ފުރަތަމަ ސަފްޙާ / ޚަބަރު / ހޯކްސްގެ އުންމީދުތަކުގައި ކުލަޖައްސަން ސައްޓު އާއި ފާއްޓެ އަށް މިރޭ ތަފާތު އިމްތިހާނެއް
ހޯކްސްގެ އުންމީދުތަކުގައި ކުލަޖައްސަން ސައްޓު އާއި ފާއްޓެ އަށް މިރޭ ތަފާތު އިމްތިހާނެއް
ސައްޓު އާއި ފާއްޓެ ސެމީ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މަޝްހޫރު މި ދެކުޅުންތެރިން މިރޭ ސެމީގައި ނުކުންނާނީ ރަށު ޓީމާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ހޯކްސްގެ އުންމީދުތަކުގައި ކުލަޖައްސަން ސައްޓު އާއި ފާއްޓެ އަށް މިރޭ ތަފާތު އިމްތިހާނެއް

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 12 ޖޫން 2026

ކިންގްސް ކަޕްގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، ސެމީ ފައިނަލުގެ ދެ މެޗު ވެސް ހާއްސަވާ ސަބަބުތައް އެބަހުއްޓެވެ. އޭގެތެރެއިން އެއް މެޗަކީ އެއިޓީފޯ އެފްސީ އާއި ހޯކްސް ވާދަކުރާ މެޗެވެ. 

މުބާރާތުގައި ވާދަކުރާ އެއިޓީފޯ އެފްސީ އަކީ ބ. އޭދަފުއްޓަށް ނިސްބަތްވާ ޓީމެކެވެ. އަނެއްކޮޅުން އެޓީމާ ދެކޮޅަށް ނުކުންނަ ހޯކްސް ޓީމު ލީޑު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ވެސް އޭދަފުށީގެ މަޝްހޫރު ދެ ތަރިންނެވެ. އެއީ އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) އެވެ.

މި ދެކުޅުންތެރިން މިރޭ އެ ނުކުންނަނީ އަމިއްލަ ރަށު ޓީމަކާ ދެކޮޅަށެވެ. އިދިކޮޅުން ނުކުންނަ އެއިޓީފޯ ގައި ތިބީ މި ދެ ކުޅުންތެރިންނާ އެކު ގިނަ ދުވަހު ކުޅުނު ކުޅުންތެރިންނެވެ. އެއް ޓީމެއްގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިންނެވެ. މި ސަބަބުތަކާ އެކު ސައްޓު އާއި ފާއްޓެ ޔަގީނުން ވެސް މިރޭ ކުރާނީ ތަފާތު ތަޖުރިބާއެކެވެ. 

މުބާރާތުގެ ސެމީ ފައިނަލަށް ހޯކްސް ދަތުރުކުރީ ކުއާޓާ ފައިނަލުގައި 2-4 އިން އުތީމު އެފްސީ ބަލިކޮށްގެންނެވެ. އެ މެޗުގައި ވެސް ތަފާތަކަށްވީ ސައްޓު އާއި ފާއްޓެ އެވެ. 

ފުޓްސަލްގައި ހޯކްސްގެ ވިދުން ކުއްލިއަކަށް ގަދަވެ ވަރުގަދަ ނަމަކަށް އެ ޓީމު މިހާރު ވަނީ ބަދަލުވެފަ އެވެ. އެ ބަދަލުގައި ސައްޓު އާއި ފާއްޓެގެ ދައުރު ބޮޑެވެ.

މި ދެކުޅުންތެރިންގެ އިތުރުން އޭދަފުށީގެ ފުޓްސަލް ޓީމާއި ފުޓްބޯޅަ ޓީމުގައި ވެސް މިހާރު ހިމެނޭ މުހިއްމު ކުޅުންތެރިޔާ އުނައިޝް ޒުބައިރު ވެސް މިފަހަރު ކުޅެނީ ހޯކްސް އަށެވެ. 

https://fahuminet.com/tournaments/kings-cup-2026

ރާއްޖޭގެ މަޝްހޫރު ހުރިހާ ފުޓްސަލް ކުޅުންތެރިން ވާދަކުރާ ކިންގްސް ކަޕްގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ފާއްޓެ އެވެ. ފާއްޓެ ވަނީ ހަތަރު މެޗުގައި ހަ ގޯލު ޖަހައި އެއް ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ހަތަރު މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ފާއްޓެ ހޯދި އެވެ. 

މުޅި ޓީމު އެއްވަރެއްގައި ހިފެހެއްޓުމުގައި ސައްޓުގެ ކުޅުން ވެސް މުބާރާތުގައި ފާހަގަކުރެވެ އެވެ. ސައްޓު ވަނީ މިހާތަނަށް ހަތަރު މެޗުގައި ތިން ގޯލު ޖަހައި ދެ ގޯލު ޖަހަން އެހީތެރިވެފަ އެވެ. 

ސައްޓު އާއި ފާއްޓެގެ އިތުުރުން ރާއްޖޭގެ ފުޓްސަލްގައި މަގުބޫލުކަން ހޯދާފައިވާ ބިދޭސީ ކުޅުންތެރިޔާ އުލާން ވެސް މިފަހަރު ފެންނަނީ ހޯކްސް އިންނެވެ. މީގެ އިތުރުން ވެސް ފުޓްސަލްގައި ފާހަގަކޮށްލެވޭ މޫނުތަކެއް ހޯކްސް ޓީމުގައި ވަނީ ހިމަނައިފަ އެވެ. 

ހޯކްސްއާ ދެކޮޅަށް ނުކުންނަ އެއިޓީފޯ އަކީ އޭދަފުށީގެ ނަން މުބާރާތުގައި އުފުލަމުންގެންދާ ޓީމެވެ. ފުޓްސަލް އާއި ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ރަށުން އަންނަނީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އަބަދުވެސް ނަތީޖާތައް ނެރެމުންނެވެ. 

މިއަހަރުގެ ކިންގްސް ކަޕަށް ރަށުގެ ފުޓްސަލް ތަރިން ނުލައި ނުކުންނަން ޖެހުމަކީ އެއިޓީފޯ އަށް ކުރިމަތިވި ގޮންޖެހުމެކެވެ. އެކަމަކު އެރަށުގެ ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންނާއި، ރަށުން ބޭރުގެ ކުޅުންތެރިންނާ އެކު އެއިޓީފޯ އިން ދައްކަނީ އުންމީދީ ކުޅުމެކެވެ.

ކުއާޓާ ފައިނަލުގައި އެޓީމު މޮޅުވީ ހުސް ފުޓްސަލް ތަރިން ހިމެނޭ އެމްޓީސީސީ އަތުންނެވެ. މުބާރާތުގެ ފޭވަރިޓުންގެ ޓެގް އެޅުވި އެމްޓީސީސީއާ ވާދަކޮށް އެއިޓީފޯ މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-2 އިންނެވެ. 

އެއިޓީފޯގެ ގޯލްކީޕަރު ނާސިހު. ރަށުގެ ނަން ހިފައިގެން ނުކުމެ މިއަހަރުވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. ފޮޓޯ: ކްލަބް މޯލްޑިވްސް
އެއިޓީފޯގެ ގޯލްކީޕަރު ނާސިހު. ރަށުގެ ނަން ހިފައިގެން ނުކުމެ މިއަހަރުވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. ފޮޓޯ: ކްލަބް މޯލްޑިވްސް

އެއިޓީފޯ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ މިދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި އަބްދުﷲ ނާސިހު އެވެ. ނާސިހު އަންނަނީ މިފަހަރުގެ އޭދަފުށީގެ އެ ޓީމު ލީޑުކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ. 

މިދިޔަ އަހަރުގެ ކިންގްސް ކަޕްގައި ވެސް އޭދަފުށީގެ ޓީމެއް ވަނީ ވާދަކޮށްފަ އެވެ. އެރަށުން ނުކުތް ސީސީ ސްޕޯޓްސް ކްލަބް ފައިނަލުގައި ބަލިވީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުންނެވެ. މިދިޔަ އަހަރު އޭދަފުށީގެ އެޓީމުގައި ހިމެނުނު ކުޅުންތެރިން މިރޭ ފެންނާނީ ވާދަވެރި ސެމީއެއްގައި ތަފާތު ދެ ޓީމަކުންނެވެ. 

https://fahuminet.com/predict

ކިންގްސް ކަޕްގެ ސެމީ ފައިނަލުގައި އެއިޓީފޯ އާއި ހޯކްސް ވާދަކުރާ މެޗުގެ އިތުރުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ކޯރާ ކޯރާ މޯލްޑިވްސް ވެސް ވާދަކުރާނެ އެވެ. ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި މި ދެ މެޗު ވެސް ފަށާނީ މިރޭ 8:30 ގަ އެވެ.

ކްލަބް މޯލްޑިވްސް މިއަހަރުގެ ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުން މުބާރާތުގެ ލައިވްސްކޯ އާއި ފަހުގެ ހަބަރުތައް ގެނެސްދޭއިރު ކިޔުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ހުޅުވާލާފަ އެވެ. 

 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings