ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލް މެޗަށް މިރޭ ނައިފަރު ޗެލްސީ އާއި ދެކޮޅަށް ނުކުންނައިރު އެ ޓީމަށް ފުރިހަމައަށް އިހްތިރާމްކުރާ ކަމަށާއި، އަދި ޗެލްސީ ބަލިކޮށް މުބާރާތުގެ ތަށި އުފުލާލަން ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ޅ. ޕޮލިސް ރިކްރިއޭޝަން ކްލަބުން ބުނެފި އެވެ.
ނައިފަރު ޗެލްސީ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް މަގާމު ހޯދި މޮނާކީ އެފްސީ 0-1 އިން ބަލިކުރުމަށް ފަހު އެވެ.
ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލާ ހަމައަށް އައިސްފައިވަނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ގައި ވާދަކޮށް މުބާރާތުގައި ބައިވެރިވި އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ނައިފަރު އެޕެކްސް ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިކޮށްގެންނެވެ.
ނައިފަރު ޗެލްސީ އާއި ޕޮލިސް ކްލަބް އެއް ގްރޫޕެއްގައި ހިމެނުނުއިރު ޕޮލިސް ކްލަބް މި މުބާރާތުގައި ބަލިވެފައިވަނީ ހަމައެކަނި ނައިފަރު ޗެލްސީ އަތުންނެވެ. ގްރޫޕް ސްޓޭޖުގައި މިދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް ނައިފަރު ޗެލްސީއިން ކުރި ހޯދީ 2-5 އިންނެވެ.
ފޯރިގަދަ ފައިނަލަކަށްވުމުގެ ފުރުސަތު ބޮޑު
ކުރެންދޫ ކައުންސިލް އިދާރާ އާއި، އެރަށު އިޖުތިމާއީ މަރުކަޒު ގުޅިގެން ކުރިއަށްގެންދާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގައި މި ދެ ޓީމު މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރު ޗެލްސީ ފާހަގަކުރެވިފައިވަނީ އެޓޭކް ވަރުގަދަވުމުގެ އިތުރުން ދިފާއީ ފާރުވެސް ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. މުބާރާތުގައި މިހާތަނަށް ނައިފަރު ޗެލްސީން 16 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ވަދެއފައިވަނީ އެންމެ ހަތަރު ގޯލެވެ.
ޕޮލިސް ކްލަބް ފެންނަނީ ނައިފަރު ޗެލްސީއަށްވުރެވެސް ހަމަލާ އުފެއްދުމުގެ ބާރު ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ. މުބާރާތުގައި މިހާތަނަށް އެ ޓީމު 21 ގޯލް ކާމިޔާބުކޮށްފައިވާއިރު ޕޮލިސް ކްލަބަށްވުރެ ގިނައިން މުބާރާތުގައި ގޯލް ޖަހާފައިވަނީ އެ ޓީމު އަތުން ސެމީގައި ބަލިވި އެޕެކްސް އެކަންޏެވެ. އެކަމަކު އެޕެކްސް އިން ޖެހި 23 ގޯލްގެ ތެރެއިން 11 ގޯލް ޖަހާފައިވަނީ އެއް ޓީމެއްގެ ކޮޅަށެވެ.

މުބާރާތުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ގޯލާ ރައްޓެހި ފޯވާޑް ލައިން އޮތީވެސް ޕޮލިސް ކްލަބްގަ އެވެ. މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އުޅޭ ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ ޕޮލިސް ކްލަބްގެ ދެ ކުޅުންތެރިންނެވެ.
ލަނޑު ލިސްޓްގެ ދެވަނައިގައި ނުވަ ގޯލާއެކު ޕޮލިސް ކްލަބްގެ ހަސަން ހޫދު އޮތް އިރު ތިންވަނައިގައި އޮތީ އަށް ގޯލާއެކު އެ ޓީމުގެ އަލީ ނަޒްމީ އެވެ. މި ދެ ކުޅުންތެރިންގެ ފޯމު މިރޭގެ މެޗުގައި ދަމަހައްޓައިފި ނަމަ 10 ގޯލާއެކު އެއްވަނައިގައި އޮތް މުހައްމަދު އިޒާނަށްވުރެ ކުރި ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026
މި މުބާރާތުގައި މިހާތަނަށް ޕޮލިސް ކްލަބަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މުބާރާތުގައި އެ ޓީމު ކޮޅަށް ގިނަ ގޯލްތަކެއް ވަދެފައިވުމެވެ. މުބާރާތުގައި މިހާތަނަށް ޕޮލިސް ކްލަބް ކޮޅަށް 17 ގޯލް ވަނީ ވަދެފަ އެވެ. އެ ޓީމަށް ވުރެ ގިނައިން މި މުބާރާތުގައި ލަނޑު ވަދެފައިވަނީ ޖުމްލަ 18 ގޯލް ބައިކޮޅަށް ވަތް މަކާއު ކޮޅަށެވެ.
ތިންވަނަ ތަށި ހޯދަން އޮތް އަމާޒަކީ ނައިފަރު ޗެލްސީއަށް އޮތް ޕްރެޝަރެއް
ނައިފަރު ޗެލްސީން މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ މުބާރާތް ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލުމެވެ. އެއީ ޓީމަށް އޮތް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކަމަށާއި، އެކަމަކު މުބާރާތުގެ މިހާ ހިސާބަށްވެސް އައިސްފައިވަނީ އެ ޕްރެޝަރު ނަގައިގެން ކަމަށް ނައިފަރު ޗެލްސީގެ ގޯލްކީޕަރު އަބްދުﷲ މުހައްމަދު މިރޭގެ މެޗުގެ ކުރިން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
"ތިންވަނަ ފަހަރަށް ތަށި ހޯދަން ނުކުންނާތީ ޕްރެޝަރު އެބައޮތް. އެކަމަކު އަހަރެމެން މިހިސާބަށް މިއައީ އެ ޕްރެޝަރު ހޭންޑްލް ކުރަމުން." އަބްދުﷲ ބުނެފައިވެ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު އެންމެ ބޮޑަށް ނައިފަރު ޗެލްސީއިން އެންމެ ބޮޑަށް ސަމާލުވާނީ ކޮންކަމަށްތޯ ސުވާލުކުރުމުން އަބްދުﷲ ބުނެފައިވަނީ ޕޮލިސް ކްލަބަކީ މޮޅު ޓީމެއް ކަމަށާއި، އެ ޓީމުގެ ފޯވާޑް ލައިން ވަރުގަދަ ކަމަށެވެ.
"އެންމެ ބޮޑަށް ވިސްނަން ޖެހޭނީ އެ ޓީމުގެ ކުރިއަށް ކުޅޭ ހޫދު އާއި ނަޒްމީގެ ފަރާތުން އަންނަ ނުރައްކާ ހުއްޓުވަން، އެއީ ވަރަށް މޮޅު ދެ ކުޅުންތެރިން."
ގްރޫޕް ސްޓޭޖުގައި ޕޮލިސް ކްލަބާއި ވާދަކޮށް މޮޅުވެފައި އޮތުމަކީ މިރޭގެ މެޗަށް ނުކުންނައިރު އޮތް އިތުބާރު ބޮޑުވާނެ ކަމެއް ކަމަށާއި، އެކަމަކު ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރުމަކީ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.
ދުރާލާ ތައްޔާރުވެ މިފަހަރު ބޮޑު އުންމީދެއްގައި
މިރޭގެ މެޗުގެ ކުރިން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ޕޮލިސް ކްކަބްގެ މެނޭޖަރު ފަރުހާދު އިބްރާހިމް ބުނެފައުވަނީ ނައިފަރު ޗެލްސީއަކީ މި މުބާރާތުގައި ކުޅޭ އެންމެ މޮޅު ޓީމު ކަމަށާއި، މެޗަށް ނުކުންނާނީ އެކަން ދަނެގެން ކަމަށެވެ.
"ނައިފަރު ޗެލްސީ އަކީ އެންމެ މޮޅު ޓީމް. އެއާ މެދު ސުވާލެއްވެސް ނެތް. އެ ޓީމަށް ދޭންޖެހޭ ފުރިހަމަ ރެސްޕެކްޓް އަހަރެމެން ދޭނަން. އެއާއެކުވެސް މިރޭގެ މެޗު ކާމިޔާބުކޮށް މި ތަށި އުފުލާލެވޭނެ ކަމުގެ އުންމީދު އަހަރެމެންނަށް ވަރަށް ބޮޑު." ފަރުހާދު ބުނެފައިވެ އެވެ.
މުބާރާތުގައި ގިނަ ގޯލްތަކެއް ޕޮލިސް ކްލަބް ކޮޅަށް ވަދެފައިވުމަކީ މިރޭގެ މެޗަށް ނުކުންނައިރު ވަރަށް ބޮޑަށް ވިސްނާނެ ކަމެއް ކަމަށާއި، އެކަން މިރޭގެ މެޗުގައި ތަކުރާރު ނުވާނެހެން ހެން ގޭމް ޕްލޭން ރާވަމުން އަންނަ ކަމަށްވެސް ފަރުހާދު ބުނެފައިވެ އެވެ.

"އަސްލު އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ އަރާ ހަތަރު ކުޅުންތެރިންގެ ހުރި ވަރުގެ ކޮލިޓީ ޓީމުގެ ބެންޗުން އަރަން ތިބި ކުޅުންތެރިންގެ ނެތުން. އަނެއް ކޮޅުން ފުރަތަމަ މެޗުގައި އަހަރެމެންގެ ވަރަށް ކީ ޕްލޭޔަރަކު އަނިޔާވެގެން މުބާރާތާ ވަކިވާން ޖެހުންވެސް އެއީ ކުރިމަތިވި ވަރަށް ބޮޑު މައްސަލަ އެއް. އެއާއެކު މިރޭ ފުރަތަމަ އަހަރެމެން ބަލާނީ ކޮޅު ހިފެހެއްޓޭތޯ." ފަރުހާދު ބުނެފައިވެ އެވެ.
މި މުބާރާތް ފެށި ފަހުން މިދިޔަ ދެ އަހަރުވެސް ބައިވެރިވެފައިވާ ޕޮލިސް ކްލަބަށް މީގެ ކުރިން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ވެސް ނުވެ އެވެ. އެހެންވުމާއެކު މިއަހަރު އެ ޓީމު ވަނީ މިދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލައި ވަރަށް ދުރާލާ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.