މީގެ އަހަރުތަކެއް ކުރިއާ ހަމައަށް ގައުމީ ޓީމު ގަލޮޅު ދަނޑުގައި ކުޅޭ ނަމަ ދިވެހި ސަޕޯޓަރުން އައީ ދަނޑު ފުރާލަމުންނެވެ. އެކަމަކު މި ފަހަކަށް އައިސް ދިވެހި ފުޓްބޯޅަ ވަރަށް ބޮޑަށް ވަޅުޖެހުމާއެކު އޭގެ އަސަރު ގައުމީ ޓީމު ކުޅޭ މެޗުތަކަށްވެސް އައީ ކުރަމުންނެވެ. ސަރުކާރާއި، އެފްއޭއެމްގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ އެކި ފަރާތްތަކުން އެތައް މަސައްކަތެއް ކޮށްގެންވެސް މިފަހުން ދަނޑަށް ވެއްދެނީ ނިސްބަތުން މަދު ބައެކެވެ.
ކަން އެހެން އޮތަސް މިއަދު މާލޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ކުރެވޭ އުންމީދު ބޮޑެވެ.
ރާއްޖޭގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާނު ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ދިވެހި ޓީމަށް ތަރުހީބުދޭން ސަޕޯޓަރުން ދަނޑަށް ވަންނަންޖެހޭ ސަބަބުތަކެއްވެސް ކުރިއާ ހިލާފަށް މިފަހަރު ގިނަ އެވެ. ދެން މި ބަލާލަނީ އޭގެ ތެރެއިން ބައެއް ސަބަބުތަކަށެވެ.
ހާއްސަ ބައެއް ތަރިންނަށްޓަކައި އަދާކުރަންޖެހޭ އިހްތިރާމް
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އެފްއޭއެމުން އިންތިޒާމްކޮށްގެން މިއަދު ފަށާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ބައިނަލްއަގްވާމީ ފުޓްބޯޅައިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ބައެއް ކުޅުންތެރިން ހިމެނެ އެވެ.
އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަކުން ރަން މެޑަލް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އަލީ އަޝްފާގް (ދަގަނޑޭ) އާއި ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ލަނޑު ކާމިޔާބުކޮށްދިން އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.
މިއީ ފަހަރުގައި ގައުމީ ޓީމުން މިދެ ކުޅުންތެރިން އެކުގައި ފެންނާނެ އެންމެ ފަހު ފަހަރު ކަމަށްވުމުގެ ފުރުސަތު އޮތުމާއި، ދަގަނޑޭގެ ބައިނަލްއަގްވާމީ ސަތޭކަ ވަނަ މެޗު މި މުބާރާތުގެ ތެރެއިން ފެނުމުގެ ފުރުސަތު އޮތުމާއެކު މި ދެ ކުޅުންތެރިން ރާއްޖޭގެ ފުޓްބޯޅައަށް ހޯދައިދިން ރީތި ނަމުގެ އަގުވަޒަން ކުރުމުގެ ގޮތުންވެސް މިފަހަރުގެ މުބާރާތުގައި ރާއްޖޭ ކުޅޭ މެޗުތަކަށް ދިވެހި ސަޕޯޓަރުން ވަދެ ދަނޑު ފުރާލަން ޖެހޭ ކަމަށް ގަބޫލުކުރެވެ އެވެ.
ޒުވާން ކުޅުންތެރިންގެ ޝައުގު އިތުރުކުރަން މިއަށްވުރެ ރަގަޅު ފުރުސަތެއް ނުލިބޭނެ
މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމުގައި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ސީނިއާ ބައެއް ކުޅުންތެރިން ހިމެނޭ ފަދައިން މިފަހަރުގެ ޓީމު ހާއްސަވާ އަނެއް ސަބަބަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅިފައިވާ ވަރަށް ގިނަ ޒުވާން ކުޅުންތެރިންތަކެއްވެސް މި ޓީމުގައި ހިމެނޭ ކަމެވެ.

މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު ފައިނަލް ކުރިއިރު މިދިޔަ މާޗް މަހު ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެ މުބާރާތުގައި ދިވެހި ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ އުމުރުން އެންމެ 17 އަހަރުގެ މުހައްމަދު އިލާން އިމްރާނާއި، މިއަހަރުގެ ކުރީ ކޮޅު އޮތް ޕްރެޒިޑެންޓްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި 18 އަހަރުގެ އަހްޒަމް ރަޝީދު ފާހަގަކޮށްލެވެ އެވެ. މި ކުޅުންތެރިންނަށް ޝިނިއާ ޓީމާއެކު އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ނަސީބު ލިބޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންވުމާއެކު މި ތަޖުރިބާއަކީ އެކުޅުންތެރިންގެ ހިތުގައި ގައުމަށް ރީތި ނަން ހޯދައިދިނުމުގެ ޝައުގު އުފައްދަން އަހަރެމެންނަށް ލިބޭނެ އެންމެ ރަގަޅު ފުރުސަތަށް ވާނެ ކަމުގައި ގަބޫލުކުރެވެ އެވެ.
ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން ކުރާ މަސައްކަތް ބަލައިގަތުން
ދިވެހި ފުޓްބޯޅައިގެ ފޯރި މިއިން ޒަމާނަކުވެސް ނުވެއްޓޭހާ ދަށަށް ވެއްޓިފައި އޮއްވައި އެފްއޭއެމްގެ މިހާރުގެ އެޑްމިނިސްޓްރޭޝަނުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގަ ހިންގުމާ ހަވާލުވެ މިދިޔަ އަހަރަކަށްވުރެ މަދު ދުވަސްކޮޅުގެ ތެރޭގައި ކޮށްފައިވަނީ އާދަޔާ ހިލާފު މަސައްކަތްތަކެކެވެ. މެދުކެނޑިފައި އޮތް އެތައް މުބާރާތެއް އަލުން ފަށައިފި އެވެ. ބޮޑެތި ގޮންޖެހުންތަކާއެކުވެސް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު ބައްޓަންކޮށް އަތޮޅު ތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ހިޥެސް ނުކުރާހާ މިންވަރަކަށް ފުޅާކޮށްފި އެވެ. ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ސާފުގެ މުބާރާތެއް ރާއްޖޭގައި އަލުން ބޭއްވީ ވެސް މިއަހަރު އެވެ. މިހެންގޮސް ލިސްޓް ކިތަންމެ ދިގުވެސް ކުރެވިދާނެ އެވެ.
އެފްއޭއެމްގެ ރައީސް ކަމާއި ކުރީގެ ގައުމީ ޓީމުގެ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) ހަވާލިވުމަށްފަހު ގެންނަމުން އަންނަ އިންގިލާބީ ބަދަލުތަކާއެކު ދިވެހި ފުޓްބޯޅައަށް ކުރާނެ ހެޔެ އަސަރު އިތުރަށް ފުޅާކުރުމަށްޓަކައި މިފަހަރުގެ މުބާރާތުގައި ދިވެހި ސަޕޯޓަރުން ދިވެހި ޓީމަށް ތަރުހީބު ދޭން ދަނޑަށް ވަނުމަކީ މުހިންމު ކަމެކެވެ.
ގިނަ މެޗުތައް އޮތީ ރޭގަނޑު
މިއަދު ފަށާ މުބާރާތުގައި ލީގު އުސޫލުން ރާއްޖެ ކުޅެންޖެހޭ ތިން މެޗުގެ ތެރެއިން ދެ މެޗު އޮތީ ރޭގަނޑު އެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި މިރޭ އަފްގާނިސްތާނާ ވާދަކުރާއިރު ފަހު މެޗުގައި ބަންގަލަދޭޝްއާ ދެކޮޅަށް ނުކުންނަން ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުގެ ރެ އެވެ.

ރާއްޖެއަށް ހަވީރު ކުޅެން ޖެހިފައި އޮތް ހަމައެކަނި މެޗަކީ އަންނަ ބުރާސްފަތި ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. ބައިނަލްއަގްވާމީ މެޗުތައް ކުޅެން ބޭނުންވާ މިންގަނޑަށްވުރެ ދަށް ހާލަތަކަށް ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމްގެ ގޮސްފައި ކުރިން އޮތުމާއެކު މިފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ގިނަ މެޗުތައް ބާއްވާފައިވަނީ ހަވީރު އެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މެޗުތަކަށް ސަޕޯޓަރުން ދަނޑަށް ވަންނަ އަދަދު މަދުވުމުގެ އެއް ސަބަބަކީ ހަވީރު މެޗުތައް އޮތުމެވެ.
މުބާރާތުގެ ތަށްޓާ މެދު ކުރެވޭ އުންމީދު ބޮޑު
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެއާ މިފަހަރު ވާދަކުރާ ގައުމުތަކުގެ ތެރެއިން އަފްގާނިސްތާނު ފިޔަވައި ދެން އޮތް ދެ ގައުމަކީ ރާއްޖެއަށް ފަރިތަ ދެ ގައުމެވެ. އަފްގާނިސްތާނާ ރާއްޖެ ބައްދަލު ނުކުރާތާ ގިނަ އަހަރުތަކެއް ވެފައި އޮތއް ނަމަވެސް އަމިއްލަ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅެންޖެހުމަކީ ޔަގީނުންވެސް ރާއްޖެއަށް އޮންނާނެ އެޑްވާންޓޭޖެކެވެ. މީގެ އިތުރުން މި މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު ފަރިތަކުރުންތައް ފަށަެިގެއން ކުރިއަށްގެންދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
https://www.fahuminet.com/tournaments/diamond-jubilee-international-football-tournament
ރާއްޖޭގެ ޓީމަށް މިފަހަރު އިރުޝާދު ދޭން ހުރީ ރާއްޖޭގެ ފުޓްބޯޅަ ރަގަޅަށް ދަންނަ އަދި މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުގެ ކުޅުމުގެ ވައްޓަފާޅިއަށްވެސް ފަރިތަ ކޯޗެކެވެ. މި ހުރިހަ ކަމަކާ އެކު ކާމިޔާބު ހޯދަން ދެން ބޭނުންވަނީ ސަޕޯޓަރުންގެ ތަރުހީބެވެ. އުންމީދަކީ މިޮފަހަރު ތަފާތު ވުމެވެ.
