ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާނާއި ބަންގްލަދޭޝް ވާދަކުރި މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.
މިރޭގެ މެޗު އެއްވަރުވިއިރު، ބަންގްލަދޭޝުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާ ވާދަކޮށް ވެސް އެއްވަރުވީ 0-0 އިންނެވެ. އެކަމަކު އަފްގާނިސްތާނުން ވަނީ ފުރަތަމަ މެޗުގައި ރާއްޖެ 1-0 އިން ބަލިކޮށްފަ އެވެ.
ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު ރާއްޖެ އަށް ވަނީ ފައިނަލުގެ ފުރުސަތު ގެއްލިފަ އެވެ. އެއީ މިއަދު ހަވީރު ޕާކިސްތާނާ ވާދަކޮށް 3-0 އިން ބަލިވުމުންނެވެ.
މިރޭގެ މެޗުގައި ގޯލު ޖަހާނެ ފުރުސަތުތައް ދެޓީމަށް ވެސް ލިބުނެވެ. އެކަމަކު ދެޓީމުގެ ޑިފެންސުން ވެސް ވަނީ ގޯލެއް ނުވަދެ މެޗު ފުރިހަމަކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގްރޫޕުގެ އެއް ވަނައިގައި އޮތް ޕާކިސްތާނާއި ދެ ވަނައިގައި އޮތް އަފްގާނިސްތާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕާކިސްތާނަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ތިން ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ.
ގްރޫޕުގެ ފަހު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ޕާކިސްތާން ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އަނެއް މެޗުގައި ބަންގްލަދޭޝް ވާދަކުރާނީ ރާއްޖެއާ އެވެ.
މިހާރު ފައިނަލުގެ ފުރުސަތު ތިން ޓީމަށް ވަނީ ހުޅުވިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން ހަތް ވަނަ ދުވަހު އެވެ.
https://fahuminet.com/tournaments/diamond-jubilee-international-football-tournament
އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗް އޮންނާނީ ޖޫން 10 ވަނަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
