
ޅ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރެންދޫ ކައުންސިލްގެ އިދާރާ އާއި އިޖުތިމާޢީ މަރުކަޒު ގުޅިގެން އިންރތިޒާމުކުރި މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ.
އަތޮޅުގެ ހަތަރު ރަށުން ވެސް ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 30,000 ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު މިއަހަރު ވެސް ވެގެންދިޔައީ ވާދަވެރި ފޯރިގަދަ މުބާރާތަކަށެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.