Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަން ކަޓައި، އުތީމާއި އެއިޓީފޯ ކުއާޓާ ފައިނަލަށް
ޗެމްޕިއަން ކަޓައި، އުތީމާއި އެއިޓީފޯ ކުއާޓާ ފައިނަލަށް
އެއިޓީފޯ އާއި އުތީމު ވާދަކުރި މެޗުގެ ތެރެއިން. މި ދެޓީމު ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް

ޗެމްޕިއަން ކަޓައި، އުތީމާއި އެއިޓީފޯ ކުއާޓާ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 6 ޖޫން 2026

މިދިޔަ އަހަރުގެ ކިންގްސް ކަޕްގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައި، މިރޭ ކުޅުނު މެޗުތަކަށް ފަހު އުތީމު އެފްސީ އާއި އޭދަފުށީގެ އެއިޓީފޯ އެފްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

ކިންގްސް ކަޕުން އާރްއާރްސީ ކެޓުމަކީ ބޮޑު ހައިރާން ކަމެކެވެ. އެޓީމުން މިދިޔަ އަހަރުގެ ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 9-4 އިން އޭދަފުށީގެ ސީސީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. އެ ރޫހުގައި ގޮސް އެޓީމުން މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ވެސް ކާމިޔާބުކުރި އެވެ. 

އާރްއާރްސީ މުބާރާތުން ކެޓީ، ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު ތިން ވަނަ ލިބުނު ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ނުހިމެނުމުންނެވެ. 

މިރޭ ކުޅުނީ ގްރޫޕް އޭގެ ފަހު ދެ މެޗެވެ. އެއް މެޗުގައި އެޗްޕީއެސްއެންއާ ވާދަކޮށް އެމްޓީސީސީ ވަނީ 5-0 އިން މޮޅުވެފަ އެވެ. އަނެއް މެޗުގައި އެއިޓީފޯ އެފްސީ އަތުން އުތީމު މޮޅުވީ 3-1 އިންނެވެ. 

އެމްޓީސީސީ މިރޭ ހޯދި މޮޅުގައި އެޓީމާ އަލަށް ގުޅުނު ބްރެޒިލްގެ ފުޓްސަލް ކުޅުންތެރިޔާ ނޭތަން ސޯރޭސް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ އަލީ ޝިޔާހު (ޝިޔަޅޭ) އާއި އަލީ މާއިސް (މައްޓު) އެވެ. 

އެމްޓީސީސީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސޯރޭސް ބޯޅަ ފޮނުވާލަނީ. ފުރަތަމަ މެޗުގައި ވަނީ ހެޓްރިކް ހަދާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް
އެމްޓީސީސީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސޯރޭސް ބޯޅަ ފޮނުވާލަނީ. ފުރަތަމަ މެޗުގައި ވަނީ ހެޓްރިކް ހަދާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް

އެއިޓީފޯގެ މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ އަހުމަދު ހުސާމް އެވެ. އުތީމުން ކުރި ހޯދީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. މި ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު މަޒީން އާއި މުހައްމަދު މުއާދުގެ އިތުރުން މުހައްމަދު ރިޝްމީ އެވެ. 

ގްރޫޕުގެ އެއް ވަނަ 9 ޕޮއިންޓާ އެކު ހޯދީ އެމްޓީސީސީ އެވެ. ދެ ވަނަ ލިބުނީ 6 ޕޮއިންޓާ އެކު އުތީމަށެވެ. އެއިޓީފޯ އަށް 3 ޕޮއިންޓާ އެކު ލިބުނީ ތިން ވަނަ އެވެ. ފުލަށް ދިޔައީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ބަލިވި އެޗްޕީއެސްއެން އެވެ. 

ތިން ވަނަ ހޯދި ޓީމުތަކުގެ ތެރެއިން ކުއާޓާ ފައިނަލުގެ ފަހު ޖާގަ ލިބުނީ އެއިޓީފޯ އަށެވެ. އެ ޖާގަ ލިބުނީ އާރްއާރްސީއާ އަޅާބަލާއިރު ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ. 

https://fahuminet.com/predict

އެމްޓީސީސީ އާއި އުތީމު އަދި އެއިޓީފޯގެ އިތުރުން ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ އެސްޓިއޯ އާއި ހޯކްސްގެ އިތުރުން ކޯރާކޯރާ މޯލްޑިވްސް، ކޮންރެޑް މޯލްޑިވްސް އަދި ސްޓެލްކޯ އެވެ. 

ކިންގްސް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ. އެއަށްފަހު ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޖޫން 12 ވަނަ ދުވަހު އެވެ. ކިންގްސް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 16 ވަނަ ދުވަހު އެވެ. 

https://fahuminet.com/tournaments/kings-cup-2026

ކްލަބް މޯލްޑިވްސް މިއަހަރުގެ ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުގެ ފަރާތުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭއިރު އިނާމު ލިބޭ ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ފަށައިފަ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Settings