އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު ޖާގަ ލިބޭ ޓީމުތައް ކަނޑައެޅުމަށްޓަކައި އަންނަ މަހު މާލޭގައި ބާއްވާ ކޮލިފައިން ބުރުގެ ފަހު ޖާގަ ގދ. ގައްދޫ އިން ކަށަވަރު ކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ވާދަކުރާ ހަ ޓީމުގެ ތެރޭގައި ގައްދޫ ހިމެނުނީ މިހާރު ކުރިއަށްދާ ސައުތު ރީޖަން ލީގުގައި މިއަދު އައްޑޫ ސިޓީގެ ފޭދޫއާ ވާދަކޮށް 0-4 އިން މޮޅުވެ ލީގު ޗެމްޕިއަންކަން ހޯދައިގެންނެވެ.
އަމިއްލަ ރަށުގައި ފޭދޫއާ ވާދަކޮށް މިއަދު ހަވީރު ކުޅުނު މެޗުގައި ގައްދޫއިން ޖެހި ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. ތަޖުރިބާކާރު ކޯޗު މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ސައުތު ރީޖަން ލީގުގައި ވާދަކުރަމުން އަންނަ ގައްދޫ އިން މިއަދު ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މި ވަނީ މުބާރާތުގައި އެ ޓީމަށް އަދި ބާކީ އެއް މެޗު އޮއްވަ އެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުޅެމުން އަންނަ ސައުތު ރީޖަން ލީގުގައި ކޮންމެ ޓީމަކުން ވެސް ޖުމްލަ ހަ މެޗު ކުޅޭގޮތަށް ހަމަޖެހިފައި އޮތް އިރު ގައްދޫ އިން ވަނީ މިހާތަނަށް މި މުބާރާތުގައި އެ ޓީމު ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގައި ގައްދޫއިން ޖުމްލަ 15 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ. މި މުބާރާތުގައި ގައްދޫ އާއި ފޭދޫގެ އިތުރުން ދެން ވާދަކުރީ ލ. ގަމާއި ލ.ކުނަހަންދޫ އެވެ. ގައްދޫ އާއި އެންމެ ގާތުން ވާދަކޮށްފައިވަނީ 10 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ގަމެވެ.
ގައްދޫ އިން ވަނީ ސައުތު ރީޖަން ލީގު މުބާރާތަށް އައުމަށް ކުރި ދަތުރުގައި އަތޮޅު ޗެމްޕިއަން ކަމާއި، ސައުތު ރީޖަން ލީގު ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފައިން ޖޫން މަހުގެ ކުރީކޮޅު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސާފައިވާއިރު މި ބުރުގައި ވާދަކުރާނެ ހުރިހާ ޓީމެއް މިހާރު މިވަނީ ކަށަވަރުވެފަ އެވެ.
މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލިގުގެ ހަތް ވަނަ އަދި އަށް ވަނަ އަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ގައްދޫއާ އެކު މި ބުރުގައި ވާދަކުރާނީ މާލޭ ރީޖަންގެ ޗެމްޕިއަންކަން ހޯދި ބިސްބުރު ސްޕޯޓްސް ކްލަބާއި، ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދި ހއ. ދިއްދޫ އާއި ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދި ކ. ހުރާ އެވެ.
