ފުރަތަމަ ސަފްޙާ / ޚަބަރު / ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި ޕާކިސްތާނަށް
ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި ޕާކިސްތާނަށް
ޕާކިސްތާނުން ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބުކުރުން. ފޮޓޯ: އެފްއޭއެމް

ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި ޕާކިސްތާނަށް

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 11 ޖޫން 2026

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާން ހޯދައިފި އެވެ. 

ޕާކިސްތާން ޗެމްޕިއަންކަން ހޯދީ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އަފްގާނިސްތާން 0-2 އިން ބަލިކޮށްގެންނެވެ. 

މިއީ 35 އަހަރުތެރޭ ޕާކިސްތާނަށް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އެގައުމުން މީގެކުރިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ހޯދުމެވެ. 

މެޗުގައި ޕާކިސްތާނުގެ ފުރަތަމަ ގޯލު 25 ވަނަ މިނެޓުގައި ޖެހީ ޝަޔަކް ދޯސްތު އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލީ އޯވަހެޑް ކިކެއް ގޮތަށެވެ. އެޓީމުގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހާރޫން ހާމިދު އެވެ. ހާރޫން އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. 

މެޗުން މޮޅުވުމުން ޕާކިސްތާނުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެގައުމުގެ ފުޓްބޯޅަ އަށް މިދިޔަ އަހަރުތަކުގައި އައި އަޑިގަނޑުން ސަލާމަތްވުމަށް ބައިނަލްއަގްވާމީ ތައްޓެއް ލިބުމަކީ ބޮޑު ކުރިއެރުމެކެވެ. 

ޕާކިސްތާނުގެ ކުޅުންތެރިން އެގައުމުގެ ދިދައާއެކު އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް
ޕާކިސްތާނުގެ ކުޅުންތެރިން އެގައުމުގެ ދިދައާއެކު އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

ޕާކިސްތާން އޮތީ 2023 ވަނަ އަހަރުގެ ފަހުން ބައިނަލްއަގްވާމީ މޮޅެއް ވެސް ނުލިބި އެވެ. 

މުބާރާތް ޕާކިސްތާން ކާމިޔާބުކުރީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އެޓީމު އެއްވަރުވީ ހަމައެކަނި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މުބާރާތުގައި އެޓީމުގެ ވަރުގަދަ ޑިފެންސަކީ ތަށި ލިބުމުގެ ސަބަބެކެވެ. 

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ ވެސް ވާދަކުރި އެވެ. އެކަމަކު އަމިއްލަ ގައުމުގައި މެޗަކުން މޮޅެއް ނުލިބި ރާއްޖެ ނިންމާލީ ފުލުގަ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings