ވޯލްޑް ކަޕް މެޗެއްގައި ގޯލެއް ކާމިޔާބުކޮށް މެޗުން ތިން ޕޮއިންޓް ހޯދުން އެއީ މުޅި އުމުރުގައިވެސް ރައުލް ހިމެނޭޒް އެންމެ އެންމެ ދެކެން ބޭނުންވެގެން ހުރި އެއް ވަގުތެވެ. އެކަމަކު މީގެ އަހަރުތަކެއް ކުރިން މި ދުވަސް ހިމެނޭޒްއާ ބައްދަލުކޮށްފާނެތޯ ސުވާލު އުފެދުނު ހާލަތެއްވެސް އޮތީ ކުރިމަތިވެފަ އެވެ. ދަނޑުމަތީގައި ވާދަވެރި މެޗެއް ކުޅެމުން ދަނިކޮށް ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން މަރު އެތިފަހަރަކާ 2020 ވަނަ އަހަރު ހިމެނޭޒަށް ކުރިމަތިވި އެވެ.
އެކަމަކު އެ ހާދިސާއަށް ހަ އަހަރު ވާން ގާތްވެފައިވަނިކޮށް އުމުރުން 35 އަހަރުގެ ހިމެނޭޒް މިވަނީ އަމިއްލަ ގައުމުގައި ބާއްވަމުން އަންނަ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސަޕޯޓަރުންނަށް ބޮޑު ހިނިތުންވުމެއް ގެނެސްދީފަ އެވެ.
މެޗުގައި ހިމެނޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު މެކްސިކޯއިން ރޭ ވަނީ ސައުތު އެފްރިކާއާ ދެކޮޅަށް އެގައުމުގެ އެންމެ މަޝްހޫރު ސްޓޭޑިއަމްގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގައި ހިމެނޭޒް ޖެހި ގޯލަށް ފަހު އޭނާ ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ. އަދި އެ އުފަލުގައި މެކްސިކޯ ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
"އަހަރެމެން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކީން. އޭނައަކީ އަބަދުވެސް ޓީމަށް ވަރަށް ފައިދާހުރި ކުޅުމެއް ކުޅޭ ކުޅުންތެރި އެއް." މުބާރާތުގެ ފުރަތަމަ ލަނޑު ރޭ މެކްސިކޯއަށް ކާމިޔާބުކޮށްދިން ހުލިއަން ކުއެނިނޮސް ބުނެފައިވެ އެވެ.
"ޓީމެއްގައި ދައުރެއް އަދާކުރުމަކީ އަހަރެމެންނަށް ފަހުރެއް. އަހަރެން ވަރަށް އުފާވޭ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ހިމެނޭޒްގެ ގޯލްތައް އަދިވެސް އިތުރުވަމުން އަންނާތީ."
މިހާތަނަށް ހިމެނޭޒް 125 މެޗު ގައުމީ ޓީމަށް ކުޅެފައިވާއިރު ރޭ އޭނާ ކާމިޔާބުކޮށްދިން ގޯލަކީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 46 ވަނަ ގޯލެވެ.
މީގެ ކުރިން ތިން ވޯލްޑް ކަޕްގައި ހިމެނޭޒް މެކްސިކޯ ތަމްސީލްކޮށްފައިވީ ނަމަވެސް ރޭގެ މެޗަކީ ފުރަތަމަ އެގާރައިގަ ހިމެނިގެން ހިމެނޭޒް ވޯލްޑް ކަޕްގައި އަދި މިހާތަނަށް ނުކުތް ހަމައެކަނި މެޗެވެ. ގޯލު ޖެހުމަށް ފަހު ހިމެނޭޒް އިހްތިރާމް އަދާކުރީ މި ފަހުން މަރުވި އޭނާގެ ބައްޕައަށެވެ.
ކެރިއަރަށް ބޮޑު ލޮޅުމެއް އެރި ހާދިސާ
އޭރު މެކްސިކޯގެ ކްލަބެއް ކަމަށްވާ އެމެރިކާގެ އިތުރުން އެތުލެޓިކޯ މެޑްރިޑް އަދި ބެންފީކާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭރު ހިމެނޭޒް އައީ ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވުލްވްސް އަށް ކުޅެމުންނެވެ.
ވުލްވްސް އަށް ބަދަލުވި ފުރަތަމަ ސީޒަންގައިވެސް ހިމެނޭޒް ވަނީ ލީގުގައި 13 ގޯލް ޖަހައި އެ ޓީމު ޔުރޮޕާ ލީގަށް ކޮލިފައިކޮށްދީފަ އެވެ. އެއާއެކު ވުލްވްސްގެ ތާރީހުގައިވެސް ކުޅުންތެރިއަކު ގެންނަން ހޭދަނުކުރާ ވަރުގެ ބޮޑު އަގަކަށް ހިމެނޭޒް ދާއިމީ ކޮށް އެ ކްލަބަށް ބަދަލުކުރި އެވެ. އޭގެ އަގު ހިމެނޭޒް އަދާކުރީ ޖެހިގެން އައި ސީޒަންގައި އިތުރު 17 ލީގު ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީގެންނެވެ.
ވުލްވްސްގައި ހިމެނޭޒް އުދުހެމުން ދަނިކޮށް އޭނާގެ ކެރިއަރުގެ އެންމެ ވަރުގަދަ އިމްތިހާނާ ކުރިމަތިވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗެއްގައި އެ ޓީމުގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއާ މުޑިއެރި ވަގުތު ހިމެނޭޒްގެ ބޯ ޖެހި އޭނާ ހޭނެތިގެން ވެއްޓުނެވެ. ޓީމުގެ ކުޅުންތެރިންނާއި، މެނޭޖަރާއި، އާއިލާގެ މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ދަނޑުމަތީގައި އޮކްސިޖަން ގުޅައިގެން ހިމެނޭޒަށް ފަރުވާ ދެމުން ދިޔައިރު އޭނާ ދިރި އޮތް ކަމާ މެދުވެސް އެ އެންމެން ތިބީ ޝައްކެއްގެ މަތީގަ އެވެ.
https://fahuminet.com/predict
އެ ހާދިސާއަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ހިމެނޭޒަށް ދިގު މުއްދަތެއް ނެގި އެވެ. ޓީމުގެ އެހެން ކުޅުންތެރިންނާ އެއްކޮށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވި ހަ މަސް ދުވަހު ހުންނަން ހިމެނޭޒަށް ޖެހުނެވެ. އަދި ކުޅުމާ ދުރުގައި އަށް މަސްދުވަހު ހުންނަން އޭނާއަށް ޖެހުނެވެ.
ވޯލްޑް ކަޕްގައި ހިމެނޭޒް މެކްސިކޯ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު ވުލްވްސްގައި ހިމެނޭޒަށް އިރުޝާދުދިން އެސިސްޓެންޓް ކޯޗު އެޑޫ ރުބިއޯ ވަނީ ވަރަށް ބޮޑަށް އެކަން ފާހަގަކޮށްފަ އެވެ.
"އެކަން ވާނީ އޭނައަށް މުޅި ދުނިޔެ މިލްކުވުން ކަހަލަ ކަމަކަށް، ގައުމީ ޓީމަށް ކުޅުމަކީ އޭނަ ވަރަށް ފަހުރުވެރިވާ ކަމެއް. ގައުމު ދެކެ އޭނަ ވަރަށް ލޯބިވޭ." ރުބިއޯ ބުނެފައިވެ އެވެ.
"އޭނަ އެ ލަނީ ނުވަ ނަންބަރު ޖޯޒީ، މުބާރާތް އެ ބާއްވަނީ އަމިއްލަ ގައުމުގަ. އެހެންވީމަ މި ވޯލްޑް ކަޕްގަ ގިނަ ކަންކަން އެހެރީ ހިމެނޭޒަށް ފައިދާވާ ގޮތަށް. އަނެއްކޮޅުން ރޭ އެ ކުޅުނީ މުބާރާތުގެ ފުރަތަމަ މެޗު. އެތައް ހާސް ބަޔަކު މެޗު ބަލަން ދަނޑަށް ވަދެ ތިބީ. އެހެންވީމަ އެކަން ވާނީ އޭނަ އަށާއި އާއިލާއަށް ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމަކަށް."
ވޯލްޑް ކަޕްގެ ދެ ވަނަ މެޗުގައި މިއަދު ހެނދުނު ދެކުނު ކޮރެއާ ވަނީ ޗެކް ރިޕަބްލިކާ ވާދަކޮށް 1-2 އިން މޮޅުވެފަ އެވެ.
ފުރަތަމަ ފަހަރަށް 48 ގައުމު ވާދަކުރާ ވޯލްޑް ކަޕްގައި މިރޭ ދަންވަރާއި މާދަމާ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ.