އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު ޖާގައަށް ވާދަކުރާ ޓީމުތަކުގެ މެދުގައި ކުޅޭ ކޮލިފައިން ބުރު އަންނަ ހޯމަ ދުވަހު ފަށާގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފި އެވެ.
ޖުމްލަ ހަ ޓީމަކުން ވާދަކުރާ މި ކޮލިފައިން ބުރު ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ބައްދަލުކުރާ ގޮތަށެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 15 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ހޯމަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުބާރާތް ކުރިއަށްގެންދަން ވަނީ ތާވަލުކޮށްފަ އެވެ.
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ދިވެހި ޕްރިމިއާ ލީގު ބައްޓަންކުރުމަށް އެފްއޭއެމްގެ މިހާރުގެ އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުޅި ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި މި ކޮލިފައިން ބުރަށް އެ ރީޖަންތަކުން އަންނާނެ ޓީމުތައް ކަނޑައެޅުމަށްޓަކައި ގިނަ މަރުހަލާތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ވާދަކުރާ ހަ ޓީމުގެ ތެރެއިން ހަތަރު ޓީމަކީ މި ހަތަރު ރީޖަންގައި ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދިޔަ ލީގު މުބާރާތްތަކުން ޗެމްޕިއަންކަން ހޯދި ހަތަރު ޓީމެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ޓީމުތައް ހޮވުމަށްޓަކައި ރާއްޖެ ބަހާލި ހަތަރު ރީޖަންގެ ޗެމްޕިއަނުންގެ ގޮތުގައި ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ވާދަކުރަނީ މާލެ ރީޖަނުން ބިސްބުރު ސްޕޯޓްސް ކްލަބާއި، ނޯތު ރީޖަނުން ހއ. ދިއްދޫ އާއި، ސެންޓްރަލް ރީޖަނުން ކ. ހުރާގެ އިތުރުން ސައުތު ރީޖަނުން ގދ. ގައްދޫ އެވެ.
ރީޖަން ލީގުތަކުން ހޮވުނު ހަތަރު ޓީމުގެ އިތުރުން ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި ދެން ވާދަކުރަނީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި، އަށްވަނައަށް ދިޔަ ގްރީން ސްޓްރީޓްސް އެވެ.
https://fahuminet.com/tournaments/dpl-qualifiers-2026
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި ހުރާ އާއި ގްރީން ސްޓްރީޓްސް ހޯމަ ދުވަހު ހަވީރު ބައްދަލުކުރާއިރު ހަމަ އެ ދުވަހުގެ ރޭ ގައްދޫ އާއި ދިއްދޫ ވާދަކުރާ މެޗުވެސް ކުރިއަށްދާނެ އެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯއާއި، މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލުމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
