މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުތައް ފެށުނު ނަމަވެސް އެހެން އަހަރުތަކުގައި އޮތް ކަހަލަ ފޯރިއެއް އަދި ދިވެހިންގެ މެދުގައި މިފަހަރު އޮތް ހެނެއް ހިއެއް ނުވެ އެވެ. އޭގެ ފަހަތުގައި އޮވެދާނެ ކަމަށް ހީވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.
އެންމެ ބޮޑު އެއް ސަބަބަކަށް ދިވެހިންގެ ގިނަ ބަޔަކު ސަޕޯޓްކުރާ އެއްވެސް ޓީމެއްގެ މެޗެއް އަދި ކުޅެފައި ނުވުން ވެދާނެ އެވެ. މިހާތަނަށް މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅެފައިވާއިރު މިއިން އެއްވެސް މެޗެއްގައި ދިވެހިންގެ މަދުގައި ކުޑަވެސް މަގްބޫލްކަމެއް އޮތް ޓީމެއް ކުޅެފައެއް ނެތެވެ. އެކަމަކު މިރެއަކީ އެކަން ޔަގީނުންވެސް ބަދަލުވާނެ ރެއެކެވެ. މިރޭ ރާއްޖޭގެ ގަޑިން ފަތިހު ތިނެއް ޖަހާއިރު ކުޅޭ މެޗުގައި އެއްކޮޅުން ކުޅޭނީ އެންމެ ގިނަ ދިވެހިން ސަޕޯޓްކުރާނެ އެއް ޓީމުގެ ގޮތުގައި ހިމެނޭ ބްރެޒިލް އެވެ.
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލީގުތަކާއި، ބައިނަލްއަގްވާމީ ބޮޑެތި ހުރިހާ ފުޓްބޯޅަ މުބާރާތްތަކެއް ދިވެހިންނަށް ފަސޭހަ ކަމާއެކު ފެންނަން ފެށުމާއެކު ދިވެހިންގެ ސަޕޯޓް ތަފާތު އެކި ގައުމުތަކަށް ބެހުނު ކަމުގައިވިޔަސް ވޯލްޑް ކަޕްގެ މެޗުތައް ވަގުތުން ބަލާލުމުގެ ފުރުސަތު ފެންނަން ފެށި ހިސާބުން ގިނަ ދިވެހިންގެ ދުލަށް އެންމެ ފަރިތަ ނަމަކީ ބްރެޒިލް އެވެ. އެންމެ ގިނަ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން އޭރު ވޯލްޑް ކަޕްގައި ވިދާލި ރޮމާރިއޯ އާއި ރިވާލްޑޯގެ އިތުރުން ބެބޭޓޯ ފަދަ ކުޅުންތެރިންގެ ޖާދޫއިން ދިވެހިންގެ ހިތްތައް މާ ބޮޑަށްވެސް ފުރުނީ އެވެ.
އޭގެ ފަހުން ދިވެހިންގެ ހިތުގައި ބްރެޒިލްއަށް އޮތް ލޯބި ދުވަހަކު ފިލައިގެން ނުދާވަރަށް އާލާވެ ބިންވަޅު ނެގުނީ ރޮނާކްޑޯ އާއި ރޮބާޓޯ ކާލޯސްގެ އިތުރުން ރޮނާލްޑީނިއޯ ފަދަ ކުޅުންތެރިން ހަނދާނުން ނުފޮހެވޭނެ ވަރުގެ މޮޅު ފުޓްބޯޅައެއް ކުޅެ 2022 ވަނަ އަހަރު ފަސް ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ބްރެޒިލަށް ހޯދައިދިން ހިސާބުންނެވެ.
މިއަދު ބްރެޒިލްގައި އެވަރުގެ މަޝްހޫރު ކަމެއް ލިބިފައި ތިބި ކުޅުންތެރިންނެއް ނެތެވެ. އަދި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބްރެޒިލް ހިމަނާ މީހުން މިހާރު ވަރަށް މަދެވެ. މިހާރުގެ ބްރެޒިލްގެ ސްކޮޑުން ގިނަ ދިވެހިންނަށް ފަރިތަކަމާއެކު ކިޔަން އެނގޭނީވެސް މަދު ބައެއްގެ ނަމެވެ. މިކަންކަން މިހާ ބޮޑަށް ބަދަލުވެފައި އޮތަސް ދިވެހިންގެ ގިނަ ބަޔަކު ބްރެޒިލަށް ކުރަމުން އައި ތާއީދަކަށް ބަދަލު އައިހެނެއް ހިއެއް ނުވެ އެވެ.
https://www.fahuminet.com/tournaments/world-cup-2026
މުބާރާތުގައި ބްރެޒިލް ވާދަކުރާ ފުރަތަމަ މެޗުގައި މިރޭ ނުކުންނަނީ ވެސް އާދައިގެ ޓީމަކާ ދެކޮޅަކަށް ނޫނެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު މޮރޮކޯއާ ދެކޮޅަށް މިރޭ ނުކުންނައިރު މިއީ މި މުބާރާތުގައި މިހާތަނަށް ކުޅޭނެ އެންމެ ފޯރިގަދަ މެޗަށް ވާނެކަން ޔަގީނެވެ. އަދި މިއީ އެންމެ ގިނަ ދިވެހިން މިފަހަރުގެ ވޯލްޑް ކަޕްގައި ބަލާނެ ފުރަތަމަ މެޗަށް ވާނެ ކަމަށްވެސް ބެލެވެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕާ ގުޅިގެން ދިވެހިންނަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ މެޗުތައް ކުޅޭ ގަޑި އެވެ. ގިނަ މެޗުތައް ދިމާވަނީ ދަންވަރު ނޫނީ ފަތިހުގެ ވަގުތާ އެވެ. މިރޭ ބްރެޒިލް ކުޅޭ މެޗަށްވެސް މިވަނީ އެހެނެވެ. މީގައި އޮތީ ދެ ގޮތެވެ. އަވަހަށް ނިދާފައި މެޗު ބަލަން ހޭލުމެވެ. ނޫނީ މެޗު ބަލަން އެއްކޮށް ހޭލާ ހުރުމެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.