ފުރަތަމަ ސަފްޙާ / ޚަބަރު / މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނީ ކޮން ބައެއް؟
މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނީ ކޮން ބައެއް؟

މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނީ ކޮން ބައެއް؟

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 11 ޖޫން 2026

ތިން ގައުމެއްގައި އެއްފަހަރާ ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ރާއްޖޭގެ ގަޑިން މިރޭ 12 ޖަހާއިރު މެކްސިކޯގައި ފަށާއިރު އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ އެއް ސުވާލަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނީ ކޮން ބައެއް ހެއްޔެވެ؟ ޖުމްލަ 48 ޓީމާއެކު 104 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޝަރަފްވެރި ރަން ތަށީގައި އަތް ބީއްސާލުމުގެ ނަސީބު މީގެ 39 ދުވަސް ފަހުން ލިބޭމީ ކޮން ބަޔަކަށް ހެއްޔެވެ؟

މި އާޓިކަލްގައި މި ހިމަނާލަނީ ބީބީސީ ސްޕޯޓްސް ޓީވީ އަދި ރޭޑިއޯގައި ހަރަކާތްތެރިވާ ފުޓްބޯޅަ ދިރާސާކުރާ ބައެއް ފަރާތްތަކުން މިކަމާ ގުޅޭ ގޮތުން ފާޅުކޮށްފައިވާ ހިޔާލުތަކުގެ ހުލާސާ އެކެވެ.  

އެލަން ޝިއެރާ

ފްރާންސް، އެކަމަކު އެއީ ވަކި ހާލަތެއް މެދުވެރި ނުވެއްޖެ ނަމަ. އެ ހާލަތަކީ ޓީމުގެ އެތެރޭގައި ބައިބައިވުންތައް އުފެދުން. އެކަން ނުހިނގައިފި ނަމަ އެންމެ ފުރުސަތު ބޮޑީ ފްރާންސަށް. އެޓީމުގެ ފޯވާޑް ލައިންގަ ހިމެނޭ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ފްރާންސް ކުޅޭ ކޮންމެ މެޗެއްގައި ވެސް ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިއަކު ނުވަތަ ތިން ކުޅުންތެރިއަކު ބެންޗުގަ އިންނަން ޖެހޭނެ. ދެން ބަލަން ޖެހޭނީ އެކަމާ ގުޅިގެން ކުޅުންތެރިން ކަން ކުރަނީ ރަގަޅަށްތޯ؟

ޑެނީ މާފީ

ފްރާންސްގެ ފޯވާޑް ލައިންގައި ހުރި ހަމަލާ އުފެއްދުމުގެ ވަރުގަދަ ކަމުން އެހެން ދިމާއަކަށް ބަލާލަން ވެސް އުނދަގޫ. ހޫނު ގަދަ އިރެއްގަ އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހޭ ހާލަތުގަ ފްރާންސްގެ އެ ކުޅުންތެރިން ވަރުބަލިވެފައި އޮންނަ ޑިފެންސަކާ ދެކޮޅަށް ކޮށްލަފާނެ ވަރު މިހާރުވެސް ހިތަށް ސިފަވާ ކަހަލަ.

ރަޔާން ޗާކީ، އޮސްމާނޭ ޑެމްބެލޭ އަދި ޑެސައޭ ޑުއޭ އަށް އެއްފަހަރާ ފުރަތަމަ އެގާރައިން ޖާގަ ނުލިބިދާނެ. އެކަމަކު އެއިން ކޮންމެ ކުޅުންތެރިއަކީ މެޗުގެ 70 ވަރަކަށް މިނެޓް ފަހުން އެރުވިޔަސް 30 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައި ގޭމް އެމީހުން ކޮޅަށް އަނބުރާލެވޭނެ ފެންވަރު ހުރި ކުޅުންތެރިން.

އޮލިވިއޭ ޖިރޫޑް

އަހަރެން ދެކޭ ގޮތުގައި އެންމެ ވަރުގަދައީ ފްރާންސާއި، ސްޕެއިން. އެކަމަކު އެ ދެ ޓީމު ފައިނަލްގައި ވާދަކޮށްފާނެތޯއާއި ނުވަތަ ފައިނަލްގެ ކުރިން އެ ދެޓީމު ބައްދަލުކުރަން ޖެހިދާނެތޯ އެއީ ސުވާލެއް. އެކަމަކު ވަރަށް ސާފުކޮށް މި ބުނަނީ، އަހަރެން އުންމީދުކުރަނީ ފްރާންސް ތަށި ނަގާނެ ކަމަށް.

ވޭން ރޫނީ

ފައިނަލްގައި ކުޅޭނީ އިންގްލެންޑާއި ސްޕެއިން. އަދި، އުންމީދަކީ ފައިނަލް މެޗު ކާމިޔާބުކޮށް އިންގްލެންޑް ތަށި ހޯދުން.

ތޯމަސް ފްރޭންކް

ފްރާންސަކީ ޔަގީނުންވެސް އެންމެ ވަރުގަދަ އެއް ޓީމް. ސްޕެއިން އަކީ ވެސް ހަމަ އެހާ ވަރުގަދަ ޓީމެއް. އެމީހުންނަށް ވަރަށް ސާފުކޮށް އެނގޭ އެމީހުން ކުޅެންވީ ކިހިނެއް ކަން. އޭގެ ސަބަން ޓީމަށް އިތުރު ވަރުގަދަ ކަމެއް ލިބޭ. އަހަރެންނަށް ސްޕެއިންއާ ދޭތެރޭ އޮތް ހަމައެކަނި ކަންބޮޑުވުމަކީ އެ ޓީމުގެ ދެ ވިންގަށް ކުޅެމުން އަންނަ ލަމީން ޔަމާލާއި، ނިކޯ ވިލިއަމްސް އަށް މާ ބޮޑަށް ޓީމު ބަރޯސާވުން. އެއިން ކުޅުންތެރިޔަކަށް ނުކުޅެވޭ ގޮތް ވެއްޖެ ހާލަތެއްގައި އެތަން ފޫބައްދާނެ ވަކި ވަކި ކުޅުންތެރިން ސްޕެއިން ޓީމުގައި އެބަތިބިތޯ އެއީ އަހަރެންނަށް ޝައްކު އުފެދޭ ކަމެއް.

https://www.fahuminet.com/tournaments/world-cup-2026

މުބާރާތުގެ ތަށްޓަށް ދެން އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ އާޖެންޓީނާ އަދި ބްރެޒިލްގެ އިތުރުން އިންގްލެންޑާއި ޕޯޗުގަލް.  ވަރަށް ގިނަ މީހުން އެބަ ބުނޭ ފްރާންސް ނޫނީ ސްޕެއިން އޭ ތަށި ނަގާނީ. އެކަމަކު އަހަރެންނަށް ލަފާކުރެވޭ ގޮތުގައި ޗެމްޕިއަންކަން ހޯދާނީ އިންގްލެންޑް ނޫނީ ބްރެޒިލް.  ބޮޑަށް ބުރަވެވެނީ އިންގްލެންޑް ކޮޅަށް.

މިކާ ރިޗަޑްސް

މި މުބާރާތުގެ ފިނިހޫނުމިނަށް ޓީމުތައް ހޭނޭ ގޮތް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ. މިގޮތަށް ވިސްނާއިރު ދެކުނު އެމެރިކާގެ ޓީމުތައް ވަރުގަދަވާނެ ކަމަށް ބެލެވޭ.

އެކަމަކު އަހަރެންގެ ހިތް ބުނަނީ މިފަހަރުގެ މުބާރާތުގެ ތަށި ހޯދާނީ އެންމެ ރަގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅޭ ބައެކޭ. އެގޮތަށް އެންމެ ރަގަޅަށް ކުޅޭ ތަން އަހަރެންނަށް އެންމެ ރަގަޅަށް ފެންނަނީ ސްޕެއިން. އާޖެންޓީނާ ވެސް ވަރަށް ގާތް ކުރާނެ، އެމީހުން މެސީގެ ބޭނުން އެމީހުން ހިފާ ގޮތަކުން. އަހަރެން އަދިވެސް ގަބޫލުކުރަން އޭނަ އާދަޔާ ހިލާފު ވަރަށް ގިނަ ކަންކަން މިހާރުވެސް ކޮށްފާނެ ކަމަށް.

 

 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings