ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ނައިފަރުށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ނައިފަރު ޗެލްސީ އާއި އެޕެކްސް ޖާގަ ހޯދައިފި އެވެ.
ގްރޫޕް އޭއިން އެޕެކްސް އަދި ގްރޫޕް ބީ އިން ނައިފަރު ޗެލްސީ ސެމީގެ ޖާގަ ކަށަވަރުކޮށްފައި މިވަނީ މުބާރާތުގައި މިރޭ އެޓީމުތައް ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ނައިފަރު ޗެލްސީން ވަނީ ކްލަބް މާމަ ޓީމާ ވާދަކޮށް 1-2 އިންކުރި ހޯދައިފަ އެވެ. މި މެޗުގައި ނައިފަރު ޗެލްސީން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގައި ހިމެނޭ ބިދޭސީ ދެ ކުޅުންތެރި އެކެވެ.
މެޗުގައި މާމަ ޓީމުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (މުޑާ) އެވެ.
މި ނަތީޖާއާ އެކު ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ނައިފަރު ޗެލްސީ ސެމީއަށް ދަތުރުކުރި އިރު މިވަގުތު ގްރޫޕް ބީގެ ދެވަނައިގައި އޮތް މާމަ ޓީމަށް ސެމީގެ ޖާގައެއް ލިބެން އޮތްހަމައެކަނި ގޮތަކީ ތިން ވަނައިގައި އޮތް ޕޮލިސް ކްލަބް މާދަމާ ކުޅޭ މެޗުން ބަލިވުމެވެ.

މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުކުރި އެޕެކްސް އިން ވަނީ މިރޭ ކުޅުނު ދެވަނަ މެޗުގައި 2-5 އިން ހުދުހާ ބަލިކޮށްފަ އެވެ. މި މެޗުގައި އެޕެކްސް އިން ޖެހި ފަސް ގޯލްގެ ތެރެއިން ތިން ގޯލް މުހައްމަދު އިޒާން އަލީ ކާމިޔާބުކުރި އިރު އަނެއް ދެ ގޯލް އެޕެކްސް އަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ އޫލޫ އެވެ.
ހުދުހާ އިން މިރޭގެ މެޗުގައި ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ އަހުމަދު ޖައުޝަން ޢަބްދުﷲ (ޖައުޅޭ) އެވެ.
ގްރޫޕް އޭއިން ސެމީގެ ފުރަތަމަ ޖާގަ އެޕެކްސް އިން ކަށަވަރުކޮށްފައި މިވަނީ ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބުމުގެ ފުރުސަތެއް ހުދުހާ އަށް އޮތްނަމަވެސް އެ ޓީމުގެ އަމިއްލަ ބާރެއް މިހާރަކު ނެތެވެ. މިގްރޫޕުގައި ދެން ހިމެނޭ މޮނާކީ އެފްސީ އާއި މަކާއު އަށް ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އޮތީ ހުޅުވިފަ އެވެ.
މުބާރާތުގައި މިއަދާއި މިރޭ ވެސްޖުމްލަ ހަތަރު މެޗު ކުޅެފައިވާ އިރު ހަވީރު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގައި އެހާތަނަށް ޕޮއިންޓެއް ނުލިބި އޮތް ޒިފިއަސްއާއި މީ މެންސް އެވެ. ވާދަވެރި ކުޅުމެއް ފެނުނުމި މެޗު 2-3 އިން ކާމިޔާބުކޮށްފައިވަނީ ޒިފިއަސް އެވެ.
މި މެޗުގައި ޒިފިއަސް އަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ ސާމިހު އާއި އަބްދުﷲ ހަސަންގެ އިތުރުން މުހައްމަދު ފަޔާޒެވެ. މެޗުގައި މީ މެންސް އިން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ އަބްދުލްވާހިދު ޔައުގޫބެވެ.
https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ މަކާއު އާއި އެފްސީ ބަދަވީން ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކުރީ މަކާއު އެވެ.
މިއަހަރުގެ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުން ވަނީ މި މުބާރާތަށް ހާއްސަކޮށް ޕްރިޑިކްޝަން ޗެލެންޖެއް ވެސް ހުޅުވާލާފަ އެވެ.
