ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ މެޗުތައް އީދު ބަންދަށް މެދުކަނޑާލުމަށްފަހު މާދަމާ ރޭ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 22 ވަނަ ދުވަހު ފެށި ކިންގްސް ކަޕް އީދު ބަންދަށް މެދު ކަނޑާލި އިރު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން ވެސް ވަނީ އެއް މެޗު ކުޅެފަ އެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ މިއަހަރުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ކުރިއަށްދާ ކިންގްސް ކަޕް ފެށީވެސް ގިނަ ބަޔަކު ސިއްސުވާލި ނަތީޖާއަކާ އެކު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބަށް މިދިޔަ އަހަރުގެ ސެކްޓާ ލީގުގެ ރަނަރަޕް މަގާމު ލިބުނު ހޯކްސްއާ ވާދަކޮށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާ އެވެ.
ފުޓްސަލްގެ މަޝްހޫރު ބައެއް ތަރިންނާ އެކު ޓީމު އިތުރަށް ވަރުގަދަކޮށްގެން ކިންގްސް ކަޕަށް ނުކުތް ހޯކްސް އިން އާރްއާރްސީ ބަލިކުރީ 1-3 އިންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ އެސްޓީއޯ ރިކްރިއޭޝަން ކްލަބާއި، ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކުރީ އެސްޓީއޯ އެވެ.
މި މުބާރާތުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުމެފައިވަނީ ގްރޫޕް އޭގައި އޭދަފުށްޓަށް ނިސްބަތްވާ އެއިޓީފޯ އެފްސީ އާއި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަމްސީލްކުރާ އެޗްޕީއެސްއެންއާ ދެމެދު ކުޅުނު މެޗުގަ އެވެ. މި މެޗު 2-6 އިން ކާމިޔާބުކުރީ އެއިޓީފޯ އެފްސީ އެވެ. މި މެޗުގައި އެއިޓީފޯ އެފްސީގެ ޒުވާން ފޯވާޑް އިމްތިޝާލް އަބްދުއްރަހީމް (ޕަބް) ވަނީ ތިން ގޯލްޖަހައި މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ.
ގްރޫޕް އޭ ގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ކްލަބް އެމްޓީސީސީ އާއި، އުތީމު އެފްސީ ވާދަކުރި މެޗު 1-4 އިން ކާމިޔާބުކުރީ އެމްޓީސީސީ އެވެ.
މިފަހަރުގެ ކިންގްސް ކަޕްގައި މިހާތަނަށް އެންމެ ވާދަވެރި ކުޅުމެއް ފެނުނު އެއް މެޗަކީ މި މުބާރާތުގައި ބައިވެރިވާ ދެ ރިސޯޓްގެ ދެމެދުގައި ކުޅުނު މެޗެވެ. ގްރޫޕް ސީގައި ހިމެނޭ ކޮންރެޑް މޯލްޑިވްސް އާއި ކޯރާކޯރާ މޯލްޑިވްސް ވާދަކުރި މެޗު 1-2 އިން ކާމިޔާބުކޮށްފައިވަނީ ކޯރާކޯރާ އެވެ.
ގްރޫޕް ސީގައި ދެން ހިމެނޭ ސްޓެލްކޯ ރިކްރިއޭޝަން ކްލަބާއި، ކްލަބް ބިނާރާގެ ކުރިމަތިލުން 1-4 އިން ކާމިޔާބުކޮށްފައިވަނީ ސްޓެލްކޯއިންނެވެ.
https://fahuminet.com/tournaments/kings-cup-2026
ކިންގްސް ކަޕް މާދަމާ ރޭ އަލުން ފަށާއިރު މާދަމާރެއަށް ހަތަރު މެޗު ވަނީ ތާވަލުކޮށްފަ އެވެ.
މާދަމާރޭ ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ އާރްއާރްސީ އާއި އެސްޓީއޯ ވާދަކުރާ މެޗެވެ. މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައިވެސް ކުޅުނު މި ދެ ޓީމުގެ ކުރިމަތިލުން ފަށާނީ މާދަމާ ރޭ 10 ޖަހާއިރު އެވެ.
