Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި
މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ނައިފަރު ޗެލްސީން އުފުލާލުން. މިއަހަރުގެ މުބާރާތުގައި 10 ޓީމު ވާދަކުރޭ. ފޮޓޯ: ކުރެންދޫ ކައުންސިލް

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 30 މެއި 2026

ޅ. ކުރެންދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައިފި އެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން ކުރެންދޫ ކައުންސިލް އިދާރާ އާއި އެރަށު އިޖުތިމާޢީ މަރުކަޒު ގުޅިގެން އިންތިޒާމުކުރާ މި މުބާރާތް ބާއްވާ މިއީ ތިންވަނަ އަހަރެވެ.

ޖޫން 5 އިން 13 އަށް ކުރެންދޫ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ހަވީރާއި ރޭގަނޑު ކުރިއަށްގެންދަން ރާވާފައިވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލީގު އުސޫލުން މެޗުތައް ކުޅުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކްރޮސްކޮށް ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.

މިފަހަރުގެ މުބާރާތުގައި ޅ. އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރިވެފައިވާއިރު އެންމެ ގިނަ ޓީމު ބައިވެރިވެފައިވަނީ ކުރެންދޫ އިންނެވެ. ކުރެންދޫއިން ފަސް ޓީމު ބައިވެރިވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އެފްސީ ބަދަވީން، ޒިފިއަންސް، ހުދުހާ ސްޕޯޓްސް ކްލަބް، ކްލަބް މާމަ ޓީމް އަދި މީމެންސް އެވެ.

އަތޮޅުގެ ވެރިކަންކުރާ ރަށް ނައިފަރުން ބައިވެރިވެފައިވަނީ މަޝްހޫރު ނައިފަރު ޗެލްސީ އާއި އެޕެކްސް ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގައި ދެން ބައިވެރިވެފައިވަނީ ހިންނަވަރަށް ނިސްބަތްވާ މަކާއު އާއި އޮޅުވެލިފުށީގެ ޓީމެއް ކަމަށްވާ މޮނާކީ އެފްސީގެ އިތުރުން ޅ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތް މިދިޔަ ދެ އަހަރުވެސް ކާމިޔާބުކޮށްފައިވަނީ ނައިފަރު ޗެލްސީއިންނެވެ. މިފަހަރުގެ މުބާރާތުގެ ގުރު ނެގުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2026 ގެ މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖެހުމާއެކު މުބާރާތަށް ޓީމުތަކުން ވަމުން އަންނަ ތައްޔާރީތަކާއި، މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދެމުން ދާނެ އެވެ. މީގެ އިތުރުން މުބާރާތުގައި ކުޅޭ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި މެޗުތަކުން ނުކުންނަ ގުޅިގެން ޕޮއިންޓް ޓޭބަލަށް އަންނަ ބަދަލުތަކާއި، އަދިވެސް މުހިންމު ވަރަށް ގިނަ މައުލޫމާތު ވަގުތުން ވަގުތަށް މި ނޫހުގެ ވެބްސައިޓްގައި އަދާހަމަކުރެވެމުންދާނެ އެވެ.

http://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026

މުބާރާތާ ގުޅޭ ހަބަރާއި، މައުލޫމާތު ގެނެސްދިނުމުގެ އިތުރުން މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތުވެސް މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލެވޭނެ އެވެ. މިގޮތުން މުބާރާތުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން މެޗުގެ ސްކޯ މި ނޫހުގެ ވެބްސައިޓްގައިވާ ސްކޯ ޕްރިޑިކްޓާ ޕޯޓަލްގައި ޖަހައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ބޫޓް ރޫމްގެ ހާއްސަ އިނާމެއްވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކުރެންދޫ އަކީ ފުޓްސަލްގައި ޅ. އަތޮޅުގެ އެންމެ ކާމިޔާބު ރަށެވެ. އެ ރަށުން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މިއަހަރު ހޯދައިފަ އެވެ.

ކޮމެންޓްސް

Matches
2
Ongoing
3
Upcoming
Settings