ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅަށް ކުޅުނު ހޯކްސް އާއި ގަދަ ހިތްވަރެއް ދެއްކި ސްޓެލްކޯ ފައިނަލަށް
މޮޅަށް ކުޅުނު ހޯކްސް އާއި ގަދަ ހިތްވަރެއް ދެއްކި ސްޓެލްކޯ ފައިނަލަށް
ސްޓެލްކޯގެ ޝުއައިދު ސައީދު އެއްވަރުކުރި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

މޮޅަށް ކުޅުނު ހޯކްސް އާއި ގަދަ ހިތްވަރެއް ދެއްކި ސްޓެލްކޯ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 13 ޖޫން 2026

މިއަހަރުގެ ކިންގްސް ކަޕްގެ ފައިނަލުން ހޯކްސް އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ޖާގަ ހޯދައިފި އެވެ. 

ހޯކްސް ފައިނަލުގެ ޖާގަ ކަށަވަރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި 6-1 އިން އޭދަފުށީގެ އެއިޓީފޯ އެފްސީ ބަލިކޮށްގެންނެވެ. ސްޓެލްކޯ އާއި ކޯރާ ކޯރާ މޯލްޑިވްސް ވާދަކުރި މެޗު 2-2 އިން ވީ އެއްވަރެވެ. ޕެނަލްޓީގައި ސްޓެލްކޯ ކުރި ހޯދީ 3-4 އިންނެވެ. 

މުބާރާތް ކުރިއަށްދާ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ހޯކްސް އިން ވަނީ އެއިޓީފޯއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

މެޗުގައި ހޯކްސްގެ ސާދު މުހައްމަދު ނިޒާރު ވަނީ ހެޓްރިކް ހަދައިފަ އެވެ. ދެން ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އުލާން އާއި އުނައިސް ޒުބައިރުގެ އިތުރުން މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މެޗުގައި ފާއްޓެ ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ. މި ގޯލާ އެކު ފާއްޓެ ވަނީ ލަނޑު ލިސްޓުގެ އެއް ވަނަ އަށް އަރައިފަ އެވެ. 

އެއިޓީފޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޖުފާން އެވެ. އަޖުފާން ޖެހި ގޯލުގެ އިތުރުން އެއިޓީފޯ އަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. 

ހޯކްސްގެ ފާއްޓެ ބޯޅަ ފޮނުވާލަނީ. ފައިނަލުގައި އެޓީމު ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް
ހޯކްސްގެ ފާއްޓެ ބޯޅަ ފޮނުވާލަނީ. ފައިނަލުގައި އެޓީމު ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ސްޓެލްކޯ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކޯރާ ކޯރާ ދެ ގޯލުގެ ކުރީގައި އޮއްވައި ފަހަތުން އަރައި ހަމަހަމަ ކޮށްގެންނެވެ. 

މެޗުގެ ކުރީކޮޅު ކޯރާ ކޯރާ އިން މޮޅަށް ކުޅެ ލީޑު ނެގި އެވެ. އެޓީމުގެ ފުރަތަމަ ގޯލު އިބްރާހީމް އަނާން އަލީ ކާމިޔާބުކޮށްދިންއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އަޝްރަފް މުސްތަފާ އެވެ. 

ސްޓެލްކޯ އިން ހިތްވަރާ އެކު ކުޅެ އެނބުރި އައީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު މުހައްމަދު ވިލްފް ކާމިޔާބުކޮށްދިންއިރު އެއްވަރުކުރި ގޯލު ޖަހައިދިނީ ޝުއައިދު ސައީދު އެވެ. 

މެޗު އެއްވަރުވާން ދަނިކޮށް ސްޓެލްކޯ އަށް ދުުރު ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ވިލްފް ފޮނުވާލި ޕެނަލްޓީ ޖެހުނީ ކީޕަރު ގައިގަ އެވެ. 

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ފަސް ޕެނަލްޓީގެ ތެރެއިން ސްޓެލްކޯ އިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ސްޓެލްކޯ އަށް ނާކާމިޔާބުވީ މުހައްމަދު ސަމާހު މޫސާ ފަތުހީ ޖެހި ޕެނަލްޓީ އެވެ.

https://fahuminet.com/tournaments/kings-cup-2026

ކޯރާ ކޯރާ އަށް މޮޅުވާން ފުރުސަތު ލިބިފައިވަނިކޮށް އެޓީމު އެންމެ ފަހުން ޖެހި ދެ ޕެނަލްޓީ ވައްދައެއްނުލެވުނެވެ. އެޓީމުގެ އަޝްރަފް ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު ފަހު ޕެނަލްޓީ ރައުލް ނިޔާޒް ޖެހުމުން ކީޕަރު މަތަކުރީ އެވެ. 

ހޯކްސް އާއި ސްޓެލްކޯ ވާދަކުރާ ކިންގްސް ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ. 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings