ފުރަތަމަ ސަފްޙާ / ޚަބަރު / ކުރެންދޫ ޗެލެންޖުގެ ފައިނަލުން ނައިފަރު ޗެލްސީ އާއި ޕޮލިސް ކްލަބް ޖާގަ ހޯދައިފި
ކުރެންދޫ  ޗެލެންޖުގެ ފައިނަލުން ނައިފަރު ޗެލްސީ އާއި ޕޮލިސް ކްލަބް ޖާގަ ހޯދައިފި
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގަެ ސެމީ ފައިނަލްގައި ނައިފަރު ޗެލްސީ އާއި މޮނާކީ އެފްސީ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ކުރެންދޫ ކައުންސިލް އިދާރާ

ކުރެންދޫ ޗެލެންޖުގެ ފައިނަލުން ނައިފަރު ޗެލްސީ އާއި ޕޮލިސް ކްލަބް ޖާގަ ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
18 ގަޑިއިރު ކުރިން 12 ޖޫން 2026

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލުން ޅ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބާއި، ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.

ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލަށް މި ދެ ޓީމު ދަތުރުކުރި އިރު މިއީ އެއް ގްރޫޕެއްގައި މިފަހަރު ހިމެނުނު ދެ ޓީމެވެ.

ޕޮލިސް ކްލަބުން ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނައިފަރު އެޕެކްސް އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އަކީ 4-4 އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 10 މިނެޓްގެ ކުޅުން ނުނިމެނީސް ޕޮލިސް ކްލަބުން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު މި މެޗު ފަސޭހަ ކަމާއެކު އެ ޓީމުން ކާމިޔާބުކޮށްފާނެ ކަމަށް ހީކުރެވުނެވެ. އެކަމަކު އޭގެ ދެ މިނެޓް ފަހުން އެޕެކްސް އިން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިތާ މިނެޓެއް ވެސް ނުވަނީ ޕޮލިސް ކްލަބުން އަނެއްކާވެސް ލަނޑެއް ޖަހައި ލީޑު ފުޅާކުރި އެވެ.  އެއާއެކު ދެން ފެނުނީ އެޕެކްސް އިން ވަރުގަދަ ހިތްވަރެއް ކޮށް ޕޮލިސް ކްލަބްގެ ގޯލަށް ނުރައްކާ ކުރަން ފެށި ތަނެވެ. ނަތީޖާއެއްގެ ގޮތުން އެޕެކްސް އިން ދެ ލަނޑު ޖަހައި ނަތީޖާ 3-3 އަށް ބަދަލުކުރި އެވެ.

ޕޮލިސް ކްލަބާއި އެޕެކްސް ވާދަކުރި ސެމީގެ ތެރެއިން. ފޮޓޯ: ކުރެންދޫ ކައުންސިލް
ޕޮލިސް ކްލަބާއި އެޕެކްސް ވާދަކުރި ސެމީގެ ތެރެއިން. ފޮޓޯ: ކުރެންދޫ ކައުންސިލް

މި ނަތީޖާގައި އޮވެގެން މެޗު ނިމެންދަނީ ކަމަށް ބަލައިގެން ތިއްބާ އެންމެ ފަހު މިނެޓުގައި ޕޮލިސް ކްލަބުން ލަނޑެއް ޖަހައި އެޓީމުގެ ޖާގަ ގާތްގަނޑަކަށް ޔަގީންކުރި އެވެ. އެކަމަކު ދެން އަނެއްކާވެސް ފެނުނީ މެޗުގެ އެންމެ ފަހު ކަށިގަނޑު ފުމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް އެޕެކްސްއިން ނަތީޖާ ދެވަނަ ފަހަރަށް ހަމަކުރި ތަނެވެ.    

އެޕެކްސް އިން ޖެހި ހަތަރު ގޯލްގެ ތެރެއިން ތިން ގޯލް މުހައްމަދު ވިގާމް ޖެހިއިރު އަނެއް ގޯލް ކާމިޔާބުކޮށްފައިވަނީ މުހައްމަދު އިޒާން އަލީ އެވެ. މިއީ އިޒާން މި މުބާރާތުގައި ކާމިޔާބުކުރި 10 ވަނަ ގޯލެވެ. ޕޮލިސް ކްލަބުން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް އަލީ ނަޒްމީ ކާމިޔާބުކުރިއިރު  އަނެއް ދެ ގޯލް ޖެހީ މުސްތަފާ މުހައްމަދާއި، ހަސަން ހޫދު އިބްރާހީމް އެވެ. 

https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026

މެޗުގެ ނަތީޖާ ހަމަހަމަވުމާ ގުޅިގެން ކުރިއަށްގެންދިއަ ޕެނަލްޓީ ޝޫޓްއައުޓް ގައި ޕޮލިސް ކްލަބުން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު އެޕެކްސް އަށް ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީ އެވެ.

ކުރެންދޫ ކައުންސިލް އިދާރާ އާއި ކުރެންދޫ އިޖުތިމާއީ މަރުކަޒު ގުޅިގެން ބާއްވާ މި މުބާރާތުގެ ފައިނަލުން ނައިފަރު ޗެލްސީ ޖާގަ ހޯދީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި މޮނާކީ އެފްސީއާ ބައްދަލުކޮށް 0-1 އިން މޮޅުވެގެންނެވެ. ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު މި މެޗުގައި ނައިފަރު ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު ފަހު ހާފުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ހުސައިން ފައިސަލް އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުން ގެންދަނީ މުބާރާތުގެ ލައިވް ކަވަރޭޖުގެ އިތުރުން އިނާމު ލިބޭ ޕްރިޑިކްޝަން ލީގެއް ވެސް ކުރިއަށްގެންދަމުންނެވެ. 

  

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings