ކިންގްސް ކަޕްގެ ކުޅުން ރޭ ފެށިއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ގެ މައްޗަށް ހޯކްސް އިން ކުރި ހޯދައިފި އެވެ.
މަޝްހޫރު ކުޅުންތެރިން ހިމެނުނު ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ ކުރިން ވެސް ބެލެވުނީ އާރްއާރްސީއާ ދެކޮޅަށް ހޯކްސް އިން ވަރުގަދަ ކުޅުމެއް ދައްކާނެ ކަމަށެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކައި ހޯކްސް މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.
ކިންގްސް ކަޕަށް ހޯކްސް ނުކުތީ ދުރާލާ ތައްޔާރުވެ މަޝްހޫރު ކުޅުންތެރިންނާ އެކު އެވެ. ކިންގްސް ކަޕުން ހޯކްސް އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ސެކްޓާ ލީގުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.
ހޯކްސްގެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އޭދަފުށީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މުހައްމަދު ފާސިރު (ފާއްޓެ) އާއި އިޝާން އިބްރާހީމް (ސައްޓު) އެވެ. އަދި ގޯލްޑަން ފުޓްސަލްގައި އޭދަފުށިން ފެންނަ އުނައިޝް ޒުބައިރު އާއި އެހެން ބައެއް ރަށްރަށުގެ މަޝްހޫރު ކުޅުންތެރިން ވެސް އެޓީމުގައި ވަނީ ހިމަނައިފަ އެވެ.
ދިވެހި މޮޅެތި ކުޅުންތެރިންގެ އިތުރުން މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސްގައި ސްޓެލްކޯ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިޔާ އުލާން ވެސް ކުޅެނީ ހޯކްސް އަށެވެ.
އާރްއާރްސީގައި ތިބީ މދިިޔަ އަހަރެކޭ އެއްގޮތަށް ހުސް ތަރިންނެވެ. އެ ޓީމުގެ ތިމަރަފުށީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަހުމަދު އަފްލާޒު އާއި އިބްރާހިމް އަސްވަދު (ގަބޭ) ހިމެނެ އެވެ. މިދިޔަ އަހަރުގެ ކިންގްސް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ޝަނާން ރަޝާދު އާއި ޒައިން ޒަފަރު ވެސް ކުޅެނީ އާރްއާރްސީ އަށެވެ. އަދި އެންމެ މަޝްހޫރު އެއް ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) ވެސް ފެންނަނީ އާރްއާރްސީންނެވެ.
މެޗުގައި ހޯކްސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ފާސިރު އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ނާއިމް އެވެ. ހޯކްސް ތިން ގޯލުގެ ލީޑެއްގައި އޮއްވައި މެޗުގެ ފަހުކޮޅު އާރްއާރްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހާއްޕެ އެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އޭދަފުއްޓަށް ނިސްބަތްވާ އެއިޓީފޯ އެފްސީ ވަނީ 2-6 އިން އެޗްޕީއެސްއެން އަތުން މޮޅުވެފަ އެވެ. އެއިޓީފޯ ހޯދި ބޮޑު މޮޅުގައި އިމްތިސާލް އަބްދުއްރަހީމް ވަނީ ހެޓްރިކް ހަދައިފަ އެވެ.
https://fahuminet.com/tournaments/kings-cup-2026
މުބާރާތް ކުރިއަށްދަނީ ތިނ ްގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ. މިރޭގެ މެޗުތަކަށް ފަހު ބޮޑު އީދަށް ކިންގްސް ކަޕް މެދުކަނޑާލާނެ އެވެ. އީދު ބަންދަށް ފަހު ކުޅުން ފަށާނީ މޭ 31 ވަނަ ދުވަހު އެވެ.
ރޭގެ މެޗުތައް ފެށުމުގެ ކުރިން ވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވެސް ބާއްވައިފަ އެވެ.
ކިންގްސް ކަޕަކީ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ ހަތް މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތެވެ.
