Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އެސްޓީއޯ އެއް ވަނަ ހޯދިއިރު އާރްއާރްސީ ފަނޑު އިންތިޒާރެއްގައި
އެސްޓީއޯ އެއް ވަނަ ހޯދިއިރު އާރްއާރްސީ ފަނޑު އިންތިޒާރެއްގައި
އެސްޓީއޯ އިން ހޯކްސް ބަލިކުރި މެޗުގައި އިންމި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެސްޓީއޯ އެއް ވަނަ ހޯދީ ސަތޭކަ ޕަސެންޓް ރެކޯޑާ އެކު. ފޮޓޯ: ކްލަބް މޯލްޑިވްސް

އެސްޓީއޯ އެއް ވަނަ ހޯދިއިރު އާރްއާރްސީ ފަނޑު އިންތިޒާރެއްގައި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 5 ޖޫން 2026

މިހާރު ކުރިއަށްދާ ކިންގްސް ކަޕްގައި މިރޭ ކުޅުނު މެޗުން މޮޅުވެ އެސްޓީއޯ ގްރޫޕުގެ އެއް ވަނަ ހޯދިއިރު، އެ ގްރޫޕުގައި ހިމެނުނު އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) މޮޅުވި ނަމަވެސް، މުބާރާތުގައި ކުރިއަށްދިއުމަށް އޮތް އުންމީދު ފަނޑުވެއްޖެ އެވެ. 

އާރްއާރްސީން މިރޭ ފުވައްމުލަކު ފިސްޑާއާ ވާދަކޮށް ވަނީ 3-4 އިން މޮޅުވެފަ އެވެ. އެކަމަކު ބޮޑު ތަފާތަކުން މޮޅުވުން މަޖުބޫރު މެޗުގައި ލިބުނު ހަނި މޮޅާ އެކު އެޓީމު މުބާރާތުން ކެޓުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އެސްޓީއޯ ވަނީ މިރޭ 1-0 އިން ހޯކްސް ބަލިކޮށްފަ އެވެ. 

އެސްޓީއޯ ނުވަ ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު، ދެ ވަނަ ލިބުނީ ހަ ޕޮއިންޓް ލިބުނު ހޯކްސް އަށެވެ. އާރްއާރްސީ އަށް ލިބިފައިވަނީ ތިން ޕޮއިންޓާ އެކު ގެއްލުން ދެ ގޯލެވެ. ފުލަށް ދިޔަ ފިސްޑާ ވަނީ މުބާރާތުން ކަޓައިފަ އެވެ. 

އާރްއާރްސީ އަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބޭނެ ހަމައެކަނި ގޮތަކީ މާދަމާ ރޭ ގްރޫޕް އޭގައި ހިމެނޭ އޭދަފުށީގެ އެއިޓީފޯ އެފްސީ އާއި އުތީމު އެފްސީ ކުޅޭ މެޗުގައި، ކޮންމެވެސް އެއް ޓީމަކުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެނޫން އެއްވެސް ނަތީޖާއަކުން ތިން ޕޮއިންޓާ އެކު އާރްއާރްސީ އަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބޭނެ ގޮތެއް ނެތެވެ. މާދަމާ ރޭ އެއިޓީފޯ އާއި އުތީމު އެއްވަރުވެއްޖެ ނަމަ އެ ދެޓީމަށް ވެސް ކުއާޓާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ.  

އާރްއާރްސީގެ ހާއްޕެ މެޗުގެ ތެރެއިން. ކުއާޓާ ފައިނަލަށް ދިއުމަށް އެ ޓީމަށް އޮތީ ހަނި ފުރުސަތެއް. ފޮޓޯ: ކްލަބް މޯލްޑިވްސް
އާރްއާރްސީގެ ހާއްޕެ މެޗުގެ ތެރެއިން. ކުއާޓާ ފައިނަލަށް ދިއުމަށް އެ ޓީމަށް އޮތީ ހަނި ފުރުސަތެއް. ފޮޓޯ: ކްލަބް މޯލްޑިވްސް

މިރޭ ފަހު ދެ މެޗަކީ ގްރޫޕް ސީގެ މެޗުތަކެކެވެ. މި ގްރޫޕުގައި ކޯރާކޯރާ ރިސޯޓާއި ސްޓެލްކޯ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަދި ކޮންރެޑުން ވަނީ 1-4 އިން ކްލަބް ބިނާރާ ބަލިކޮށްފަ އެވެ. 

ގްރޫޕް ސީގެ އެއް ވަނަ ލިބުނީ ކޯރާކޯރާ އަށެވެ. އެޓީމުން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ލިބުނީ ހަ ޕޮއިންޓާ އެކު ކޮންރެޑަށެވެ. ސްޓެލްކޯ ވަނީ ހަތަރު ޕޮއިންޓް ކަށަވަރުކޮށް ތިން ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލް ޔަގީންކޮށްފަ އެވެ. މި ގްރޫޕުން ކެޓީ ތިން މެޗުން ވެސް ބަލިވި ބިނާރާ އެވެ. 

https://fahuminet.com/tournaments/kings-cup-2026

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކުޅޭނީ މާދަމާ ރެ އެވެ. ފުރަތަމަ މެޗުގައި އެޗްޕީއެސްއެން އާއި އެމްޓީސީސީ ވާދަކުރާއިރު ދެން ވާދަކުރާނީ އެއިޓީފޯ އާއި އުތީމެވެ. މި ދެ މެޗު ވެސް ފަށާނީ ރޭގަނޑު 8:30 ގަ އެވެ. 

ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބެނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއި، ތިން ވަނައިގައި ނިންމާލާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށެވެ. 

އާރްއާރްސީ މުބާރާތުން ކެޓުމުގެ ބިރު ބޮޑުވިއިރު، އެޓީމަކީ އެންމެ ފަހުގެ ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސްގެ ވެސް ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު އެ ދެ މުބާރާތް ވެސް އެ ކްލަބުން ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. މިއަހަރުގެ މުބާރާތްތަކަށް ވެސް އެޓީމު ނުކުތީ ހުސް ތަރިންނާ އެކު އެވެ. 

https://fahuminet.com/predict

މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުގެ ފަރާތުން މުބާރާތުގެ އެންމެ ފަހުގެ އަދާހަމަތައް ގެނެސްދޭނެ އެވެ. އަދި މުބާރާތަށް ހާއްސަކޮށްގެން ގިނަ އިނާމުތަކެއް ލިބޭ ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ހުޅުވާލާފަ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Settings