ދިވެހި ޕްރިމިއާ ލީގު ކޮލިފައިން ބުރުގައި ރޭ ކުޅުނު މެޗުގައި ހުރާއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯލް ޖަހައިގެން ގައްދޫ މެޗު ކާމިޔާބުކޮށްފި އެވެ.
އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު ޖާގަ ކަށަވަރުކުރާ ޓީމުތައް ކަނޑައެޅުމަށްޓަކައި މާލޭގައި ބާއްވަމުން އަންނަ ކޮލިފައިން ބުރުގައި ރޭ ކުޅުނު މެޗަކީ ހުރާ އާއި ގައްދޫ މި ބުރުގައި ކުޅުނު ދެވަނަ މެޗެވެ. ކޮލިފައިން ބުރު ހުޅުވި މެޗުގައި ހުރާއިން ގްރީން ސްޓްރީޓްސް އާ ވާދަކޮށް 1-1 އިން އެއްވަރުކުރި އިރު ގައްދޫއިން ކުޅުނު ފުރަތަމަ މެޗުގައި ދިއްދޫ އާ ވާދަކޮށް 0-1 އިން އޮތީ ބަލިވެފަ އެވެ.
ސައުތު ރީޖަން ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ގައްދޫ ވާދަކުރަމުން އަންނައިރު އެ ޓީމު ލީގު ކާމިޔާބުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އަނެއް ކޮޅުން ހުރާ މި ބުރުން ޖާގަ ހޯދާފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ ތިން ސަރަހައްދުގައި ކުޅުނު ރީޖަން ލީގުތަކުގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވި ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ހުރާއިން ލީޑް ނެގީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. މި ލަނޑު ހުރާއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މުހައްމަދު ތަސްމީން ދިން ބޯޅައަކުން ސްޕެއިންގެ އެސިއާ ގޯމޭސް އަލްވަރޭޒް އެވެ.
މެޗުގެ ކުރީކޮޅު ހުރާއިން ނެގި ލީޑް ދެމެހެއްޓޭވަރުވީ އެންމެ ހަތް މިނެޓަށެވެ. މެޗުގެ ނަތީޖާ ގައްދޫއަށް ހަމަހަމަކޮށްދިން ލަނޑު 25 ވަނަ މިނެޓްގައި ހުރާގެ ގޯލަށް ވައްދާލީ ސައުތު ރީޖަން ލީގުގައިވެސް މޮޅު ކުޅުމެއް ދެއްކި އަލީ މުހައްމަދެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓްގައި ގައްދޫ އިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ބިދޭސީ ކުޅުންތެރިޔާ އެމެނުއަލް އޮލުބެންގާ ޖެހި ލަނޑުންނެވެ.
https://fahuminet.com/tournaments/dpl-qualifiers-2026
ކޮލިފައިން ބުރުގައި ގައްދޫ ދެން ކުޅޭ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ވާދަކުރާނީ މި ބުރުގައި މިހާތަނަށް ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސް ކްލަބާ އެވެ. މި ކޮލިފައިން ބުރުގައި ހުރާ އިން ދެން ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހު ޓޭބަލްގެ ދެވަނައިގައި އޮތް ދިއްދޫ އާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި މިރޭވެސް މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުގައި ވާދަކުރާނީ ދިއްދޫ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.