ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ވާދަކުރަމުން އަންނަ ބިސް ބުރު ސްޕޯޓްސް ކްލަބާއި، ކްލަބް މޯލްޑިވްސްއިން ބާއްވަމުން އަންނަ ކިޑްސަލް މުބާރާތުގައި ވާދަކުރަމުން އަންނަ އެ ކްލަބްގެ އެކެޑަމީ ޓީމު އިއްޔެ މުހިންމު މޮޅެއް ހޯދައިފި އެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ބިސް ބުރު ސްޕޯޓްސް ކްލަބް އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗު 2-5 އިން ކާމިޔާބުކުރި އިރު ހަމަ އެގަޑީގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ ކިޑްސަލް މުބާރާތުގެ މެޗުގައި އެޑްވެންޗާ އެކަޑަމީގެ މައްޗަށް ބިސް ބުރު އެކަޑަމީގެ ޓީމުން ކުރި ހޯދީ 1-3 އިންނެވެ.
އިއްޔެ ހަވީރު ކުޅުނު ދިވެހި ޕްރިމިއާ ލީގު މެޗަށް ބިސް ބުރު ސްޕޯޓްސް ކްލަބް ނުކުތް އިރު އެ ޓީމު މި ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީއާ ވާދަކޮށް އެއްވަރުވެފައި އޮތް އިރު އެ ޓީމާ މިއަދު ވާދަކުރި ގްރީން ސްޓްރީޓްސް ކުޅުނު ފުރަތަމަ މެޗުވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ.
އިއްޔެގެ މެޗުގައި ބިސްބުރުން ގްރީން ސްޓްރީޓްސް ކޮޅަށް ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި އިރު އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ މަހްމޫދު އަޝްރަފާއި، އާމިރު ޝޮއައިބް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ޖަހައިފަ އެވެ.

ބިސްބުރުން މި މެޗުގައި ޖެހި އަނެއް ގޯލް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ނަޝީދެވެ. ގްރީން ސްޓްރީޓްސްއަށް މި މެޗުގައި ގޯލްތައް ކާމިޔާބުކޮށްފީފައިވަނީ އަންސަރު އިބްރާހީމްގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ އޮބައިދާ ކަދީމް އެވެ.
ބިސް ބުރު އެކެޑަމީ ޓީމު އިއްޔެ ކިޑްސަލް މުބާރާތުގައި ކުޅުނު މެޗަކީ އެ މުބާރާތުގައި އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެސްޕައާ އެކަޑަމީއާ ވާދަކޮށް 2-1 އިން ބަލިވި ނަމަވެސް ބިސް ބުރު އެކެޑަމީ ޓީމުން އިއްޔެ ހަވީރު 5 ޖެހިއިރު އެޑްވެންޗާ އެކަޑަމީއާ ވާދަކޮށް ކުޅުނު މެޗުގައި ވަނީ ތަފާތު ކުޅުމެއް ދައްކައިފަ އެވެ.
މި މެޗުގައި ބިސްބުރު ޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޔޫސުފް ކާއިން، އަޔާން ބިން އަލީ އިމްރާން އަދި އަޒްޔާން މުހައްމަދެވެ. ބިސް ބުރާ ވާދަކުރި އެޑްވެންޗާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަބްދުﷲ ރިޒާނެވެ.
ކިޑްސަލް 2026 ގައި އިއްޔެ ހަވީރު ޖުމްލަ ހަތަރު މެޗު ކުޅެފައިވާ އިރު ހަވީރު ހަތަރެއް ޖެހިއިރު ވިލިމާލެ ޔުނައިޓެޑާއި، ސްޓާސް އެކަޑަމީ ކުޅުނު މެޗު 0-5 އިން ކާމިޔާބުކުރީ ވިލިމާލެ ޔުނައިޓެޑެވެ. މި މެޗުގައި ވިލިމާލެ ޔުނައިޓެޑްގެ އިލާން ހަސަން ހެޓްރިކް ހެދިއިރު އަނެއް ދެ ގޯލް ވިލިމާލެ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މުހައްމަދު އާކިލް އާއި ސައްޔާފް ބިން އަލީ އެވެ.

ހަމަ އެގަޑީގައި ނިއު ރޭޑިއަންޓްގެ އެކެޑަމީ ޓީމާއި ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބްގެ ޓީމު ކުޅުނު މެޗު 3-4 އިން ކާމިޔާބުކުރީ ނިއުރޭޑިއަންޓެވެ. މި މެޗުގައި ނިއުގެ ޓީމު ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ރާއިޝް ރަމީޒް ކާމިޔާބުކުރި އިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްފައިވަނީ މުހައްމަދު އަޒްހާނާއި، ޔޫސުފް ލާއިގެވެ. ހުޅުމާލެ ޓީމަށް މި މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ ހަމީސް ބިން އަބްދުލް ހަމީދާއި، މުހައްމަދު ޝަހުމްގެ އިތުރުން އިބްރާހިމް އަބާން އެވެ،
ކިޑްސަލް މުބާރާތުގައި އިއްޔެ ހަވީރު 5 ޖެހިއިރު ކުޅުނު މެޗުގެ ތެރެއިން އެއް މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ 2-2 އިން އެއްވަރުވި އިރު ވެލެންސިއާ އާއި ބީޖީ ވާދަކުރި މެޗުގައި ވެލެންސިއާއިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އިބްރާހިމް އިޔާސް އެވެ. ބީޖީއަށް ގޯލްތައް ކާމިޔާވޔކޮށްދިނީ ހުސައިން ރިހާނާއި މިސްކް ބިން އިބްރާހިމް ސުހައިލް އެވެ.