މިހާރު ކުރިއަށްދާ ލޮއި ކުރެންދޫފުޓްސަލް ޗެލެންޖު 2026 ގައި ޕޮލިސް ރިކްރިއޭޝަން ކްލަބާއި އަދި މަކާއު ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް އުންމީދު އާކޮށްފި އެވެ.
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ ދެ ޓީމު ކަމަށްވާ ކްލަބް މާމަ ޓީމާއި، މީމެންސް އެވެ. މި މެޗު 0-4 އިން ކްލަބް މާމަ ޓީމުކާމިޔާބުކުރި އިރު އެޓީމުން ޖެހި ހަތަރު ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ތަފާތު ހަތަރު ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު އާހިލް އަބްދުލްގަފޫރާއި، ހުސައިން ފާއިޒުގެ އިތުރުން ހުޒައިފަތު ރަޝީދާއި، ހުސައިން ޝަރީފެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ގްރޫޕް އޭގެ ހުދުހާ އާއި އެފްސީ ބަދަވީން ވާދަކުރި މެޗު 2-4 އިން ކާމިޔާބުކުރީ ހުދުހާ އެވެ. މި މެޗުގައި ހުދުހާއިން ގޯލެއް ޖަހައި ލީޑް ނަގައިފައި އޮއްވައި އެފްސީ ބަދަވީން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް ފަހު ހާފުގައި ހުދުހާއިން ހަމަލާތައް ވަރުގަދަކޮށް ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި އެވެ.
މި މެޗުގައި ހުދުހާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އަހުމަދު ޖައުޝަން އަބްދުﷲ ކާމިޔާބުކުރި އިރު އަނެއް ދެ ލަނޑު ކާމިޔާބުކުރީ މުހައްމަދު ނާޒިމާއި، ހުސައިން ޒާހިރެވެ. މި މެޗުގައި ބަދަވީންނަށް ގޯލްތައް ކާމިޔާބުކޮށްދިނީ އައިމަން ނަޒީރާއި، މުހައްމަދު އަންވަރެވެ.
މުބާރާތުގައި މިރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޕޮލިސް ރިކްރިއޭޝަން ކްލަބާއި، ޒިފިއަސް ވާދަކުރި މެޗު 2-5 އިން ކާމިޔާބުކުރީ ޕޮލިސް ކްލަބުންނެވެ. އިއްޔެ ނައިފަރު ޗެލްސީއާ ވާދަކޮށްވަރަށް ހަނި ގޮތަކަށް ބަލިވި ޕޮލިސް ކްލަބަށް މިރޭގެ މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ މި މެޗުގައި ތިން ގޯލް ޖަހައި ހެޓްރިކް ހެދި އަލީ ނަޒްމީގެ އިތުރުން ހޫދު އިބްރާހިމާއި، ފަރުހާދު އަހްމަދެވެ. ޒިފިއަސް އަށް މި މެޗުގައި ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ އަހްމަދު މަލާޒް އާއި އަލީ ސާމިހެވެ.
https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026
މިރޭގެ ފަހު މެޗުގައި ބައްދަލުކޮށްފައިވަނީ ހިންނަވަރަށް ނިސްބަތްވާ މަކާއު އާއި އޮޅުވެލިފުށިން ބައިވެރިވާ މޮނާކީ އެފްސީ އެވެ. މި މެޗު 2-5 އިންމަކާއު ކާމިޔާބުކުރި އިރު އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ.
މަކާއު އިން މިރޭގެ މެޗުގައި ޖެހި ފަސްލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު އަޖުވަދު ކާމިޔާބުކުރި އިރު އަނެއް ދެގޯލް ކާމިޔާބުކުރީ އަހުމަދު ސުޖާއު އާއި ހުސައިން ޝަރީފް (އޮންލީ) އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި މޮނާކީ އިން މިރޭގެ މެޗުގައި ޖެހި ދެ ގޯލްވެސް ކާމިޔާބުކުރީ އިސްމާއިލް ލާން އިބްރާހިމް އެވެ.
https://fahuminet.com/predict
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
