ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
ޖުމްލަ ހަތް މުބާރާތެއް ހިމަނައިގެން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަން ތާވަލްކޮށްފައިވާ މި ސީޒަން ފަށާ ގޮތަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަންސް ލީގުގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ކިންގްސް ކަޕުންނެވެ.
ކިންގްސް ކަޕް މުބާރާތާއެކު ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން މިރޭ ފެށި ނަމަވެސް މާދަމާ ރެއަށްފަހު ބޮޑު އީދު ބަންދަން ސީޒަންގެ ކުޅުން މެދުކަނޑާލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އީދު ބަންދަށްފަހު އަލުން ސީޒަންގެ މެޗުތައް ފަށާ ގޮތަށް ހަމަޖެހިފައިވަނީ މޭ މަހުގެ 31 ވަނަ ދުވަހު އެވެ.
https://fahuminet.com/predict/leagues/eighty-four-sz79b/share
މިރޭ ފަށާ ކިންގްސް ކަޕްގައި ޖުމްލަ 12 ޓީމު ބައިވެރިވާ އިރު މުބާރާތް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމު ހިމެނޭ އިރު ގްރޫޕް އޭ ގައި އޮތީ ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން އާއި ތިލަ އުތުރު ފުޓްސަލް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އުތީމު އެފްސީގެ އިތުރުން އޮފީސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް ކްލަބް އެމްޓީސީސީ އާއި އޭދަފުށީ ފުޓްސަލް ކަޕްގެ އެންމެ ފަހުގެ ރަނަރަޕް އެއިޓީފޯ އެފްސީ އެވެ.
ގްރޫޕް ސީގައި އޮތީ ރިސޯޓް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް އާއި މި މަހުގެ ކުރީ ކޮޅު ނިމުނު އެމްޖޭއެސް ރާބަދި ޗެލްންޖުގެ ޗެމްޕިއަން ކޯރާ ކޯރާ މޯލްޑިވްސްގެ އިތުރުން ކްލަބް މޯލްޑިވްސް ކްލަސިކްގެ އެންމެ ފަހުގެ ރަނަރަޕް ކްލަބް ބިނާރާ އާއި އޮފީސް ލީގުގެ ޗެމްޕިއަން ސްޓެލްކޯ ރިކްރިއޭޝަން ކްލަބެވެ.
https://fahuminet.com/predict/leagues/relax-lodge-thoddoo-yel9b/share
މުބާރާތުގެ ގްރޫޕް ސްޓޭގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމާއި، ކޮންމެ ގްރޫޕަކުންވެސް ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ކުއާޓާ ފައިނަލްގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ހުރިހާ މުބާރާތެއްވެސް ކުރިއަށްގެންދަން ތާވަލްކޮށްފައިވާއިރު މިފަހަރުގެ ސީޒަންގައި މުޅިން އަލަށް ފަށާ މުބާރާތެއް ވަނީ ހިމަނައިފަ އެވެ. ކިޑްސަލްގެ ނަމުގައި އެކަޑަމީތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން ފަށާ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.
https://fahuminet.com/predict/leagues/bootroom-rv8hd/share
ކްލަބް މޯލްޑިވްސް ސީޒަންގައި ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވާ މުބާރާތަކީވެސް ކިޑްސަލް އެވެ. އުމުރުން 15 އަހަރުން ދަށުގެ ކުދިން ވާދަކުރާ މި މުބާރާތް ފަށާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކްލަބް މޯލްޑިވްސްގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ސީޒަންގެ މިފަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.
