Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ފުރުސަތު ބޮޑީ ހުރާއަށް، ކުޑަހުވަދޫއަށް އޮތީ ހޯމް އެޑްވާންޓޭޖް
ފުރުސަތު ބޮޑީ ހުރާއަށް، ކުޑަހުވަދޫއަށް އޮތީ ހޯމް އެޑްވާންޓޭޖް
ހުރާ ދަނޑުގައި ކުޑަހުވަދޫއާ ވާދަކޮށް އެއްވަރުވި މެޗުގެ ތެރެއިން. މިއަދު އޮތީ ޗެމްޕިއަންކަން ކަނޑައަޅާ މެޗު. ފޮޓޯ: ޕީއެސްއެމް

ފުރުސަތު ބޮޑީ ހުރާއަށް، ކުޑަހުވަދޫއަށް އޮތީ ހޯމް އެޑްވާންޓޭޖް

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 21 މެއި 2026

މިހާރު ކުރިއަށްދާ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދަން ދ. ކުޑަހުވަދޫ އާއި ކ. ހުރާ މިއަދު ވާދަކުރާނެ އެވެ.

މާލެ ފިޔަވައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވަމުން އަންނަ ރީޖަން ލީގު މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް ފެނުނު ސެންޓްރަލް ރީޖަން ލީގުގެ ފަހު ދެ މެޗު މިއަދު ކުޅެން ހަމަޖެހިފައިވާއިރު ކުޑަހުވަދޫ އާއި ހުރާ ވާދަކުރާ މެޗު އޮންނާނީ ކުޑަހުވަދޫގަ އެވެ.

ކުޑަހުވަދޫ އާއި ހުރާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ދެ ރަށެވެ. ވަކިން ހާއްސަކޮށް ހުރާއިން ވަނީ މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އަހަރުތަކެއް ވަންދެން ކުޅެ ރަން ކާމިޔާބީ ތަކެއް ހޯދައިފަ އެވެ.

ހުއްރިއްޔާ ސްޕޯޓްސް ކްލަބްގެ ނަމުގައި ހުރާ އިން ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ތަމްސީލްކުރި އިރު އެ ޓީމު ވަނީ ދިވެހި ލީގުގެ އިތުރުން ބޭރުގެ ކްލަބްތަކަށް ދައުވަތު ދީގެން ކުރިން ބާއްވަމުން އައި ޕޮމިސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.  މީގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ކުރިން ވިދާލި ދެ ފޯވާޑުން ކަމަށްވާ އަލީ ޝިހާމާއި، މައުސޫމް އަބްދުލް ގަފޫރާއި، މިޑްފީލްޑަރު ޢަބްދުﷲ އިބްރާހިމްގެ އިތުރުން ގޯލްކީޕަރު އިސްހާގު އީސާ އަކީ މުޅިންވެސް ހުރާގެ ކުޅުންތެރިންނެވެ.

ކުޑަހުވަދޫ އިން ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކްލަބްތަކުން ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގައި 2017 ވަނަ އަހަރު ކުޅެފަ އެވެ. ދިވެހި ޕްރިމިއާ ލީގުން ކުޑަހުވަދޫ ޖާގަ ހޯދީ އެ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. 

ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ ސެންޓްރަލް ރީޖަން ލީގުގައި ކުޑަހުވަދޫ އާއި ހުރާ މީގެ ކުރިން ހުރާ ގައި ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެން ނިމުނު އިރު މިއަދުގެ މެޗު އެއްވަރު ކޮށްލައިގެން ހުރާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވާނެ އެވެ. ކުޑަހުވަދޫ އަށް އޮތް ހަމައެކަނި ގޮތަކީ އެންމެ ލަނޑެއްގެ ތަފާތުން ނަމަވެސް މެޗު ކާމިޔާބުކުރުމެވެ.

ސެންޓްރަލް ރީޖަން ލީގުގެ އެއްވަނައިގައި ހުރާ އޮތީ 10 ޕޮއިންޓާއެކު އެވެ. ހުރާ އިން މިހާތަނަށް މި މުބާރާތުގައި ޖުމްލަ 11 ގޯލް ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ ތިން ގޯލެވެ. ކުޑަހުވަދޫ އަށް ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގައި އޮތް އިރު އެ ޓީމަށް މިހާތަނަށް މި މުބާރާތުގައި ކާމިޔާބުކުރެވިފައިވަނީ ހަ ގޯލެވެ. ބައިކޮޅަށް ފަސް ގޯލް ވަދެފައިވެ އެވެ.

https://fahuminet.com/tournaments/central-region-league-2026

ސެންޓްރަލް ލީގުގައި ދެން ވާދަކޮށްފައިވަނީ ހަ ޕޮއިންޓާއެކު ޓޭބަލްގެ ތިން ވަނައިގައި އޮތް މީދޫ އާއި ހަތަރު ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގައި އޮތް މަހިބަދޫ އެވެ.

އަންނަ ސީޒަންގައި އޮންނަ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމަށްޓަކައި ކުޅޭ ރީޖަން ލީގު ފުޓްބޯޅަ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ވާދަކުރާނީ އަންނަ މަހު މާލޭގައި ބާއްވަން ހަމަޖައްސާފައިވާ ދިވެހި ޕްރިމިާ ލީގު ކޮލިފިކޭޝަން ބުރުގަ އެވެ.

ރީޖަން ލީގު މުބާރާތްތަކުގެ ތެރެއިން މހާތަނަށް މި ބުރަށް ކިކލުފައިވަނީ މާލެ ރީޖަނުން ބިސްބުރާއި ނޯތު ރީޖަނުން ހއ. ދިއްދޫ އެވެ.

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings