ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުގެ ކުޅުން މިއަދު ފެށިއިރު، ފުރަތަމަ މެޗުތަކުގައި ކ. ހުރާ އިން ކްލަބް ގްރީން ސްޓްރީޓްސް ހިފެހެއްޓިއިރު، ހއ. ދިއްދޫ އިން ގދ. ގައްދޫ ބަލިކޮށްފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ހުރާ އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގައި ލީޑު ނެގީ ގްރީން ސްޓްރީޓްސް އިންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ހުޒާމް ހަމީދު އެވެ.
ދެ ވަނަ ހާފުގައި މޮޅަށް ކުޅެ ހުރާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސާދު އަބްދުލްއަޒީޒް އެވެ.
މެޗު ބެލުމަށް ހުރާ އިން ގިނަ އަދަދެއްގެ ސަޕޯޓަރުން ގަލޮޅު ދަނޑަށް ގޮސްފައިވެ އެވެ. ހުރާ އަކީ މީގެކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަތޮޅުތެރެއިން ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ރަށެވެ.

ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ ލީގުގެ 8 ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. ހުރާ ވަނީ އެ ޓީމު ހިމެނުނު ސެންޓްރަލް ރީޖަން ލީގު ކާމިޔާބުކޮށްފަ އެވެ.
މިރޭ ކުޅުނު މެޗުގައި އުތުރު ރީޖަންގެ ޗެމްޕިއަން ދިއްދޫން ދެކުނުގެ ޗެމްޕިއަން ގައްދޫ ބަލިކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލު ދިއްދޫ އަށް ކާމިޔާބުކޮށްދިނީ އެރަށުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބިދޭސީ ފޯވާޑް ޔޫސުފް އަފުލް އެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބާއި މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު ޓީސީ ސްޕޯޓްސް ކްލަބެވެ.
https://fahuminet.com/tournaments/dpl-qualifiers-2026
ޖުމްލަ 6 ޓީމު ވާދަކުރާ ކޮލިފައިން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ވާދަކުރުމަށް ފަހު އެންމެ ކުރި ހޯދާ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.
މި ބުރުން ކޮލިފައިވާ ހަތަރު ޓީމާ އެކު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ 10 ޓީމެވެ.
