ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިރޭ އަފްގާނިސްތާން އަތުން ބަލިވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުން މިރޭ ގައުމީ ޓީމު ބަލިވީ 1-0 އިންނެވެ.
މެޗުގައި އަފްގާނިސްތާނުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ފޯވާޑް ރޯމަން ފާޒީ އެވެ. އޭރިޔާ ތެރެއިން އަފްގާނިސްތާނުގެ ކެޕްޓަން އޯމިދް ޕޮޕަލްޒޭ އޭރިޔާ ތެރެއިން ބޮލުން ދިން ބޯޅަ ފާޒީ ގޯލަށް ފޮނުވާލީ އެއް ފަހަރުން ޖަހަ އެވެ.
ކުރިން ސައުތު އޭޝިއާ ސަރަހައްދުގައި ވާދަކުރި އަފްގާނިސްތާން މިހާރު ފުޓްބޯޅައިގައި ވާދަކުރަނީ ސެންޓްރަލް އޭޝިއާ ސަރަހައްދުގަ އެވެ. އެގައުމު މިވަގުތު އޮތީ ދުނިޔޭގެ 169 ވަނައިގަ އެވެ. ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 172 ވަނައިގަ އެވެ.
މެޗުން ބަލިވިޔަސް މިރޭގެ މެޗުގައި ގައުމީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެކަމަކު ލިބުނު ފުރުސަތުތައް ނިންމާނުލެވުނީ އެވެ.
މިރޭގެ މެޗުގައި ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އެރުމާއެކު، އޭނާ އަށް ވަނީ ގައުމީ ޓީމަށް 100 މެޗު ހަމަކުރި ދެ ވަނަ ކުޅުންތެރިޔާގެ ޝަރަފް ލިބިފަ އެވެ. މީގެކުރިން ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ހަމަކުރި ކުޅުންތެރިޔަކީ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. ދަގަނޑޭ މެޗަށް އެރުމާއެކު ސަޕޯޓަރުން ވަނީ ދަގަނޑޭ އަށް ހޫނު ތަރުހީބެއް ދީފަ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރަނީ ހަތަރު ގައުމެވެ. މިއަދު ހަވީރު ކުޅުނު ފުރަތަަމަ މެޗުގައި ޕާކިސްތާނާ ބަންގްލަދޭޝް ވާދަކޮށް މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
https://fahuminet.com/tournaments/diamond-jubilee-international-football-tournament
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ހަވީރު ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި އަފްގާނިސްތާނާއި ބަންގްލަދޭޝް ވާދަކުރާނެ އެވެ.
މުބާރާތުގެ ފައިނަލުގެ ޖާގަ ލިބޭނީ ލީގު އުސޫލުން ކުޅެ އެންމެ ކުރި ހޯދާ ދެ ޓީމަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 10 ވަނަ ދުވަހު އެވެ.
