ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2026 ގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.
އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އަތޮޅުގައި ހިމެނޭ ހަތަރު ރަށުންވެސް ޓީމުތައް ބައިވެރިވެފައިވާ އިރު މިރޭ ކުޅޭ ސެމީ ފައިނަލްގައި ވާދަކުރަނީ ނައިފަރަށް ނިސްބަތްވާ ދެ ޓީމާއި، އޮޅުވެލިފުށި ޓީމެއްގެ އިތުރުން ޅ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބެވެ.
ކުރެންދޫ ކައުންސިލް އިދާރާ އާއި އެރަށު އިޖުތިމާއީ މަރުކަޒު ގުޅިގެން ބާއްވާ މި މުބާރާތުގައި މިރޭ 08:30 ގައި ފަށާ ސެމީ ފައިނަލްގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދި އެޕެކްސް އާއި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ގްރޫޕް ބީގެ ދެވަނަ ހޯދި ޕޮލިސް ރިކްރިއޭޝަން ކްލަބެވެ.
މި ދެ ޓީމަކީ މި މުބާރާތުގައި މިފަހަރު ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ގޯލް ޖަހާފައިވާ ދެ ޓީމެވެ. މުބާރާތުގައި މިހާތަނަށް، ނައިފަރަށް ނިސްބަތްވާ އެޕެކްސް އިން 19 ގޯލް ކާމިޔާބު ކޮށްފައިވާއިރު ޕޮލިސް ކްލަބުން ވަނީ މި މުބާރާތުގައި ޖުމްލަ 17 ގޯލް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގައި އެންމެ ގިނަ ހޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައިވެސް އުޅެނީ މި ދެ ޓީމުގެ ކުޅުންތެރިންނެވެ. ލަނޑު ލިސްޓްގެ އެއްވަނައިގައި ނުވަ ގޯލާއެކު އެޕެކްސްގެ މުހައްމަދު އިޒާން އަލީ އޮތްއިރު ދެވަނައިގައި އޮތް ޕޮލިސް ކްލަބްގެ ހަސަން ހޫދު ކާމިޔާބުކޮށްފައިވަނީ 8 ލަނޑެވެ. ރަން ބޫޓަށް ވާދަކުރާ ރޭހުގެ ތިން ވަނައިގައި ހަ ގޯލާއެކު އޮތީ ޕޮލިސް ކްލަބްގެ އަލީ ނަޒްމީ އެވެ.
މިރޭ 09:30 ގައި ފަށާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ދެ ޓީމު ކަމަށްވާ ނައިފަރު ޗެލްސީ އާއި މޮނާކީ އެފްސީ އެވެ. ނައިފަރު ޗެލްސީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްްގެންނެވެ. ނައިފަރު ޗެލްސީ ފާހަގަކުރެވިފައިވަނީ މި މުބާރާތުގައި އެންމެ ބެލެންސް ރަނގަޅު ޓީމުގެ ގޮތުގައި މިހާތަނަށް އެ ޓީމުން މި މުބާރާތުގައި 15 ގޯލް ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ހަތަރު ގޯލެވެ.
https://www.fahuminet.com/tournaments/loi-kurendhoo-futsal-challenge-2026
ޖުމްލަ ހަ ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރި މޮނާކީ މުބާރާތް ފެށީ ވަރަށް ނާއުންމީދީ ނަތީޖާތަކަކާއެކު އެވެ. ފުރަތަމަ ދެ މެޗުން ބަލިވެ ބޮޑު މާޔޫސްކަމެއްގައި ތިއްބާ އެ ޓީމަށް ދިރުން އައީ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ހުދުހާ އާ ބައްދަލުކޮށް ކުޅުނު މެޗުން 0-2 އިން މޮޅުވި ހިސާބުންނެވެ. މުބާރާތުގައި މޮނާކީން މިހާތަނަށް ނުވަ ގޯލް ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު ކޮޅަށް ހަތް ގޯލް ވަނީ ވަދެފަ އެވެ.