އީދު ބަންދަށް މެދުކަނޑާލުމަށްފަހު ފެށި ކިންގްސް ކަޕް ފުޓްސަލް މުބާރާތުގައި މިރޭ ސްޓެލްކޯ ރިކްރިއޭޝަން ކްލަބްގެ މައްޗަށް ކޮންރެޑް މޯލްޑިވްސް ކުރި ހޯދުމާއެކު ގްރޫޕް ސީގެ ފޯރިގަދަވެއްޖެ އެވެ.
މިރޭގެ މެޗަށް ދެ ޓީމު ނުކުތް އިރު ސްޓެލްކޯ އޮތީ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ބިނާރާގެ މައްޗަށް 1-4 އިން ހޯދި މޮޅާއެކު ޓޭބަލްގެ އެއްވަނައިގަ އެވެ. އަނެއްކޮޅުން ކޮންރެޑް އޮތީ ފުރަތަމަ މެޗުގައި ކޯރާކޯރާ މޯލްޑިވްސް އަތުން 1-2 އިން ބަލިވެފަ އެވެ.
މިދިޔަ އަހަރުގެ ރިސޯޓް ލީގުގެ ޗެމްޕިއަންކަން ހޯދި ކޮންރެޑުން މިރޭ ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-2 އިންނެވެ.
މެޗުގެ ހަތްވަނަ މިނެޓްގައި ކޮންރެޑަށް ސްޓެލްކޯގެ ގޯލް ހުޅުވާލި ލަނޑު ޖަހައިދިނީ ޝަނާއު ނަސީރެވެ. މެޗުގެ ފުރަތަމަ ހާފު ކޮންރެޑުން ލީޑުގައި އޮވެގެން ނިންމާލި ނަމަވެސް ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނެޓްގެ ތެރޭގައި ސްޓެލްކޯގެ މުހައްމަދު ނަޒާމު ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. އެކަމަކު އެ ލަނޑާއެކު އަލުން ހިތްވަރު ހޯދައި ސްޓެލްކޯ އަށް މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލެވޭ ގޮތެއް ނުވި އެވެ. އޭގެ ބަދަލުގައި ދެން ފެނުނީ ކޮންރެޑަށް ފުރަތަމަ ލަނޑު ޖަހައިދިން ޝަނާއު އިތުރު ގޯލެއް ޖަހައި މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ކޮންރެޑަށް ޔަގީންކޮށްދިން ތަނެވެ.
މިރޭ ކުޅުނު ގްރޫޕް ސީގެ އަނެއް މެޗުގައި ކޯރާކޯރާއިން ވަނީ 0-1 އިން ކްލަބް ބިނާރާ ބަލިކޮށްފަ އެވެ. ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން މިއަހަރު ބޭއްވި ރާބަދި ޗެލެންޖުގެ ތަށި އުފުލާލި ކޯރާކޯރާއިން މިރޭގެ މެޗުގައި ކްލަބް ބިނާރާގެ ގޯލަށް ވައްދާލި ހަމައެކަނި ލަނޑަކީ މެޗުގެ ފަހު ހާފު ފެށުނު ތަނުން ބިނާރާގެ ކުޅުންތެރިއެއްެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިއީ ކޯރާކޯރާއިން މިފަހަރުގެ ކިންގްސް ކަޕްގައި ހޯދި ދެވަނަ މޮޅެވެ.
https://fahuminet.com/tournaments/kings-cup-2026
ގްރޫޕް ސީގައި މިރޭ ކުޅުނު ދެ މެޗަށްފަހު މި ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ކޯރާކޯރާ އެވެ. ސްޓެލްކޯ އާއި ކޮންރެޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން މިވަގުތު ކުރި ލިބެނީ ސްޓެލްކޯއަށެވެ.
މި ގްރޫޕްގައި ކޮންމެ ޓީމަކުންވެސް ކުޅޭ އެންމެ ފަހު މެޗު އޮންނާނީ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމާއި، ކޮންމެ ގްރޫޕަކުންވެސް ތިން ވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަގަޅު ދެ ޓީމެވެ.
