މިހާރު ކުރިއަށްދާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ޅ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބާއި، އެންމެ ފަހުގެ ރަނަރަޕް މޮނާކީ އެފްސީއިން ކަށަވަރުކޮށްފިއެވެ.
ގްރޫޕް އޭގައި ވާދަކުރި މޮނާކީއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައި މިވަނީ މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އެފްސީ ބަދަވީންއާ ވާދަކޮށް 0-4 އިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗުގައި މޮނާކީއަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އިރުޝާދު ހަސަން ޒަރީރު، މަފާޒް އަބްދުއްޝުކުރޫ އަދި އިޔާޒް އިލްޔާސް އެވެ.
ގްރޫޕް އޭއިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ނައިފަރު އެޕެކްސް އެވެ. މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޖުމްލަ 10 ޕޮއިންޓާއެކު ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވާ އެޕެކްސް ވަނީ މުބާރާތުގައި އެ ޓީމު ކުޅެންޖެހޭ އެންމެ ފަހު މެޗުގައި މިއަދު މަކާއު ކޮޅަށް 11 ގޯލް ޖަހައިފަ އެވެ.
މި މެޗުގައި އެޕެކްސްގެ މުހައްމަދު އިޒާން އަލީ ފަސް ގޯލް ކާމިޔާބު ކުރިއިރު އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ މަހްމޫދު ވެސް ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޕެކްސް އަށް ދެން މި މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު މިއުރާޝް، އިބްރާހީމް ޝަރީފް އަދި އަލީ ހައިޒޫން އެވެ.
މިއަދުގެ މެޗުން މޮޅުވެގެން ސެމީގެ ޖާގައެއް ކަށަވަރުކުރެވެން އޮތް މަކާއު އަށް މެޗުގައި ޖެހުނީ އެންމެ ދެ ލަނޑެވެ. މި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު މަކާއުގެ މުހައްމަދު އަޖުވަދު ކާމިޔާބުކުރި އިރު އަނެއް ލަނޑަކީ އެޕެކްސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ކުރެންދޫ ކައުންސިލް އިދާރާ އާއި އެރަށު އިޖުތިމާއީ މަރުކަޒު ގުޅިގެން އިންތިޒާމުކުރާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ ޖާގަ ޕޮލިސް ކްލަބުން ޔަގީންކޮށްފައިވަނީ މިއަދު ހަވީރު މީ މެންސްއާ ދެކޮޅަށް ކުޅުނު މެޗު 3-6 އިން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ޕޮލިސް ކްލަބުން ޖެހި ހަ ގޯލްގެ ތެރެއިން ތިން ގޯލް ހަސަން ހޫދު ކާމިޔާބުކުރި އިރު ދެން އެ ޓީމުން ޖެހި ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އަބްދުﷲ މުހައްމަދާއި، މުސްތަފާ މުހައްމަދުގެ އިތުރުން އަލީ ނަޒީމެވެ.
https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026
ޖުމްލަ ނުވަ ޕޮއިންޓާއެކު ޕޮލިސް ކްލަބުން ސެމީގެ ޖާގަ ކަށަވަރުކުރި އިރު އެޓީމު ހިމެނޭ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ނައިފަރު ޗެލްސީ އެވެ. ގްރޫޕް އޭގެ ފަހު މެޗުގައި މިރޭ ނައިފަރު ޗެލްސީން ވަނީ ޒިފިއަސްއާ ވާދަކޮށް 0-6 އިން މޮޅުވެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެޕެކްސް އާއި ޕޮލިސް ކްލަބް ވާދަކުރާއިރު ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމުކަމަށްވާ ނައިފަރު ޗެލްސީ އާއި މޮނާކީ އެފްސީ އެވެ. މި ދެ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރެ އެވެ.