Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ވަނަ ބައްޔާ އެކު ޗެމްޕިއަން އާރްއާރްސީ އުނދަގޫ ހާލަތަކަށް
ދެ ވަނަ ބައްޔާ އެކު ޗެމްޕިއަން އާރްއާރްސީ އުނދަގޫ ހާލަތަކަށް
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާރްއާރްސީގެ އަފްލާޒް ބޯޅަ ހިފައިގެން. މިރޭ އެސްޓީއޯ އަތުން ބަލިވެ މުބާރާތުން ކެޓުމުގެ ބިރާ ވަނީ ކުރިމަތިވެފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

ދެ ވަނަ ބައްޔާ އެކު ޗެމްޕިއަން އާރްއާރްސީ އުނދަގޫ ހާލަތަކަށް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 31 މެއި 2026

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ހޯދި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ ކިންގްސް ކަޕްގައި ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ. 

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބާ ވާދަކުރި މެޗުން އާރްއާރްސީ ބަލިވީ 2-1 އިންނެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި އާރްއާރްސީ ވަނީ ހޯކްސްއާ ވާދަކޮށް 3-1 އިން ބަލިވެފަ އެވެ. ޖެހިޖެހިގެން ދެ ވަނަ މެޗުން ބަލިވުމާ އެކު ކިންގްސް ކަޕްގެ ކުއާޓާ ފައިނަލަށް ދިއުމަށް އާރްއާރްސީ ކުރަންޖެހޭ މަސައްކަތް ވަނީ ހީވެސް ނުކުރާހާ އިތުރުވެފަ އެވެ. 

އާރްއާރްސީ ހިމެނޭ ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ 6 ޕޮއިންޓާ އެކު އެސްޓީއޯ އެވެ. ދެ ވަނައިގައި އޮތީ 3 ޕޮއިންޓް ހޯދާފައިވާ ހޯކްސް އެވެ. ފުވައްމުލަކު ފިސްޑާ ފުރަތަމަ މެޗުން ބަލިވެފައިވާއިރު ފުލުގައި އާރްއާރްސީ އޮތީ ދެ މެޗުން ބަލިވެ ޕޮއިންޓެއް ވެސް ނުލިބި އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއީ ތިން ވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ދެޓީމެވެ. އެ ފުރުސަތާ އެކު އާރްއާރްސީ އަށް ކުއާޓާގެ ޖާގައެއް ކިރިޔާ ވެސް ލިބެން އޮތީ ފަހު މެޗުގައި ބޮޑު ތަފާތަކުން ފުވައްމުލަކު ފިސްޑާ ބަލިކޮށްގެންނެވެ. އެ މެޗުން މޮޅުވިޔަސް އަމިއްލަ ބާރުގައި އެޓީމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރެއް ނުކުރެވޭނެ އެވެ. 

އެސްޓީއޯ ޓީމުގެ ފުރަތަމަ ގޯލު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރާހިލް (ރާއްކޮ). ރާއްކޮ ވަނީ ފުރަތަމަ ދެ މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް
އެސްޓީއޯ ޓީމުގެ ފުރަތަމަ ގޯލު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރާހިލް (ރާއްކޮ). ރާއްކޮ ވަނީ ފުރަތަމަ ދެ މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް

މިރޭ އެސްޓީއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ އާރްއާރްސީންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އެސްޓީއޯ އިން ނަތީޖާ އަނބުރާލީ ފަހަތުން އަރަ އެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. އަނެއް ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އަރަމުން އަންނަ ފުޓްސަލް ތަރި އަލީ ހުމޭޒު އެވެ. 

ކިންގްސް ކަޕްގެ ގްރޫޕް ސީގައި އެމްޓީސީސީ މިރޭ ވަނީ އޭދަފުށިން މުބާރާތުގައި ވާދަކުރާ އެއިޓީފޯ އެފްސީ 2-0 އިން ބަލިކޮށްފަ އެވެ. މެޗުގައި އެމްޓީސީސީގެ ފުރަތަމަ ގޯލު ޖުމައިލް ޖަމީލް (ޖުމްބެ) ކާމިޔާބުކޮށްދިން އިރު އަނެއް ގޯލު ޖަހައިދިނީ އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. 

https://fahuminet.com/tournaments/kings-cup-2026

ކިންގްސް ކަޕްގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. މާދަމާ ރޭ މެޗުތައް ނުކުޅެން ނިންމީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗު މާދަމާ ރޭ އޮތުމުންނެވެ. 

މިއަހަރުގެ ކިންގްސް ކަޕްގައި 12 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ.

މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުގެ ފަރާތުން ލައިވްސްކޯއާއި މެޗުތަކުގެ ހަބަރުތަކާއެކު ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ހުޅުވާލާފަ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
2
Upcoming
Settings