ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގައި ފުރަތަމަ ފަހަރަށް ހުދުހާ އާއި މާމަ ޓީމު މިއަދު ބަލިވި އިރު މޮނާކީ އިން ފުރަތަމަ މޮޅު ހޯދައި ކުޑަ ހިތްހަމަޖެހުމެއް ހޯދައިފި އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ އެޕެކްސް އާއި އެފްސީ ބަދަވީން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި އެޕެކްސްގެ މުހައްމަދު އިޒާން އަލީ އެ ޓީމަށް ލީޑް ނަގައިދީފައި ވަނިކޮށް އެފްސީ ބަދަވީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމިނިމި އޮއްވައި އައިމަން ނަޒީރެވެ.
ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުގައި ބައްދަލު ކޮށްފައިވަނީ ނައިފަރު ޗެލްަސީ އާއި މީމެންސް އެވެ. މި މެޗު 1-2 އިން ނައިފަރު ޗެލްސީ ކާމިޔާބުކުރިި އިރު އެ ޓީމު މި މެޗު ކާމިޔާބުކޮށްފައި ވަނީ މީމެންސް އިން މެޗުގެ ފަހު ހާފުގެ ކުރީ ކޮޅު ލަނޑެއް ޖަހައި ލީޑު ނަގައިދީފައިއޮއްވަ އެވެ. ނައިފަރު ޗެލްސީއިން މި މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ މުހައްމަދު ނަދީމެވެ. މީމެންސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ފިރުޝާން އެވެ.
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ހުދުހާ އާއި މޮނާކީ އެފްސީ ވާދަކުރި މެޗު 0-2 އިން ކާމިޔާބުކުރީ މޮނާކީ އެވެ. މިއީ މި މުބާރާތުގައި ހުދުހާއިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް މަގާމު ހޯދި މޮނާކީއިން މިމުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.
މުބާރާތުގައި މިއަދު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ ވާދަވެރި ކުޅުމެއް ފެނުނު އެއް މެޗަކީ މިރޭ ޕޮލިސް ކްލަބާއި، ކްލަބް މާމަ ޓީމު ބައްދަލުކުރި މެޗެވެ. މި މެޗު 3-4 އިން ޕޮލިސް ކްލަބް ކާމިޔާބުކުރި އިރު މިއީ މާމަ ޓީމަށް މި މުބާރާތުގައި ކުރިމަތިވި ފުރަތަމަ ނާކާމިޔާބެވެ.
https://fahuminet.com/predict
މެޗުގައި ޕޮލިސް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ހަސަން ހޫދު އިބްރާހީމް އެވެ. ޕޮލިސްއަށް ދެން މި މެޗުގައި ގޯލު ކާމިޔާބުކޮށްދިނީ އަލީ ނަޒްމީ އެވެ. މި ދެ ކުޅުންތެރިން ވަނީ މި މުބާރާތުގައި މިހާތަނަށް ފަސް ގޯލް ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި މާމަ ޓީމަށް ގޯލުގެ ތެރެއިން ދެ ގޯލް ހުޒައިފަތު ރަޝީދު ކާމިޔާބުކޮށްދިން އިރު އަނެއް ގޯލަކީ ޕޮލިސް ކްލަބްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ތިންވަނަ ދުވަހުގެ ކުޅުން ނިމުނު އިރު ގްރޫޕް އޭގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ހުދުހާ އޮތްއިރު ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތީ އެޕެކްސް އެވެ.
https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026
ގްރޫޕް ބީ އަށް ބަލާލާއިރު ފެންނަނީ ގްރޫޕް އޭ އަށްވުރެ މާ ބޮޑަށް ވެސް ވާދަވެރިކޮށެވެ. މި ގްރޫޕްގައި ހިމެނޭ މާމަމަ ޓީމާއި، ޕޮލިސް ކްލަބްގެ އިތުރުން ނައިފަރު ޗެލްސީއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު އެއްވަނައިގައި މާމަ ޓީމު އޮތީ ގޯލްގެ ތަފާތުންކުރި ލިބިގެންނެވެ. ދެވަނައިގައި ޕޮލިސް ކްލަބް އޮތް އިރު ނައިފަރު ޗެލްސީ ތިންވަނައި ގައި އޮތީ އަނެއް ދެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
