ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ބާއްވާ ކިޑްސަލްގެ ކުޅުން މިއަދު ފެށިއިރު، ފުރަތަމަ މެޗުތަކުގައި ވެލެންސިއާ އެކެޑަމީ އާއި އެލީޓް އެކެޑަމީން ގިނަ ގޯލުތަކެއް ޖަހައިފި އެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ހުޅުމާލެ ޔޫތު ސްޕޯޓްސް ކްލަބާއި އެޑްވެންޗާސް އެކެޑަމީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ވެލެންސިއާ އިން ކުޅުނު މެޗުގައި ސްޓާސް އެކެޑަމީއާ ވާދަކޮށް މޮޅުވީ 6-0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގައި ވެލެންސިއާގެ އިސްމާއީލް އަޒްޔާން ޖަމާލް ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ ބާކީ ތިން ގޯލު ކާމިޔާބުކޮށްދިނީ އަލީ އާއިން އަސްގަރު އާއި އަލީ އަޒީން އާދިލް އަދި އިބްރާހީމް އިލްޔާސް ބިން ހަސަން އެވެ.

ހަވީރު ކުޅުނު ފަހު ދެ މެޗުގެ ތެރެއިން އެލީޓް އެކެޑަމީން ބީޖީ ސްޕޯޓްސް އެކެޑަމީގެ މައްޗަށް ކުރި ހޯދީ 10-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެލީޓް ޓީމުގެ ޔޫސުފް ލުގްމާން ނަސީމް އާއި އާދު ބިން މުހައްމަދު ނިޔާޒް ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމަށް ގޯލު ޖަހައިދިން އިތުރު ކުޅުންތެރިންނަކީ ދެ ގޯލު ޖެހީ އަލީ ޒިހާން ޒިޔާދު އާއި އަލީ ސިޒާން ސާމިރު އެވެ. މެޗުގައި ބީޖީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޔޫސުފް އިޒްކާން އިމްރާނެވެ.
https://fahuminet.com/tournaments/kidsal-2026
ފަހު މެޗުގައި ބިސް ބުރު ސްޕޯޓްސް އެކެޑަމީއާ ވާދަކޮށް އެސްޕަޔާ އެކެޑަމީން ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ. އެސްޕަޔާގެ ދެ ގޯލު މެޗުގައި ކާމިޔާބުކޮށްދިނީ ޔަލްސަން ބިން ހިސާން އާއި އަހުމަދު ޔާލް ޝުޖާޢު އެވެ.
ޖުމްލަ 10 ޓީމު ވާދަކުރާ ކިޑްސަލްގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ކިޑްސަލް މުބާރާތުގައި ވާދަކުރާ 10 ޓީމު ބަހާލާފައި ވަނީ ދެ ގްރޫޕަކަށެވެ. މުބާރާތް ރާވާފައިވަނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.
