ކިންގްސް ކަޕްގައި މިރޭ މުހައްމަދު ފާސިރު (ފާއްޓެ) ހެދި ހެޓްރިކާ އެކު ހޯކްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންކުރި އިރު، އުތީމު އެފްސީން މޮޅެއް ހޯދައި އުންމީދު އާކޮށްފި އެވެ.
ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކިންގްސް ކަޕްގައި މިރޭ ހޯކްސް އިން ވަނީ ފުވައްމުލަކުގެ ޗެމްޕިއަން ޓީމު ފިސްޑާ 1-4 އިން ބަލިކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-3 އިން ހޯކްސް ކުރީގައި އޮވެގެންނެވެ. މި ހާފުގައި އެޓީމަށް ފާއްޓެ ދެ ގޯލު ޖަހައިދިންއިރު އަނެއް ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. ފުވައްމުލަކުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ މުހައްމަދު ވިޝާހް އިބްރާހީމް އެވެ.
ދެ ވަނަ ހާފުގައި ފާއްޓެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިއީ ސައްޓު ދިން ބޯޅައަކުން ފާއްޓެ ޖެހި ލަނޑެކެވެ. މިރޭގެ ހެޓްރިކާ އެކު ދެ މެޗުގައި ފާއްޓެ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.
މޮޅާ އެކު ހޯކްސް ކުއާޓާ ފައިނަލް ޔަގީންކުރީ 6 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެސްޓީއޯ އަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުގެ ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ފުލުގައި އޮތް ފިސްޑާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ބީގެ ފަހު މެޗުތަކުގައި ހޯކްސް އާއި އެސްޓީއޯ ވާދަކުރާއިރު އަނެއް މެޗުގައި އާރްއާރްސީއާ ދެކޮޅަށް ނުކުންނާނީ ފިސްޑާ އެވެ.
މިރޭ ކުޅުނު އަނެއް މެޗުގައި އުތީމުން ވަނީ އެޗްޕީއެސްއެން 6-2 އިން ބަލިކޮށްފަ އެވެ. މޮޅާ އެކު އުތީމު ވަނީ ތިން ޕޮއިންޓް ހޯދައި ގްރޫޕް އޭގެ ތިން ވަނަ މަގާމަށް ކުރިއަށް ޖެހިލާފަ އެވެ.
މި ގްރޫޕުގެ އެއް ވަނައިގައި އޮތީ 6 ޕޮއިންޓް ހޯދައި، ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވާ އެމްޓީސީސީ އެވެ. ދެ ވަނައިގައި އޮތް އެއިޓީފޯ އެފްސީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ދެ މެޗުން ބަލިވި އެޗްޕީއެސްއެން އެވެ.
https://fahuminet.com/tournaments/kings-cup-2026
މިރޭގެ މެޗުގައި އުތީމުގެ ހަ ގޯލުގެ ތެރެއިން މުހައްމަދު ރިޝްމީ ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ހަތަރު ގޯލު ކާމިޔާބުކޮށްދިނީ، އަހުމަދު ސާއިމް އާއި މުހައްމަދު ސަޚާއު (ބޭލް) ގެ އިތުރުން މުހައްމަދު މަޒީން އެވެ. އެޗްޕީއެސްއެންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ނާއިޝް އާދަމް އާއި މުހައްމަދު މާއިލް އަރީފް އެވެ.
ކިންގްސް ކަޕްގެ މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.
މިފަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. ފަހުމިނެޓުން މުބާރާތުގެ ލައިވްސްކޯ އާއި މެޗުތަކުގެ އަދާހަމަތައް ގެނެސްދޭއިރު ޕްރިޑިކްޝަން ޗެލެންޖެއް ވެސް ތައާރަފްކޮށްފައިވެ އެވެ.
